ދިރާސީ އަހަރެއް ކުރު ކުރާނަމަ "ކަރިކިއުލަމް ޓައިމް" ކުދީންނަށް ނުގެއްލޭނެ ގޮތެއް ހޯދައިދޭންޖެހޭ ކަމަށް ކުރީގެ ތަޢުލީމީ ވަޒީރު ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.
ދިރާސީ އާ އަހަރު ކުރިން އޮތް ގޮތަށް ބަދަލުކުރަން ކުރީގެ ސަރުކާރުން ނިންމި ނިންމީ، އެކަށީގެންވާ ދިރާސާއެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށް ތަޢުލީމީ އާ ވަޒީރު ވިދާޅުވުމާ ގުޅިގެންނެވެ.
ޑރ. ޢާއިޝަތު ޢަލީ އެކަމަނާގެ ފޭސްބުކު ޕޭޖުގައި އިއްޔެ ލިޔުއްވާފައިވާ ގޮތުގައި ދިރާސީ އަހަރަށް ގެނެވޭ ކޮންމެ ބަދަލަކީ ދަރިވަރުންގެ މުޅި ޙަޔާތަށް އޭގެ އަސަރު ކުރާނޭ ބަދަލެއް ކަމަށެވެ.
" އަޅުގަނޑު ކިޔެވި ފޮތްތަކުންނާއި އަޅުގަނޑަށް ކިޔަވާދެއްވި ދާރިސުންގެ އަރިހުންނާއި ތަޢުލީމީ ދާއިރާއިން ލިބުނު ތަޖްރިބާއިން ދަސްވި އެކައްޗަކީ ދަރިވަރުން މަންހަޖް އުނގެނެން ހޭދަކުރާ ވަގުތު ކުރުކުރުމަކީ ހެޔޮވާނެކަމެއް ނޫންކަމެވެ. މި ވާހަކަ މި ދަންނަވާލީ ދިރާސީ އަހަރު ކުރުކުރާން އުޅޭ ކަހަލަ އަޑުތަކެއް އިވިގެން އެކަމާ ކަންބޮޑުވީލެން ބޮޑުކަމުންނެވެ." ޢާއިޝަތު ޢަލީ ލިޔުއްވާފައިވެއެވެ.
"ދިރާސީ އަހަރެއް ކުރު ކުރާނަމަ "ކަރިކިއުލަމް ޓައިމް" ކުދީންނަށް ނުގެއްލޭނެ ގޮތެއް ހޯދައިދޭންޖެހޭނެ. އޯ ލެވެލް ހަދާ ކުދިންނަށް މިހާރުވެސް ދެ އަހަރުން ނުނިންމޭ ކަމަށް ބުނާ މުޤައްރަރު ނިންމޭނެ ގޮތެއް ހޯދައިދޭން ޖެހޭނެ. އޭއެސް ލެވެލް އާއި އޭޓޫ ލެވެލްގެ އިމްތިހާނުތަކުގައި އެއް އަހަރު ކިޔެވުމަށްފަހު ބައިވެރިވާ ކުދިންނަށް ސްޓްރެސް ފްރީކޮށް ކިޔަވާ އިމްތިހާނުގައި ބައިވެރި ވެވޭނެ މަގު ފަހިކޮށްދޭން ޖެހޭނެ"

2020ވަނަ އަހަރު މުޅި ދުނިޔެ ކުރިމަތިލާންޖެހުނު ކޮވިޑްގެ އާލަމީ ވަބާގެ މަތިންނާއި މިކަމާއި ގުޅިގެން ގިނަ ދުވަސްތަކަކަށް ސްކޫލްތައް ބަންދުކުރަން ޖެހުނުކަމާއި މިކަމުގެ ސަބަބުން ދަރިވަރުންގެ އުނގެނުމަށް އައި ހީނަރުކަމާއި އެ ކުދިންގެ އިޖްތިމާޢީ ތަރައްޤީ އާއި ނަފްސާނީ ދުޅަހެޔޮ ކަމަށް ކުރި އަސަރު ހަމަ ޤައިމު ވެސް އެކަމަނާ ހަނދާން ހުންނެވި ކަމަށް ލިޔުއްވާފައިވެއެވެ. އަދި ދަރިވަރުންނަށް ލިބުނު ގެއްލުންތައް ފޫބައްދަން 2020 ވަނަ އަހަރު ކުރި މަސައްކަތް އޭނާއެކު ބައިވެރިވި ތަޢުލީމީ ދާއިރާގެ ހުރިހާ ބޭފުޅުން ވެސް ހަނދާން ނެތޭހާ ގިނަ ދުވަހެއް އަދި ނުވާނެ ކަމަށް ޢާއިޝަތު ޢަލީ ވިދާޅުވެފައިވެއެވެ.
އެކަމަނާ ވިދާޅުވީ، އެ ސަބަބުތަކާހުރެ 2020 ވަނަ އަހަރުގެ ދިރާސީ އަހަރު ދޮޅު އަހަރަށް ދިގު ދައްމާލަން މަޖްބޫރުވި ކަމަށެވެ. " މޮޅެތި ދިރާސާވެރިންނަށް އަދި މިކަމާ ގުޅިގެން ދިރާސާ ހެދިފައި ނެތަތީވެ އެ ދުވަސްވަރުގެ ކަންކަން ނޭނގިދާނެއެވެ. ނަމަވެސް ދަރިވަރުންގެ އުނގެނުމަށް ކުރި އަސަރު ތަޖްރިބާ ކުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް އެކަންކަން އެނގެއެވެ. ތެދު ހައްދަވަނީނަމަ މިކަމުގެ އަސަރުތައް ތަޖުރިބާ ކުރި އެހެން ބޭބޭފުޅުންނަށް ވެސް މިއީ ދޮގެކޭ ބުނާކަށް ނުކެރޭނެއެވެ"
ރިސޯޓުތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ޢާއިލާތަކުގެ އެދުމުގެ މަތީން ދިރާސީ އަހަރު ބަދަލުކުރުމުގެ ދިރާސާތައް ހެއްދެވިކަމަށް ބަޔާން ކުރައްވައި، ވިދާޅުވީ ދިރާސީ އަހަރު ބަދަލުކުރަން ގިނަ ފަރާތްތަކަކުން އެކަމަށް ބޭނުންވެސްވި ކަމަށެވެ. ނަމަވެސް ދިރާސީ އަހަރާ ކުޅުމުން ދަރިވަރުންގެ ކިޔެވުމަށް ކޮށްފާނެ އަސަރަކަށްޓަކައި އެކަން މަޑުޖައްސާލައިގެން ތިއްބާ ކޮވިޑްގެ ސަބަބުން 2020 ވަނަ އަހަރު ދިރާސީ އަހަރު ދިގުދައްމާލަން މަޖްބޫރުވެ، ދިރާސީ އަހަރަށް ބަދަލު ގެނައުމުގެ ފުރުސަތު ފަހިވި ކަމަށް ޑރ. ޢާއިޝަތު ޢަލީ ލިޔުއްވާފައިވެއެވެ.
ލިޔުން ނިންމާލައްވަމުން އެކަމަނާ ދެން އުފެއްދެވި ސުވާލަކީ އެ މޮޅު ދިރާސާ ތަކުން މިކަމަށް ފޯމިއުލާއެއް ހޯދިދާނެބާއެވެ؟ ކޮވިޑްގެ އާލަމީ ވަބާއަކީ ނުވާ ކަމަކަށް ހެދި ދާނެ ބާއެވެ؟
advertisment
ހިޔާލު