މަސައްކަތުގެ ހުނަރު ދަސްކޮށްދިނުމަށް ޚާއްޞަ ލެބްތަކެއް އަމީނިއްޔާ ސްކޫލްގައި ގާއިމްކޮށް، އެ ސްކޫލުގައި ވޮކޭޝަނަލް އެޑިޔުކޭޝަން ފަށައިފިއެވެ.
އަމީނިއްޔާ ސްކޫލުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މި ލެބްތައް ހުޅުވައިދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއެވެ.

އަމީނިއްޔާގައި ހުޅުވި ތިން ލެބުން، ވަޑާން ކުރުމާއި ކުރިއޭޓިވް އާޓްސްއާއި ކެއްކުމާއި ކަލިނަރީގެ ދާއިރާތަކުން ދަރިވަރުންނަށް އަމަލީ ހުނަރުތައް ދަސްކޮށްދެވޭނެ ކަމަށް އަމީނިއްޔާ ސްކޫލުން ބުނެއެވެ.
މީގެ އިތުރުން ކީ ސްޓޭޖް 4 އަށް ހާއްސަ ވޮކޭޝަނަލް ލެބެއް އެ ސްކޫލުން އަންނަނީ ތަރައްގީ ކުރަމުންނެވެ.

ރާއްޖޭގެ 28 ސްކޫލެއްގައި ވޮކޭޝަނަލް އެޑިޔުކޭޝަން ތަޢާރަފު ކުރުމަށް ޚާއްޞަ ލެބްތަކެއް ގާއިމް ކުރުމުގެ މަސައްކަތް އެޑިޔުކޭޝަން މިނިސްޓްރީން ދަނީ އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭއީޑީޕީ) ގެ ދަށުން ކުރަމުންނެވެ. މިހާތަނަށް މި ލެބްތައް ހުޅުވާފައި ވަނީ ޏ. އޭއީސީއާއި ތާޖުއްދީން ސްކޫލާއި ކަލާފާނު ސްކޫލާއި މަޖީދިއްޔާ ސްކޫލުގެ އިތުރުން އަމީނިއްޔާ ސްކޫލުގައެވެ.

މި ލެބްތަކުގެ އެހީގައި ދަރިވަރުންގެ ފަންނީ ހުނަރުތަކުގެ އިތުރުން އެކުދިންނަށް، އުފެއްދުންތެރި ވިސްނުމާއި، ދިރިއުޅުމުގައި ދިމާވާ ކަންކަން ހައްލުކުރުމުގެ ހުނަރުތައް ދަސްވުމާއެކު، މުސްތަޤުބަލުގައި ހުނަރުވެރި، ޤާބިލު ތަޢުލީމީ ޖީލެއް ބައްޓަންކުރުމަށް މަގުފަހިވެގެންދާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
advertisment
ހިޔާލު