ހޯޑެއްދޫ ސްކޫލަށް ހިތްފަސޭހަ ލައިބްރަރީއަކާއެކު ބެލެނިވެރިންގެ ހިޔާއެއް

ހޯޑެއްދޫ ސްކޫލުގައި އިމާރާތް ކުރާ، ބެލެނިވެރިންގެ ހިޔާއާއި އައުޓްޑޯ ލައިބްރަރީގެ ކުރެހުމެއް: ތިން މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ހައިޑްސް ޖަމިއްޔާއިން ބުނޭ- ފޮޓޯ: ހައިޑްސް ޖަމިއްޔާ

ހޯޑެއްދޫ ސްކޫލަށް ހިތްފަސޭހަ ލައިބްރަރީއަކާއެކު ބެލެނިވެރިންގެ ހިޔާއެއް އިމާރާތް ކުރުމުގެ މަސައްކަތް ހޯޑެއްދޫ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ (ހައިޑްސް)ން ފަށައިފިއެވެ.

މި މަސައްކަތް އެ ޖަމިއްޔާއިން ކުރިއަށް ގެންދަނީ ތިން ފިޔަވަސްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށް ގެންދަނީ އިމާރާތް ކުރުމުގެ މަސައްކަތެވެ. ދެވަނަ ފިޔަވަހީގެ ދަށުން ސީލިން ކުރުމާއި ގަސްއިންދުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. ނިންމާލުމުގެ ގޮތުން ކުރިއަށް ގެންދާނީ ހިޔާގައި، ގޮނޑިއާއި މޭޒުގެ އިތުރުން ލައިބްރަރީގައި ފޮތްތައް ބަހައްޓާނެ ހަރުގަނޑުތައް ހެދުމުގެ މަސައްކަތެވެ.

ހައިޑްސްއިން ބުނީ، މި މަސައްކަތަށް 95،000 ރުފިޔާ ޚަރަދުވާނެ ކަމަށް ބެލެވޭއިރު، ގދ. އަތޮޅު ކައުންސިލުން 30،000 ރުފިޔާގެ އެހީއެއް ވެދެއްވާފައިވާ ކަމަށެވެ. ދެން ކުރަންޖެހޭ ހުރިހާ ޚަރަދެއް ކުރަމުން ދާނީ އެ ޖަމިއްޔާއިން ކަމަށް ކަމަށެވެ.

ހައިޑްސްގެ އެގްޒެކްޓިވް ޑިރެކްޓަރު، މިދުހަތުﷲ އަބްދުލް އަޒީޒު ދަރިވަރު ނޫހަށް ވިދާޅުވީ، ބެލެނިވެރިންގެ ހިޔާއެއްގެ ބޭނުމަކަށް ވާނީ ދަރިން ބަލައި ސްކޫލަށް އަންނަ ބެލެނިވެރިންނަށް ވެސް ހިތްފަސޭހަކަމާކު މަޑުކޮށްލައިގެން ތިބޭއިރު އިތުރު މައުލޫމާތު ވެސް ލިބިދެވޭނެ އިންތިޒާމެއް ހަމަޖެހިފައި ހުރުމުން ކަމަށެވެ. އެހެންވެ އައުޓްޑޯ ލައިބްރަރީއެއްގެބައި ވެސް އޭގެ ތެރޭގައި ހިމެނީ ކަމަށެވެ.

އެ ކަމިއްޔާއިން އުއްމީދު ކުރަނީ ތިންމަހެއްހާ ދުވަހުގެ ތެރޭގައި ލައިބްރަރީއާއެކު ބެލެނިވެރިންގެ ކިޔާގެ ޚިދުމަތް ދެވޭނެ ކަމަށެވެ.

" ހަމައެކަނި ބެލެނިވެރިންނަށް ވެސް ނޫން، ދަރިވަރުންނަށް ވެސް ލައިބްރަރީގެ ބޭނުން ހިފޭނެ. ބޭނުމަކީ ބެލެނިވެރިޔާ އަންނަންދެން މަޑުކޮށްލައިގެން އިންނަ ދަރިވަރަށް ވެސް ލައިބްރަރީގެ ބޭނުން ހިފޭނެ އިންތިޒާމެއް ހަމަޖެހިފައި އޮތުން" މިދުހަތުﷲ ވިދާޅުވިއެވެ.

މިދުހަތުﷲ ވިދާޅުވީ، ލައިބްރަރީއަށް ބޭނުންވާ ފޮތްތައް ވެސް އެ ޖަމިއްޔާގެ މާލީއެހީގެ ތެރެއިން ކޮންމެ އަހަރަކު ވެސް އިތުރުކުރަން ވިސްނާފައިވާ ކަމަށެވެ.

" ލައިބްރަރީ ހަދާފައި ދޫކޮށް ނުލާނަން. އެތަން ބެލެހެއްޓުމާއި އާ ފޮތްތައް އިތުރު ކުރުމުގެ މަސައްކަތް ވަކި ބަޖެޓެއްގެ ތެރެއިން ކުރަމުން ގެންދާނަން"

ހައިޑްސްއަކީ ހޯޑެއްދޫގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *