ށ. ފޭދޫ ސްކޫލުން ބެޖު ވިއްކައިގެން ލައްކައަކަށް ވުރެއްގިނަ ރުފިޔާ ފަލަސްޠީނަށް

ޔަހޫދީންގެ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން އަނިޔާ ލިބެމުންދާ ފަލަސްޠީނުގެ މުސްލިމު އަޚުންނާއި އުޚުތުންނަށް އެހީތެރިވުމުގެ ގޮތުން ށ. ފޭދޫ ސްކޫލުން ކުރިއަށް ގެންދިޔަ ބެޖު ވިއްކުމުގެ ހަރަކާތުން 112,200.42 ރުފިޔާ އެހީގެ ގޮތުގައި ހޯދައިފިއެވެ.

އެ ސްކޫލުގެ "މަދަދު" ޕްރޮގްރާމްގެ ތެރެއިން ފަލަސްޠީނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބެޖު ވިއްކުން ކުރިއަށް ގެންގޮސްފައިވަނީ 2023 ނޮވެންބަރު 02 ވަނަ ދުވަހުގެ 14:00 އިން ފެށިގެން 2023 ނޮވެންބަރު 05 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށެވެ.

ފޭދޫ ސްކޫލުން މަޢުލޫމާތު ދިންގޮތުގައި މި ޙަރަކާތުގެ ތެރެއިން ސްކޫލުގެ ދަރިވަރުންނަށާއި މުވައްޒަފުންނަށް 10 ރުފިޔާގެ ރޭޓުން ވިއްކުމަށް 10 ބެޖު ހަވާލުކުރެވުނެވެ. ނަމަވެސް އެ ހަރަކާތަކީ ފަންޑު ހޯދުމުގެ ހަރަކާތަކަށްވާތީ ގަންނަ ފަރާތުން ބޭނުންނަމަ 10 ރުފިޔާއަށް ވުރެއް ކުޑަނޫން އަގަކަށް ބެޖް ގަތުމުގެ ފުރުޞަތު ދިން ކަމަށް ފޭދޫ ސްކޫލުން ބުނެއެވެ.

ފަލަސްޠީނުގެ ލޮބުވެތި މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދެވުނު މި ޙަރަކާތުގައި ބައިވެރިވެ، ފަލަސްޠީނަށް އެ ފަރާތްތަކުން ވެދެއްވި އެހީތެރިކަން ފޭދޫ ސްކޫލުން ޝުކުރުވެރިކަމާއެކު ފާހަގަ ކުރެއެވެ.

ށ. ފޭދޫ ސްކޫލުގެ "މަދަދު" ޕްރޮގްރާމަކީ މި އަހަރުގެ ކުރީކޮޅު ތުރުކީ ވިލާތަށް އައި ބާރުގަދަ ބިންހެލުމުގައި ގެދޮރު ފުނޑުފުނޑުވެ ޙާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ފެށި ޕްރޮގްރާމެއްކަމަށް އެ ސްކޫލުން ބުނެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މުސްލިމުންނަށް މިފަދަ ބޮޑު ކަމެއް ދިމާވާ ޙާލަތްތަކުގައާއި ސްކޫލުގެ ދަރިވަރަކަށް ބޮޑު ކަމެއްދިމާވެ މާލީ އެހީތެރިކަމެއް ބޭނުންވާ ޙާލަތްތަކުގައި "މަދަދު" ޕްރޮގްރާމްގެ ދަށުން އެކި ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ސްކޫލުން ނިންމާފައިވާ ކަމަށް އެ ސްކޫލުން ބުނެއެވެ.

އެގޮތުން ބެޖު ވިއްކުމުގެ ޙަރަކާތަކީ "މަދަދު" ޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންދެވުނު 3 ވަނަ ޙަރަކާތްތަ ކަމަށާއި މި ހަރަކާތާއެކު "މަދަދު" ޕްރޮގްރާމުން 164,049.85 ރުފިޔާ އެހީގެ ގޮތުގައި ފޯރުކޮށްދެވިފައިވާ ކަމަށް ފޭދޫ ސްކޫލުން މަޢުލޫމާތު ދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *