ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރަކަށް ޑރ. ޝަޢުޤީ، ވައިސް ޗާންސެލަރަކަށް ޑރ ޝެހެނާޒު

ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރަކަށް ޑރ. މަޙްމަދޫ ޝަޢުޤީ، ވައިސް ޗާންސެލަރަކަށް ޑރ ޢާއިޝަތު ޝެހެނާޒު އާދަމް އައްޔަން ކުރައްވައިފިއެވެ.

ޑރ. ޝެހެނާޒަކީ ރާއްޖޭގެ ޔުނިވަރސިޓީއެއްގެ ފުރަތަމަ އަންހެން ވައިސް ޗާންސެލަރެވެ.

ޑރ. ޝައުޤީ ވަނީ މީގެ ކުރިން ދެ ވުޒާރާއެއްގެ ވަޒީރުކަން ކުރައްވާފައެވެ. އެއީ ތަޢުލީމީ ވަޒީރުކަމާއި ފަތުރުވެރިކަމާބެހޭ ވަޒީރުކަމެވެ.

ޑރ. ޝެހެނާޒު އެންމެ ފަހުން މަސައްކަތް ކުރެއްވީ ވެސް ޤައުމީ ޔުނިވަރސިޓީގައެވެ.

ޝެހެނާޒް އާދަމް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އޮފް ރިސަރޗް އެންޑް އެންޓަރޕްރައިޒްގެ މަޤާމަށް ޢައްޔަން ކުރައްވާފައިވަނީ 14 ނޮވެމްބަރު 2019 ގައެވެ. އޭނާގެ ދައުރު ހަމަވީ ފާއިތުވި ހަފްތާގެ ތެރޭގައެވެ.

ޑރ. ޝެހެނާޒު ވަނީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ނިއުކާސަލްއިން 1995 ވަނަ އަހަރު މެތަމެޓިކްސް އެންޑް އެޑިއުކޭޝަންގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ޙާޞިލުކުރައްވާފައެވެ. އަދި ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ އިން މެތަމެޓިކްސް އެޑިއުކޭޝަން (1998) އަދި މާސްޓާސް އޮފް ފިލޯސަފީ އިން މެތަމެޓިކްސް އެޑިއުކޭޝަން (1999) ހާސިލްކުރެއްވީ ނިއުޒީލެންޑްގެ ޔުނިވާސިޓީ އޮފް ވައިކާޓޯ އިންނެވެ.

ޑރ. ޝެހެނާޒު ވަނީ 2004 ވަނަ އަހަރު ނިއުޒިލޭންޑްގެ ޔުނިވަރސިޓީ އޮފް އޮކްލޭންޑުން ޑޮކްޓަރ އޮފް ފިލޯސަފީ އިން މެތަމެޓިކްސް އެޑިއުކޭޝަން ޙާޞިލުކުރެއްވުމަށްފަހު، 2005 ވަނަ އަހަރު ފެއަރބޭންކްސްގެ ޔުނިވަރސިޓީ އޮފް އެލަސްކާއިން ޕޯސްޓްޑޮކްޓޯރަލް ރިސަރޗް ފެލޯޝިޕެއް ޙާޞިލުކުރައްވާފައެވެ.

އާދަމް އަކީ 1995 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ތައުލީމީ ދާއިރާގައި އެކި މަގާމުތަކުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ޝެހެނާޒު ވަނީ ޔުނެސްކޯ އެޑިއުކޭޝަން ފޯ އޯލް (އީއެފްއޭ) ޕްރޮގްރާމްގެ ނޭޝަނަލް ކޯޑިނޭޓަރުކަމާއި އެޑްވައިޒަރީ ބޯޑް ފޯ ލައިވް އެންޑް ލާރން (މޯލްޑިވްސް) އެންވަޔަރަންމަންޓަލް އެޑިއުކޭޝަންގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވާފައެވެ. މީގެ އިތުރުން ޑރ.އާދަމް ވަނީ ފޮތްތައް ޝާއިޢުކުރައްވައި، ގިނަ ޖާނަލްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުމުގެ އިތުރުން ރާއްޖޭގެ ތަޢުލީމާއި މަތީ ތަޢުލީމާއި ގުޅުންހުރި މަޝްރޫޢުތަކުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *