ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލުގެ ކެޕްޓަނަކަށް އަޒުވަދު ޒާހިދު ހަމީދު ހޮވައިފިއެވެ. ޢާޒީ ސްކޫލުގެ އިސްދަރިވަރުން ހުވާކުރުމަށް ބޭއްވި ޚާއްޞަ ހަފްލާއޮތީ ބުރާސްފަތި ދުވަހުގެ ރޭ އެ ސްކޫލުގައެވެ. ޝަރަފުވެރިކޮށް ދެއްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ލީޑާޝިޕް ޑިވެލޮޕްމަންޓް އެންޑް އޯގަނައިޒޭޝަން ޑިވިޜަންގެ ޖެނެރަލް މެނޭޖަރު، އާދަމް ނަޞީރެވެ.
ޣާޒީ ސްކޫލުގެ އިސްދަރިވަރުންގެ ގޮތުގައި 27 ދަރިވަރުން ހުވާކޮށްފައިވެއެވެ.
ޑެޕިއުޓީ ކެޕްޓަނުންގެ ގޮތުގައި ދެ ދަރިވަރުން ތިބޭއިރު، ޑެޕިއުޓީ ކެޕްޓަން ( ފިރިހެން) މަގާމަށް ހޮވުނީ އުމަރު އިޒާން އަހުމަދެވެ. ޑެޕިއުޓީ ކެޕްޓަން ( އަންހެން) މަގާމަށް ހޮވުނީ އީޝަލް ޚާލިދު މުޙައްމަދެވެ. ގޭމްސް ކެޕްޓަނަކީ އަބްދުﷲ ބިން ހަސަނެވެ. ޑެޕިއުޓީ ގޭމްސް ކެޕްޓަނަކީ އަޢިނީ މުންތަޒިމެވެ. ދިވެހި ލިޓެރަރީ އެސޯސިއޭޝަންގެ ރައީސަކަށް ހޮވުނީ ސިމްރާ ނަސްރުﷲ އަލީއެވެ. އިނގިރޭސި ލިޓެރަރީ އެސޯސިއޭޝަންގެ ރައީސަކަށް ހޮވުނީ އައިމިނަތު ލައާލީ ޚަލީލެވެ. ތަކުރުފާނު ހައުސް ކެޕްޓަނަކީ އައިޝަތު ސަދާ އަލީއެވެ. ސިއްތިމާވާ ހައުސްގެ ކެޕްޓަނަކީ އައިޝަތު އަންޖަލް ބިންތި އަސްލަމެވެ. ހާޖީ ހައުސްގެ ކެޕްޓަނަކީ ޔޫސުފު ކައިސަން ނިޒާރެވެ. ކަނބާ އައިސާ ހައުސްގެ ކެޕްޓަނަކީ އައިޝަތު ނައިހާ އިސްމާއިލެވެ.

ޣާޒީ ސްކޫލުގެ ކެޕްޓަންގެ ޒިންމާ އާ ހަވާލުވުމަށްފަހު، އަޒުވަދު ބުނީ، އެ މަޤާމަށްޓަކައި އޭނާ ކުރި ހިތްވަރާއި ކުރި މަސައްކަތް ﷲ ތަޢާލާ ދެނެވޮޑިގެންނަވާނެ ކަމަށެވެ. އަދި އެކަމަށް އެދިގެން އޭނާ ކުރި އުއްމީދާއި ދުށް ހުވަފެންތައް އޭނާގެ މަންމައާއި ބައްޕައަށް ވެސް އެނގޭނެ ކަމަށެވެ.
އަޒުވަދު ބުނީ އޭނާއާއެކު މަޤާމްތަކާ ހަވާލުވި ދަރިވަރުންނަށް އޮތީ، ފުރިހަމައަށް މަސްއޫލިއްޔަތު އުފުލައި އިސްދާނަކަން ހާމަކޮށް ދެއްކުން ކަމަށެވެ.
" އަޅުގަނޑުމެންގެ ހުރި ޤާބިލިއްޔަތު ސްކޫލުގެ ލޮބުވެތި ނާޒިރަށާއި ލޮބުވެތި މުދައްރިސުންނަށާއި އަޅުގަނޑުމެންގެ ނިޔަނެތި ބެލެނިވެރިންނަށާއި އެންމެ ގާތް އެކުވެރިންނަށް ކަށަވަރުކޮށް ދިނުން" މަގާމާ ހަވާލުވުމަށްފަހު، ސްކޫލުގެ އިސްވެރިންނާއި ދަރިވަރުން އަދި ބެލެނިވެރިން ބައިވެރިވި ހަފްލާގައި އަޒުވަދު ބުންޏެވެ.
ސްކޫލުގެ ކެޕްޓަންގެ ހައިސިއްޔަތުން އޭނާގެ ޓީމުގެ ޤާބިލު މެމްބަރުންގެ ކިބައިން އެދުނީ ދެތިން ކަމަކަށެވެ. އެންމެ ފުރަތަމަ އެދުމެއް ކަމަށް އަޒުވަދު ފާހަގަކުރީ، އިސްވާރުން ވާންވާނީ ޣާޒީ ސްކޫލުގެ އެހެން ދަރިވަރުންނަށް ހުރިހައި ގޮތަކުން ނަމޫނާ ދައްކާ ލާމަސީލު ދަރިވަރުންނަށެވެ. މި ނަމޫނާ ދައްކާންޖެހޭނީ " ތަޢުލީމީ ގޮތުން، ޢިލްމީ ގޮތުން، ފަންނީ ގޮތުން، އަޚްލާގީ ގޮތުން އަދި އެކުވެރިކަމާއި ހިތްހެޔޮކަމާއި ހިތްތިރިކަމުގެ ގޮތުން" ނެވެ.

ދެވަނަ އެދުމެއް ކަމަށް ފާހަގަކުރީ، ކޮންމެ އިސްވާރަކީ ޒިންމާތެރި ޒިންމާދާރު އިސްވާރަކަށް ވުމަށެވެ. ކުރާންޖެހުނު ކޮންމެ ކަމެއްވެސް ސްކޫލުގެ ހައްޤުގައި ސްކޫލަށްޓަކައި އެންމެން އެއް ރޫހެއްގައި އެ ކަމެއް ކޮށްނިންމުމަށެވެ. އެއް ޢަޒުމެއްގައި އެއް އަމާޒެއްގައި މަސައްކަތްކޮށް، ނަތީޖާ ނެރުމެވެ.
ތިން ވަނަ އެދުމެއްގެ ގޮތުގައި އަޒުވަދު ފާހަގަކުރީ، ހުރިހާ މަނައެއްގައި އެންމެ ބަސް އަހާ، އެންމެ ކިޔަމަންތެރި އެންމެ މޮޅު ދަރިވަރުންނަށް ވާން ގަދައަޅައި މަސައްކަތް ކުރުމެވެ. މައިންބަފައިންގެ ބަސްއެހުމާއި އެންމެ ކިޔަމަންތެރި އެންމެ މޮޅު ދަރިވަރުންނަށް ވާން ގަދައަޅައި މަސައްކަތް ކުރުމެވެ.
އެންމެ ޚާއްޞަ އެންމެ ބޮޑު އެދުމެއް ކަމަށް އޭނާ ފާހަގަކުރީ، އަޅުގަނޑުމެން އެންމެން އިސްނެގުމާ އެކު މި އަހަރަކީ ޣާޒީ ސްކޫލުގެ ފަހަރު ކަމަށް ހެދުމަށެވެ.

" އޯލެވެލް އިން ކާމިޔާބު ނަތީޖާއެއް ހޯދައި، ރާއްޖެއިން ފާހަގަކުރެވޭ ފަދަ ސްކޫލަކަށް އަޅުގަނޑުމެންގެ ލޯބިވާ ސްކޫލު ހަދާން މިންނަތާ އެކު މަސައްކަތް ކުރުން. އެއްކުއްޖަކު އަނެއްކުއްޖެއްގެ ކިބައިން އުނގެނެމުން އެހީތެރިވަމުން، މަދަދުވެރިވަމުން، އެންމެ ފޮނި ނަތީޖާގައި ވިދައި ބަބުޅާނޭހެން ހިތްމަތާއެކު މަސައްކަތް ކުރުން"
ނިންމާލަމުން އަޒުވަދު ބުނީ، ގަދައަޅައި މަސައްކަތް ކުރާ ބަޔަކަށް އުނދަގޫ ކަމެއް ނޯންނާނެ ކަމަށެވެ. " ކުރިޔަށް ދާން ކުރާ މަސައްކަތުގައި އަމާޒަކަށް ވާންވާނީ ހުވަފެންތައް ބޮޑުކޮށް ދުށުން. އުއްމީދުތައް އަޒުމަކާއެކު ކުރުން" ކަމަށެވެ.
ޣާޒީ ސްކޫލުގައި 2،000 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު