ޞަލާޙުއްދީން ސްކޫލް ރަސްމީކޮށް ހުޅުވައިފި

ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ ޞަލާޙުއްދީން ސްކޫލް ރަސްމީކޮށް ރޭ ހުޅުވައިފިއެވެ. އެ ސްކޫލް ހުޅުވައިދެއްވީ، އެޑިޔުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީއެވެ. މިނިސްޓަރުގެ އިތުރުން އެ މިނިސްޓްރީގެ އިސް ވެރިންނާއި މާލޭ ސްކޫލުތަކުގެ ޕްރިންސިޕަލުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމީކޮށް ރޭ ހުޅުވި ނަމަވެސް މި އަހަރުގެ އޮގަސްޓް މަހުގެ ހަ ވަނަ ދުވަހު ފެށި ދިރާސީ އައު އަހަރާއެކު އެ ސްކޫލްގައި އަންނަނީ ކިޔަވައި ދެމުންނެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގައި ތަޢުލީމު ފެށިގެން ދިޔަގޮތުގެ މައްޗަށް މިނިސްޓަރުގެ ވާހަކަފުޅުގައި އަލިއަޅުވާލާފައިވެއެވެ.

އެގޮތުން އެ ސްކޫލުގެ ނަން ނިސްބަތްވާ ފަޟީލަތުއް ޝައިޚު ޙުސެއިން ޞަލާޙުއްދީނަކި ރާއްޖޭގެ ނިޒާމީ ތަޢުލީމު ފެއްޓެވި އަދީބުކަމުގައި ފާހަގަކުރެއްވިއެވެ. މީގެއިތުރުން އެ ސްކޫލުން ތަރުބިއްޔަތުވެގެން މުޖުތަމަޢަށް ނުކުންނަ ކޮންމެ ދަރިވަރަކީ ވެސް ޞަލާޙުއްދީންގެ ޙަޔާތްޕުޅުން ފިލާވަޅުތައް ލިބިގަނެ، އަދަބުވެރިކަމާއި ދަރުމަވެރިކަމާއި އެހީތެރިވުންފަދަ ސިފަތައް އަށަގަނެފައިވާ މުޖުތަމަޢުގެ އަގުތައް ހިފަހައްޓާ ދަރިވަރަކަށް ވުމަށް ވެސް ނަޞޭޙަތްތެރިވެ ވަޑައިގެންނެވިއެވެ.

ޞަލާޙުއްދީންގެ ނަންފުޅަށް ނިސްބަތްވާ ސްކޫލެއް އަދި މިހާތަނަށް ރާއްޖޭގައި ނެތުމުން، ތާއަބަދު އެކަމަނާގެ ހިތްޕުޅުގައި އޮތް އުންމީދެއް ޙަޤީޤަތަކަށްވެގެން ދިއުމުގެ އުފާވެރިކަން މިއަދު އިޙުސާސްކުރައްވަވާ ކަމުގައި ވެސް އެކަމަނާ ވިދާޅުވިއެވެ.

ޞަލާޙުއްދީން  ސްކޫލު ހުޅުވުމުން ހިޔާ ޞަރަޙައްދުގައި ދިރިއުޅޭ ބެލެނިވެރިންނާއި ދަރިވަރުން، އެތައް ދުވަހެއްވަންދެން ތަޙައްމަލުކުރަމުން ދިޔަ ދަތި ދިރިއުޅުމަށް ލުއިފަސޭހަތަކެއް، ލިބިގެންދިޔަކަމުގައި ވެސް މި ރަސްމިއްޔާތުގައި ވަނީ ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ އިބުރާހީމް މުޙައްމަދު ޞޯލިހަށާއި ނާއިބު ރައީސް ފައިޞަލް ނަސީމަށް ވަރަށް ޚާއްސަކޮށް ޝުކުރުދަންނަވާފައެވެ.

އެއް ދަންފަޅިއަށް ކިޔަވައިދޭ ޞަލާހުއްދީނުގައި 1719 ދަރިވަރުން މިހާރު ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *