ދެމެހެއްޓެނިވި ތަރައްޤީއަށް އަމާޒުކޮށް ޤައުމީ ޔުނިވަރސިޓީގެ ފެސްޓްގެ ފުރަތަމަ ބައިނަލްއަޤުވާމީ ކޮންފަރެންސް ފަށައިފިއެވެ.
"އިނޮވޭޝަންސް އިން އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީ ފޯ ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް" ގެ ނަމުގައި ކުރިއަށް ގެންދާ މި ކޮންފަރެންސް ކުރިއަށް ދާނީ 15 ނޮވެމްބަރުން 16 ނޮވެމްބަރަށެވެ.
މި ކޮންފަރެންސް ފައްޓަވައި ދެއްވީ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ.
ޤައުމީ ޔުނިވަރސިޓީގެ އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީ ފެކަލްޓީން ބުނީ މި ކޮންފަރެންސްގައި މި ކޮންފަރެންސަށް 89 ކަރުދާސް ހުށަހެޅި ކަމަށާއި އޭގެ ތެރެއިން 81 ކަރުދާސް ހުށަހަޅަން ފުރުޞަތު ދީފައިވާއިރު، މަދުވެގެން 60 ކަރުދާސް ހުށަހަޅާނެ ކަމަށެވެ. މި ކޮންންފަރެންސަށް ހުށަހަޅާ ހުރިހާ ކަރުދާހަކީ " ޑަބަލް ބްލައިންޑް ރިވިއު ޕްރޮސެސް" އަކުން ފާސްވި ކަރުދާސްތައް ކަމަށް ފެސްޓުން ޔަގީންކަންދެއެވެ.
ފެސްޓުން ބުނީ، މި ކޮންފަރެންސަށް ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންނާއި ސްޓާފުން ހިމެނޭހެން 30 ކަރުދާހެއް ހުށަހަޅާނެ ކަމަށެވެ. ކޮންފަރެންސަށް ހުށަހަޅާ ކަރުދާސް ތަކުގެ ތެރެއިން ހޮވޭ ކަރުދާސްތައް ބޭރުގެ ޖާނަލެއްގައި ޝާއިއުކުރަން ނިންމާފައިވާ ކަމަށް ފެސްޓުން ބުނެއެވެ.
މި ކޮންފަރެންސްގައި ތަގުރީރު ކުރައްވާ ބޭފުޅުންގެ ތެރޭގައި ޕްރޮފްސަރ ހަސަން އުގައިލްވެސް ހިމެނިވަޑައިގަންނަވައެވެ.
ފުރަތަމަ ކޮންފަރެންސް ވަރަށް ކާމިޔާބު ކަމަށް ފެސްޓުން ބުނެއެވެ.
advertisment
ހިޔާލު