ހިންމަފުށީ ސްކޫލުގެ ލައިބްރަރީ މަރާމާތު ކުރުމަށްފަހު އަލުން ހުޅުވައިފިއެވެ. ލައިބްރަރީ މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ ހިންމަފުށީ ކައުންސިލުންނެވެ.
ހިންމަފުށީ ކައުންސިލުގެ ރައީސް ހަސަން ފާއިޒު ވިދާޅުވީ ސްކޫލުގެ ލައިބްރަރީ މަރާމާތު ކުރަން ފެށީ ދުވަސްވެ ބާވުމުގެ ސަބަބުން ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމުގެ ގޮތުންނެވެ.

އޭނާ ވިދާޅުވީ ލައިބްރަރީ އަލުން ހުޅުވީ ދަރިވަރުން ފޮތް ކިޔުމަށާއި އުނގެނުމަށް ބޭނުންވާ ފަހި މާހައުލެއް އޮންނާނެ ގޮތަށް ވިސްނައިގެން ސްކޫލުން ބޭނުންވި ގޮތަށް ކަމަށެވެ. އަދި އެ ލައިބްރަރީގެ ތެރޭގައި ތުއްތު ކުދިންނަށް ވަކިބައެއް ޚާއްޞަ ކޮށްފައި ވާނެ ކަމަށް ހަސަން ވިދާޅުވިއެވެ.

ލައިބްރަރީގައި ދަރިވަރުންނަށް ފޮތް ކިޔާނެ ފަސޭހަ އިންތިޒާމް ތަކެއް ހަމަޖައްސާފައިވާއިރު، ތުއްތު ކުދިންނަށް ފަސޭހައިން އިށީދެ ތިބެ ފޮތް ކިޔުމަށް ބީންބޭގް ތަކެއް ވެސް ވަނީ ބަހައްޓާފައެވެ.
ދޮޅު މަސްދުވަހުގެ މަސައްތުން، ހިތްގައިމު ލައިބްރަރީއެއް ފައްކާއިރު 195،550 ރުފިޔާ ޚަރަދުވި ކަމަށް ހިންމަފުށީ ކައުންސިލުން ބުންޏެވެ.

ހިންމަފުށީ ކައުންސިލުން ބުނީ އެރަށު ސްކޫލަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ދުވަސްވި އިމާރާތްތަކެއްގައި ކިޔަވައިދޭން ޖެހުމެވެ. އެކަން ހައްލު ކުރުމުގެ ގޮތުން ކައުންސިލަށް ކޮށްދެވެން ހުރި ކަންތައްތައް ދެނެގަނެ އެކަންތައްތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރައްވާ ކަމަށް ހަސަން ވިދާޅުވިއެވެ.
ހިންމަފުށީ ސްކޫލުގައި 250އާ ކައިރިކުރާ އަދަދެއްގެ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު