ފުވައްމުލައް ސިޓީ ކައުންސިލުގެ ނަމާދު ޕްރޮގްރާމް 161 ކުއްޖަކު ފުރިހަމަކޮށްފި

ފުވައްމުލައް ސިޓީ ކައުންސިލުގެ ނަމާދު ޕްރޮގްރާމް 161 ކުއްޖަކު ފުރިހަމަކޮށްފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ، މިއީ އެ ސިޓީގެ ތަރައްގީގެ ޕްލޭންގައި ހިމެނޭ 5 ލަނޑުދަނޑީގެ ތެރެއިން އިޖުތިމާއީ ދުޅަހެޔޮކަމާއި ރައްކާތެރިކަމުގެ ގޮތުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމެއް ކަމަށެވެ. ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލެވިގެން 40 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް މިފަހަރު ހުޅުވާލައިފައިވަނީ 9 އަހަރާއި 13 އަހަރާއި ދެމެދުގެ ފިރިހެން ކުދިންނަށެވެ.

މި ރޮގްރާމުގައި، ނަމާދުކުރަން ދަސްކޮށްދިނުމުގެ އިތުރުން ޙަދީޘް ޢިލްމާއި، އިސްލާމީ ރިވެތިއަޚްލާގާއި ސްލޫކާއިގުޅޭ މަޢުލޫމާތު ކުދިންނަށް ފޯރުކޮށްދީފައިވެއެވެ. މީގެ އިތުރުން ވުޝޫކުރުމާއި ނަމާދުގައި ކިޔާ ތަކެއްޗާއި ނަމާދުގެ ހަރަކާތްތަކާއި ބަންގިއާއި ޤަމަތާއި ޚުތުބާ ކިޔުމުގެ އިތުރުން ޟުޙާސޫރަތުން ތިރީގެ ސޫރަތްތައް ހިތުން ދަސްކޮށްދީފައިވެއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ، 198 ކުދިން ބައިވެރިވެފައިވާއިރު 161 ކުއްޖަކު ވަނީ ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި ޕްރޮގްރާމް ނިންމި ކުދިންގެ ތެރެއިން 96 އިންސައްތަ ކުދިންނަށް، ކަނޑައެ ޅިފައިވާ ބައިތައް ދަސްވެފައިވާ ކަމަށެވެ.

ނަމާދު ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ފުވައްމުލައް ސިޓީގެ ކޮންމެ އަވަށަކުން އެއް މިސްކިތެއް ހިމެނޭ ގޮތަށް ޖުމްލަ 6 މިސްކިތެއްގައެވެ. އަދި ޕްރޮގްރާމުގައި މަސައްކަތް ކޮށްފައިވަނީ މިސްކިތްތަކުގެ އިމާމުންނާއި ރިޓައަރޑް އިމާމުންނެވެ.

ނަމާދު ޕްރޮގްރާމު ނިންމި ހުރިހާ ކުދިންނަށް އެކަމުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުން ދީފައިވާއިރު މީގެ އިތުރުން ކޮންމެ މިސްކިތަކުން އެއް ވަނަ ދެ ވަނަ އަދި ތިން ވަނަ ވަނީ ހޮވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *