90 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން " ޢުލޫމީ 90 " ގެ ނަމުގައި ބަހުސް މުބާރާތެއް ބާއްވަން ޅ. ނައިފަރުގައި ހުންނަ މަދަރަސަތުލް އިފްތިތާޙްއާއި އެރަށު ކައުންސިލުން ނިންމައިފިއެވެ.
މިމުބާރާތުގެ މަޤްޞަދަކީ ނައިފަރުގެ ޚާއްޞަ ފަންނެއް ކަމުގައިވާ ވާހަކަދެއްކުންތެރިކަން އިތުރަށް ކުރިއަރުވައި ބަހަށް ލޯބިހުރި ދަރިންތަކެއް އުފެއްދުމެވެ. މިމުބާރާތް އަމާޒުކުރެވިފައިވަނީ ނައިފަރުގެ މުއައްސަސާ ތަކަށާއި ، މަދަނީ ޖަމިއްޔާ ޖަމާޢަތްތަކަށާއި އަދި އެކަމަށް ޝައުޤުވެރިވާ ޢާއްމު ފަރާތްތަކަށެވެ. މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ޑިސެމްބަރު މަހުގެ 13 ގެ ކުރިން ފޯމަކުން ހުށަހަޅަން ޖެހެއެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ޢާއްމުކޮށް ހުޅުވައިލާފައެވެ. މުބާރާތް ކުރިޔަށް ދާނީ 2023ޑިސެންބަރު 19ން 20ށް ޖަލާލުއްދީނު މާލަމުގައެވެ.
އިނާމުގެ ގޮތުގައި 20,500 ރުފިޔާ އަށްވުރެ މަތިން އިނާމް ކަނޑައެޅިފައިވާ މި މުބާރާތުގައި ނައިފަރުގެ ކޮންމެ މުއައްސަސާ އަކުން އެއް ޓީމަށްވުރެ ގިނަ ޓީމު ބައިވެރި ކުރެވިދާނެ ކަމަށް މަދަރަސަތުލް އިފްތިތާޙުން މައުލޫމާތު ދެއެވެ.
advertisment
ހިޔާލު