ރާއްޖެއަށް ޚާއްޞަކޮށްގެން އަހަރަކު 30 ސްކޮލަރޝިޕް ތުރުކީން ދޭން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މި ޔަޤީންކަން ދެއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ތުރުކީވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޚާއްޞަ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ތުރުކީވިލާތުގެ ނޭޝަންސް ލައިބްރަރީގައެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ތުރުކީވިލާތުގެ އިސްބޭފުޅުންނާއެކު ބޭއްވެވި ބައްދަލުވުމުގައި 2024 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއަށް ޚާއްޞަކޮށް 30 ސްކޮލަރޝިޕް ފުރުޞަތު ދެއްވާނެކަމުގެ ޔަޤީންކަން ދެއްވި ކަމަށެވެ. އަދި މި ފުރުޞަތުތައް މިއަންނަ ޖެނުއަރީ މަހު ހުޅުވާލައްވާނެކަމަށް ތުރުކީވިލާތުގެ އިސްބޭފުޅުން ވިދާޅުވެފައިވާކަން ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭން ބޭރުގައި ކިޔަވާ ހުރިހާ ކުދިންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކޮށްދެއްވާނެ ކަމަށާއި، ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށްގެން އެކަންކަން ފަސޭހަކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މީގެ އިތުރުންވެސް ސަރުކާރުގެ ފުރިހަމަ ސަޕޯޓް ބޭރުގައި ކިޔަވާ ހުރިހާ ކުދިންނަށް ލިބޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
advertisment
ހިޔާލު