ސިއެޗްއެސްއީގެ ކުރީގެ އިމާރާތް އަމީނިއްޔާ ސްކޫލަށް ދޭން ނިންމައި، އަންނަ އަހަރުން ފެށިގެން އަމީނިއްޔާ ސްކޫލުގައި އެއްދަންފަޅިއަށް ކިޔަވައިދޭން ނިންމައިފިއެވެ.
އަމީނިއްޔާ އިންވެގެން ހުރި ސީއެޗްއެސްއީގެ އިމާރާތް ހުސްވީ އެ ސްކޫލުގެ އާ އިމާރާތުގައި ދިރާސީ އާ އަހަރުން ފެށިގެން ކިޔަވައިދޭން ފެށުމުންނެވެ.
ސީއެޗްއެސްއީގެ ކުރިން ދިމާވި ޖާގައިގެ ދަތިކަން ހައްލު ކުރުމުގެ ގޮތުން އާމީނިއްޔާގެ ހޯލު ހިމެނޭ އިމާރާތުގެ މަތީބައި ބޭނުން ކުރަމުން ދިޔައީ ސީއެޗްއެސްއީންނެވެ.
މާލޭގައި ހުރި އެންމެ ބޮޑު ސްކޫލުގައި 2،500 އާ ކައިރިކުރާ އަދަދެއްގެ ދަރިވަރުން ދެ ދަންފަޅިއަށް މިހާރު ކިޔަވަމުން ގެންދެއެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ އިސްވެރިއަކާ ހަވާލާދެއްވައި ބައެއް މީޑިއާތަކުން ބުނެފައި ވަނީ އެއް ދަންފަޅިއަށް އަމީނިއްޔާގެ ކިޔެވުން ބަދަލުކުރާނީ ދެވަނަ ޓާމުން ފެށިގެންނެވެ. އޭގެ ކުރިން އެ އިމާރާތުގެ ބޮޑު މަރާމާތުގެ މަސައްކަތްތަކެއް ކުރިއަށް ގެންދާނެއެވެ.
އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ނާޒްލީން ވާފިރު ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ އެއް ދަންފަޅިއަށް ކިޔަވައި ދެއްވުމަކީ އަމީނިއްޔާއިން ދެކޭ އުއްމީދެއް ކަމަށެވެ. ސީއެޗްއެސްއީގެ އިމާރާތް ހުސްވުމާއެކު އެ އިމާރާތް ހޯދަން އެޑިޔުކޭޝަން މިނިސްޓްރީގައި ދެދިވަޑައިގެންނެވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނާޒުލީން ވިދާޅުވީ، ސީއެޗްއެސްއީން ބޭނުން ކުރަމުން އައި އިމާރާތަކީ ދުވަސްވުމުގެ ސަބަބުން ބޮޑު މަރާމާތުތަކެއް ކޮށްގެންނޫނީ ބޭނުން ކުރެވޭނެ އިމާރާތެއް ނޫން ކަމަށެވެ.
" އެއް ދަންފަޅިއަށް ބަދަލުކުރަން ބޭނުންވާ ކުލާސްރޫމްތައް އެ ތަނުން ނެގެން އެބަހުރި. މަރާމާތައްފަހު، އިމާރާތް ހަވާލުކުރާއިރަށް އެއް ދަންފަޅިއަށް އަޅުގަނޑުމެންނަށް ބަދަލުވެވޭނެ. އޭރަށް އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑުމެންނަށްކޮށް ނިންމާލެވޭނެ" ނާޒުލީން ވިދާޅުވިއެވެ.
ނެޝަނަލް ކެޑޭޓް ކޯ ހިންގަމުން ގެންދަނީ ސީއެޗްއެސްއީގެ ކުރީގެ އިމާރާތުގެ ބައެއްގައެވެ.
އެއް ދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން މާލޭގައި، މިހާރު އެއް ދަންފަޅިއަށް ހިންގަނީ އެންމެ ފަހުން ހުޅުވި ދެ ސްކޫލެވެ. އެއީ އުއްޒުއްދީން ސްކޫލާއި ދަރުމަވަންތަ ސްކޫލެވެ. އެއް ދަންފަޅިއަށް ޖަމާލުއްދީން ސްކޫލުގެ ކިޔެވުން ކުރިއަށް ގެންދަން ބޭނުންވާ އިމާރާތުގެ މަސައްކަތް ވަނީ އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައެވެ.
advertisment
ހިޔާލު