ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތު ލިބުނު ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ހިރިޔާ ސްކޫލުގެ ގުރޭޑް 9 ގެ ދަރިވަރު ހައްވާ މިރުފާ މުޢާޛު ދެއްކި ވާހަކައަކީ ކޮންމެ ދިވެއްސަކު ވެސް އަޑުއަހާލަން މުހިންމު ވާހަކައެކެވެ.
އިސްލާމްވި ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިސްލާމީ މަރުކަޒުގައި ރޭ ބޭއްވި ޖަލްސާގައި، ހައްވަ ކިޔައިދިނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ވާހަކައެވެ.
ހައްވަގެ ވާހަކަ ފަށަމުން ބުނީ، ރައްބެއް ރަސޫލެއް ނެތި ބުދަށް އަޅުކަން ކުރުމުގައި ޣާފިލުވެތިބި ދިވެހިންނަށް ތެދުމަގު ދެއްކެވި ހިނދު، ސަބަބުތައް ފުރިހަމަވެގެން އައި ގޮތް ވަރަށް ވެސް އަޖައިބު ކުރުވަނިވި ކަމަށެވެ.

" މައުރިބު ކަރައިގެ ޞާލިޙް އަޅެއްގެ އަތްމަތިން ދިވެހިންގެ ހިތްތަކަށް ވަދެގެން ދިޔައީ އިސްލާމީ ނޫރު. ދެކޮޅު ހެދުމެއް ޖަދަލުކުރުމެއް ޝައްކެއް ވަސްވާހެއް ނެތި ދިވެހިން އެކަން ތެދުކޮށް ޤަބޫލު ކުރީ ލޮލުންބޮލުން. ހިތާ ރޫހުން. ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެން ވެގެން ދިޔައީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް. އެދުވަހުއްސުރެ މިއަދާ ހަމައަށް ދިވެހިންގެ ކިބައިގައިވާ އެންމެ ޚާއްޞަ ސިފައަކީ އަޅުގަނޑުމެންގެ އެއްބައިވަންތަކަން"
މަޑުމައިތިރިކަމާއިއެކު އިސްލާމީ މަރުކަޒުގެ ހޯލުގައި ތިއްބެވި ބޭފުޅުންނާއި ދަރިވަރުން، އަދި އެ ވާހަކަ އަޑުއައްސަވައި ބައްލަވަމުން ގެންދެވި ފަރާތްތަކަށް ހައްވަ ބުނެދިނީ، ވަކިވަކި ރަށްތަކެއްގައި ދިވެހިން ދިރިއުޅުނު ކަމުގައި ވި ނަމަވެސް އަޅުގަނޑުމެން އެކަތިގަނޑަކަށް ހަދައި ދެނީ އަޅުގަނޑުމެންގެ އިސްލާމީ އެއްބައިވަންތަ ކަމުގެ ވާހަކަ ކަމަށެވެ.
" އަޅުގަނޑުމެންގެ ދިވެހިންގެ ތެރޭގައި ތަފާތު ޚިޔާލުތައް ހުއްޓަސް އެ ތަފާތު ޚިޔާލު އެއްފަރާތްކޮށް އަޅުގަނޑުމެން އެކަތިގަނޑަކަށް ހަދައިދެނީ އަޅުގަނޑުމެންގެ އިސްލާމްދީނުގެ އެބައިވަންތަކަން. ތާރީޚުން އެކަން ފެންނަން އެބައޮތް"
ބޮޑުތަކުރުފާނުގެ ޖިހާދުން ފެންނަން އޮތީ އެ ހަގީގަތް ބަޔާން ކުރަމުން ހައްވަ ބުނީ، ރާއްޖެ ހިފައި އަޅުވެތިކޮށް، 17 އަހަރު ވަންދެން ޕޯޗްގީޒުން ކުރި އެންމެ ބޮޑު މަސައްކަތެއް ކުރީ މި ދިވެހިރާއްޖެ ނަޞާރާ ކުރުމަށެވެ. އާރާބާރުގެ ބޭނުންކޮށްގެން ދިވެހިން ކާފަރު ކުރަން ކުރި މަސައްކަތް އެމީހުންނަށް ކާމިޔާބު ނުވުމުން ދެން އެމީހުން ނިންމީ މާލޭގެ ރައްޔިތުންގެ ކަރަށް ގަދަކަމުން ރާ އަޅަން ކަމަށެވެ.
" އެ ކަމަކުން އިސްލާމީ އެއްބައިވަންތަ ކަމުގައި ތިބި ދެވެހިންގެ ޢަޒުމަކަށް ބަދަލެއް ނާދޭ. އަނިޔާވެރިކަމާއި ބިރުވެރިކަމާއި ބާރުގަދަ ހަތިޔާރަށް ޖެހުނީ އިސްލާމީ ދިވެހިންގެ އެއްބައިވަންތަ ކަމުގެ ކުރިމަތީގައި ކުޑަކަކޫ ޖަހަން. އަޅުގަނޑުމެންގެ ދިވެހިން ތިބީ އިސްލާމް ދިނަށް ނަޞްރު ދިނުމުގައި ތައްޔާރަށް. ޕޯޗްގީޒުންގެ ގަދަފަދަ ލަޝްލަރަކަށް އަޅުގަނޑުމެންގެ އިސްލާމީ އެއްބައިވަންތަކަން ފުޑައެއް ނުލެވުނު. ޕޯޗްގީޒުންގެ އަނިޔާވެރި އަނދިރިވެރިކަން ދިވެހިރާއްޖެއިން މުލުން ލުހިގެން ދިޔައީ އަޅުގަނޑުމެންގެ އެއްބައިވަން ކަމުގެ ސަބަބުން"

ވަރުގަދަ ހޮޅިންގެ މައްޗަށް ދޮންބަންޑާރައިން އިސްވެ ހުންނަވައި ހޯދި ނަޞްރުގެ ހޯދުމުގެ ސިއްރަކީ ވެސް އަޅުގަނޑުމެންގެ އިސްލާމީ އެއްބައިވަންތަކަން އިސްކުރުމުގެ ނަތީޖާކަން ހައްވާ ހަދާން ކޮށްދިނެވެ.
" ކޮންމެ ޖިހާދަކުން ވެސް އިސްލާމްދީން ނޫން ދީނަކަށް ޖާގަ ނެތްކަން ދުނިޔޭގެ ގަދަ ބާރުތަކަށް ދިވެހިން އަންގައި ދިނީ ސާބިތުކަމާއެކު. ތިނެއް ނޮވެމްބަރުގެ ހަމަލާއިން ވެސް ފެނުނީ އިސްލާމީ އެއްބައިވަންތަކަން. އިސްލާމްދީނަށް ނަޞްރު ދިނުމުގައި ދިވެހިން ފަސްނުޖެހޭނެކަން. ސުނާމީ ދުވަހު ފެނުނީ އެ އެއްބައިވަންތަކަން. އެ ދުވަހު ފެނިގެން ދިޔައީ އަޅާލާ، ކަމޭހިތުމާ އޯގާތެރިކަމާ އަޚްވަންތަކަން. އެދުވަހު ސިފަވެގެން ދިޔައީ ހިޖުރައިގެ ދުވަހު މަދީނާގައި މުސްލިމް އަހުލުވެރިން ދެއްކެވި ރިވެތި ނަމޫނާ" ހައްވަ ބުންޏެވެ.
ހުރިހާ މުސްލިމުންނަކީ އެކަކު އަނެކަކަށް ލިބޭ އުފަލާއި ހިތާމައިގައި އެއްވަރަށް ބައިވެރިވާ ބައެއްކަން ފާހަނގަކޮށް ނަބަވީ އިރުޝާދުން ސިފަކޮށްދީފައިވާ ގޮތް ކުރުކޮށް ކިޔައިދިނެވެ.

އިސްލާމް ދީނުގެ ރުކުންތަކުގައި އެންމެ ބޮޑަށް ރަމްޒުކޮށްދެނީ އިސްލާމްދީނުގެ އެއްބައިވަންތަ ކުރުވަންކަން ހައްވަ ފާހަގަކުރިއެވެ. " ފަސްވަގުތު ޖަމާއަތުގައި ކުރާ ނަމާދާ މެދު ވިސްނާލައްވާ!. ފަސްވަގުތު އެއް ޖަމާއަތަކަށް އެއްވެ އެކަކު އަނެކަކާ ބައްދަލުވެ ފެނިދެނިވެ ގުޅުންބަދަހި އެކަތިގަނޑަކަށް ވެގެންދޭ. މުޅި އިސްލާމީ އުއްމަތް، އެއް މަސްވަރެގައި އެއްގޮތަކަށް އެކުއެކީ ތަހައްމަލް ކުރުމުގެ ގޮތުން ހިފާ ރޯދައިން އަންގައިދެނީ އަޅުގަނޑުމެންގެ އެއްބައިވަންތަކަން" ހައްވަ ބުންޏެވެ.
" ޒަކާތުން ދޭ ފިލާވަޅަކީ ފަގީރު މީހަކާއި މުއްސަނދި މީހަކާ ދެމެދު އޮންނަންޖެހޭ ގާތްކަމާއި އަޚްވަންތަކަން. ހައްޖުގެ އަޅުކަމާއި އެ އަޅުކަމުގައި ހިމެނޭ އެންމެހައި ކަންކަމުން އަންގައިދެނީ އިސްލާމްދީނުގެ އެއްބައިވަންތަކަން"
ޤައުމަށް ކުރިމަތިވި ކޮންމެ އުދުވާނެއް ނާކާމިޔާބުވީ އަޅުގަނޑުމެންގެ އެއްބައިވަންތަ ކަމުގެ ސަބަބުން ބަޔާންކޮށް ހައްވާ ފާހަގަކުރީ، އުފެދޭ ފިތުނައިގެ ކޮންމެ ހުޅުގަނޑެއް ނިއްވާލެވެނީ އެއްބައިވަންތަ ކަމުން ކަމަށާއި ސިޔާސީ ޚިޔާލު ތަފާތު ނައްތާނަލީ ވެސް އެ އެއްބައިވަންތަކަމުން ކަމަށެވެ.
ނިންމާލަމުން ހަނދާން ކޮށްދިނީ ފަލަސްތީނުގައި ދިރިއުޅޭ މުސްލިމުންގެ މަތިން އަބަދުވެސް ދިވެހިން ހަނދާންކޮށް އެމީހުންނަށް ދުއާކުރުމަށް ހިތްވަރު ދެމުންނެވެ.
advertisment
ހިޔާލު