ހަތަރު ސްކޫލަކަށް ޕްރިންސިޕަލުން ހޯދަން އެޑިޔުކޭޝަން މިނިސްޓްރީން އިއުލާން ކޮށްފިއެވެ.
ޕްރިންސިޕަލުން ހޯދަނީ، ނ. މާފަރު ސްކޫލާއި ކުޅުދުއްފުށީގައި ހުންނަ އަފީފުއްދީން ސްކޫލާއި ށ. ބިލެތްފަހީ ސްކޫލްގެ އިތުރުން ރ. އަތޮޅު މަދަރުސާއަށެވެ.
އަފީފުއްދީނަށް ޕްރިންސިޕެލެއް ހޯދަން މީގެ ކުރިން ވެސް އިއުލާން ކުރިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން މި ހަތަރު ސްކޫލުގެ ޕްރިންސިޕަލް ކަމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ 13:30އެވެ.
ޕްރިންސިޕަލް މަގާމުގެ ރޭންކު އެކެއްގެ ޝަރުޠުގެ ގޮތުގައި މި އިއުލާނުގައި ބުނެފައި ވަނީ، ވަނީ ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަވެފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސުކޫލެއްގައި ކިޔަވައިދިނުމުގައި މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 4 އަހަރު ޚިދުމަތްކޮށްފައިވުމެވެ. ނޫނީ ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސްކޫލެއްގައި ކިޔަވައިދިނުމުގައި މަދުމެގެން 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 8 އަހަރު ޚިދުމަތްކޮށްފައިވުމެވެ.
ރޭންކު އެކަކަށް ޝަރުޠު ހަމަވާ ޕްރިންސިޕަލެއްގެ އަސާސި މުސާރައަކީ 16،647ރުފިޔާއެވެ. މަޤާމުގެ އެލަވަންސްގެ ގޮތުގައި 9،534 ރުފިޔާ ލިބޭއިރު، ހާޒިރީ އެލަވަންސެއްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކު 258 ރުފިޔާ ލިބެއެވެ. ރޭންކު ދޭއްގެ ޕްރިންސިޕަލެއްގެ އަސާސީ މުސާރައަކީ 17،985 ރުފިޔާއެވެ. މަޤާމުގެ އެލަވަންސްގެ ގޮތުގައި 10،300 ރުފިޔާ ގެ އިތުރުން ހާޒިރީ އެލަވަންސަކީ 279 ރުފިޔާއެވެ.
advertisment
ހިޔާލު