ކިނބިދޫ ސްކޫލުން ބޭއްވި ތިން ދުވަހުގެ ކޭމްޕުން ދިރިއުޅުމަށް ދަރިވަރުން ތައްޔާރު ކުރުމުގެ ޢަމަލީ އެތައް ހުނަރެއް ދަސްކޮށްދެވުނު ކަމަށް އެ ސްކޫލުން ބުނެފިއެވެ.
"ދިރިއުޅުމަށް ތައްޔާރުވަމާ" ކޭމްޕް މީގެ ކުރިން ކުރިއަށް ގެންދަނީ އެއް ދުވަހަށެވެ. މި ފަހަރު ކުރިއަށް ގެންދިޔައީ ނޮވެމްބަރު މަހުގެ 10ން 13އަށް، ތިން ދުވަހަށެވެ.

ކިނބިދޫ ސްކޫލުން ބުނީ މި ކޭމްޕުން، ޤައުމީ މަންހަޖުގެ ތަޞައްވަރު ކަމުގައިވާ ދިރިއުޅުމަށް ދަރިވަރުން ތައްޔާރު ކުރުމާއި އިޚްތިރާމް ކުރުމާއި ވަގުތައް ކަމޭހިތުމުގެ ރީތި އާދަ ދަސްކޮށްދެވި ޢަމަލީ ގޮތުން އެކަން ކުރުވި ކަމަށެވެ. އަދި ދިރިއުޅުމުގެ އާންމު އުޞޫލުތަކާއި ހަމަތަކާއި މިންގަނޑު އަދި ދިރިއުޅުމަށް ކުރާ މަސައްކަތުގެ ހުނަރު ދަސްކޮށްދެވުނު ކަމަށެވެ. ކޮންމެ ދަރިވަރެއްގެ ކިބައިގައިވެސް އާންމު އުޞޫލުތަކާއި އާދަކާދައާއި ރިވެތި އޚްލާޤް އަށަގެންނެވުނު ކަމަށް އެ ސްކޫލުން ބުނެއެވެ.

ކިނބިދޫ ސްކޫލޫގެ ހުރިހާ ކުދިންނަށް މި ކޭމްޕް ކުރިއަށް ގެންދިޔައީ އެކި އުމުރު ފުރައިގެ ދަރިވަރުންނަށް އެންމެ އެކަށޭނެ ގޮތަށެވެ. ގުރޭޑް 7ން 10 ގެ ދަރިވަރުންނަށް ކޭމްޕް ކުރިއަށް ގެންދިޔައީ ތިން ދުވަހުގެ މުއްދަތަށް އެ ސްކޫލުގައެވެ.
ކޭމްޕް ކުރިއަށް ގެންދިޔައީ ތަފާތު މޮޑިއުލްތަކެއްގެ މައްޗަށް ބިނާކޮށެވެ. އޭގެތެރޭގައި ހިމެނީ ދަރިވަރުންގެ ކެއުމުގެ ކަންތައްތަކާއި އައްނައުނު ދޮވެ އިސްތިރިކުރުން ފަދަ ދިރިއުޅުމުގެ ހުނަރުތަކެވެ. އޭގެ އިތުރުން ވަގުތަށް ނަމާދު ކުރުމާއި ނަމާދުގައި ކިޔާ ދުއާތަކާއި ޒިކުރުތައް ދަސްކޮށް އަމަލީ ގޮތުން ނަމާދުގައި ކިޔުން ކުރިއަށް ގެންދިޔައެވެ. އަދި ބެލެނިވެރިންނާއި މުދައްރިސުންނާއި އުމުރުން ދުވަސްވީ މީހުންނަށް ކަމޭހިތުމާ ގުޅޭ ދަރުސްތަކެއް ޑރ. އަބްދުއްސައްތާރާއި ފުލުހުންގެ ބައިވެރިވުމާއެކު ކުރިއަށް ގެންދިޔައެވެ.

ކިނބިދޫ ސްކޫލުގެ ޕްރިންސިޕަލް އަޙްމަދު އަބްދުﷲ ދަރިވަރު ނޫހަށް ވިދާޅުވީ، މި ފަހަރުގެ ކޭމްޕު ރޭވި ގޮތުން ގިނަ ކަންތައްތަކެއް ޢަމަލީ ގޮތުން ދަރިވަރުންނަށް ދަސްވި ކަމަށާއި އަދި އެ ދަރިވަރުންގެ ހުނަރު މި ކޭމްޕުން ފެނިގެން ދިޔަ ކަމަށެވެ.
" ދަރިވަރުންގެ ތިން އިރުގެ ކޮއްތަށް ބޭނުންވާ ސާމާނު ހަމަކުރުމުގެ އިތުރުން އަޅުގަނޑުމެން ކަނޑައަޅާ މެނޫތަކެއްގެ ތެރެއިން މެނޫއަކަށް ކެއްކުމާއި، އަދި އެ ކައްކާ އެއްޗެއް ހުށަހަޅައިދިނުމުން އެއަށް ޖަޖް ކުރުން ވެސް އެއީ ކުރިއަށް ގެންދިޔަ މުހިންމު ބައެއް." އަހްމަދު ވިދާޅުވިއެވެ.

ތިން ދުވަހުގެ މެނޫގައި ހިމަނާފައި ވާނީ ދިވެހިން މައިގަނޑު ގޮތެއްގައި ކެއުމުގައި ބޭނުންކުރާ ގަރުދިޔަ، ރިހަ، ކިރުގަރުދިޔަ، ބަތް، ނޫޑްލީސް އަދި ޕާސްތާ ފަދަ ބާވަތްތަކެވެ. އަދި މަސް ކެނޑުމާއި މަސްފިހެ، މަސްތެލުމުގެ މަސައްކަތް ވެސް އޭގެތެރޭގައި ހިމެނެއެވެ. މަސްކެނޑުމާއި ހުނިގޭނުމާއި ތެޔޮ ރޮއްޓާއި ހުނިރޮށި ފިހުން ވެސް ކެއުމުގެ ބައިގެ ތެރޭގައި ދަސްކޮށްދީފައިވެއެވެ.
" ކެއްކުމަށް ބޭނުންކުރާ ސާމަނާއި ކައްކާއިރު ބޭނުންކުރާނެ ތަކެއްޗާއި މިންގަޑު ނިންމަނީ ކުދިން އަމިއްލައަށް. ހުރިހާ މަސައްކަތެއް ކުރިއަށް ދާއިރު ކިޔައިދޭން ބެލެނިވެރިއަކު ހުންނާނެ. އެ ބެލެނިވެރިޔާއަށް އެހީތެރިވުމުގެ ގޮތުން އެއްވެސް ކަމެއްގައި ބައިވެރިއެއް ނުވޭނެ" އަޙްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޖަމާއަތުގައި ހުރިހާ ކުދިން ނަމާދު ކުރާއިރު، އިމާމުވެ ނަމާދު ކުރީ ވެސް ދަރިވަރުންނެވެ. އެ ދަރިވަރުން އިމާމުވެ ނަމާދު ކުރުމުގެ ކުރިން ހުރިހާ ދުޢާއަކާއި ޒިކުރުތަކެއް ވެސް ދަސްކުރި ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.
" ކަރަންޓް ވައިރުކުރުމާއި ފަންގިވިނުމާއި ރޯނު ވެށުމާއި ޖޯލިގެތުން ތަފާތު ވައްތަރު ގޮށް ޖަހަން ދަސްކޮށް ދިނުމާއި ބުޅީގައި އަސްޖެހުން އެކަހަލަ ބޭސިކް ހުރިހާ ހުނަރެއް ހިމަނައިގެން މި ކޭމްޕް އަޅުގަނޑުމެން ބައްޓަން ކުރީ"
އަޙްމަދު ވިދާޅުވީ ކޭމްޕްގައި ކުރިއަށް ގެންދިޔަ ދިރިއުޅުމުގެ ހުނަރުތަކަށް ދަރިވަރުން އަހުލުވެފައިވާ މިންވަރާއި އެކަންތައްތައް ދިރިއުޅުމުގައި ބޭނުންކުރާ މިންވަރު ދެނެގަތުމުގެ މަސައްކަތް އެ ސްކޫލުން ކުރިއަށް ގެންދާނެ ކަމަށެވެ.

" ބޭނުމަކީ އާންމު ދިރިއުޅުމުގައި ދާއިމީ ގޮތެއްގައި އެ ހުނަރުތައް ކުދިންގެ ކިބައިން ފެނުން. އެގޮތަށް މަސައްކަތް ކުރާ ކުދިބަޔަކު މުޖްތަމައަށް ނެރުން" ޕްރިންސިޕަލް އަޙްމަދު ވިދާޅުވިއެވެ.
ކޭމްޕްގެ ހުރިހާ ކަމެއް އެހާ ފުރިހަމައަށް ދިޔައީ ކިނބިދޫގެ ހުރިހާ މުއައްސަސާތަކުންނާއި ބެލެނިވެރިން އަދި މުދައްރިސުން ދިން އެއްބާރުލުމާއި އެހީތެރިކަމުގެ ސަބަބުން ކަމަށް އެ ސްކޫލުން ފާހަގަކުރެއެވެ.
advertisment
ހިޔާލު