ހިތަދޫ ސްކޫލު ޕީޓީއޭއިން ބެލެނިވެރިންގެ މަހާސިންތާއެއް ބާއްވަން ނިންމައިފިއެވެ. މި މަހާސިންތާ އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެ ސްކޫލުގައެވެ. މިއީ އެ ސްކޫލުން ބާއްވާ މިފަދަ ފުރަތަމަ މަހާސިންތާއެވެ.
އުނގެނުމާއި އުނގަންނައި ދިނުމުގައި ބެލެނިވެރިންގެ ހިއްސާ- ދަރިވަރުންގެ ކުރިއެރުން މި ޝިޔާރުގެ ދަށުން ބާއްވާ މި މަހާސިންތާ ޚާއްޞަ ކޮށްފައި ވަނީ ޕީޓީއޭގެ މަންދޫބުންގެ އިތުރުން ކީސްޓޭޖް ދޭއްގެ ބެލެނިވެރިންގެ ތެރެއިން އެކަމަށް އެދޭ ބެލެނިވެރިންނަށެވެ.
ދަރިވަރުންގެ ޤާބިލިއްޔަތުތައް ތަރައްޤީކުރުމަށް ބެލެނިވެރިންނަށް ކުރެވިދާނެ ކަންތައްތަކާއި ސްކޫލްގެ ޕޮލިސީތަކަށް ބެލެނިވެރިން އަހުލުވެރިކުރުވުމާއި ދަރިވަރުންގެ އުނގެނުމުގައި ބެލެނިވެރިންގެ ދައުރާ ގުޅޭ ގޮތުން މި މަހާސިންތާގައި މަޝްވަރާ ކުރާނެ ކަމަށް ހިތަދޫ ސްކޫލުން ބުނެއެވެ.
ހިތަދޫ ސްކޫލުގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުހައްމަދު ދީދީ ދަރިވަރު ނޫހަށް ވިދާޅުވީ، ސްކޫލް ހިންގުމުގައި ބެލެނިވެރިންގެ ދައުރު ވަރަށް މުހިންމު ކަމަށާއި، ބެލެނިވެރިންގެ ދައުރު ވިހާވެސް ފުޅާ ގޮތެއްގައި ބެލެނިވެރިންނަށް އެނގިފައި އޮތުން މުހިންމު ކަމަށެވެ. އަދި އެޑިޔުކޭޝަން މިނިސްޓްރީން އެކުލަވާލައިވާ ޕޮލިސީ ތަކުގެ އިތުރުން އެ ސްކޫލްގެ ޕޮލިސީތައް ބެލެނިވެރިންނަށް އެނގެންޖެހޭ ކަމަށާއި ކަރިކިއުލަމް ތަންފީޒު ކުރެވޭނީ ސްކޫލާއި ބެލެނިވެރިންނާ ގުޅިގެން ކަމަށެވެ.
" ކޮންމެ ކަމަކަށް ވެސް ވަކި ޕޮލިސީއެއް ހެދިފައި ހުންނައިރު އެ ޕޮލިސީއެއްގައި ފާހަގަކޮށްފައި ހުންނަ ކަންތައް ބެލެނިވެރިޔާއަށް އެނގެން އެބަޖެހޭ. އެ ޕޮލިސީތަކުގައި ބުނެފައިވާ އެއްޗެއް އެނގިގެން ބެލެނިވެރިޔާގެ ދައުރު އެންމެ ރަނގަޅަށް އަދާކުރެވޭނީ ވެސް" ޑރ. އާސިޔަތު ވިދާޅުވިއެވެ.
އާސިޔަތު ވިދާޅުވީ މިފަދަ އެހެން ބައްދަލުވުމެއް ކީ ސްޓޭޖް 3އަށް ޚާއްޞަކޮށްގެން ބާއްވާނެ ކަމަށާއި ކޮންމެ އަހަރަކު ވެސް މަދުވެގެން ދެ ބައްދަލުވުން ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
މިހާތަނަށް ލިބުނު ތަރުހީބަށް ބަލާއިރު މަދުވެގެން 100 އެއްހާ ބެލެނިވެރިން މަހާސިންތާގައި ބައިވެރިވާނެ ކަމަށް ހިތަދޫ ސްކޫލުން ބުނެއެވެ.
advertisment
ހިޔާލު