ފަސްޓް ގްލޯބަލް ރޮބޮޓިކްސް ޗެލެންޖްގައި ރާއްޖެއިން ބައިވެރިވާ ހިރާ ސްކޫލްގެ ޓީމް ސިންގަޕޫރަށް

ފަސްޓް ގްލޯބަލް ރޮބޮޓިކްސް ޗެލެންޖްގައި ރާއްޖެއިން ބައިވެރިވާ ހިރާ ސްކޫލްގެ ޓީމް ސިންގަޕޫރަށް ފުރައިފިއެވެ.

މި މަހު 7ން 10އަށް ސިންގަޕޫރުގައި ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވަނީ ހިރާ ސްކޫލްގެ ފަސް ދަރިވަރުންނެވެ. ހިރާ ސްކޫލަށް މި ފުރުޞަތު ލިބުނީ ވުމެން އިން ޓެކްއިން ހުޅުވާލި ފުރުޞަތުގައި ވާދަކޮށްގެންނެވެ.

ހިރާ ސްކޫލުން މައުލޫމާތު ދިން ގޮތުގައި ސިންގަޕޫރަށް ދިޔަ ދަރިވަރުންގެ އިތުރުން އެ ސްކޫލުގެ އިތުރު ތިން ދަރިވަރުން ރާއްޖޭގައި ތިބެގެން އެ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ދުނިޔޭގެ އެކި ޤައުމުތަކުން 120 ޓީމެއް މި މުބާރާތުގައި ބައިވެރިވާއިރު، ހިރާ ސްކޫލުގެ ޓީމަށް އެހީތެރިކަން ފޯރުކޮށް ދެނީ ވިމެން އިން ޓެކްއިން ހަމަޖައްސައިންދިން ރޮބޮޓިކްސް އެކްސްޕާޓް ނައުރާ ނަސީމެވެ. އޭނާގެ އިތުރުން ހިރާ ސްކޫލްގެ ސްޓެމް ޓީޗަރު ފާތިމަތު އަފާފް ހުސައިން ވެސް މި ދަތުރުގައި ދަރިވަރުންނާއެކު ބައިވެރިވެއެވެ.

ރޮބެޓިކް މުބާރާތެއްގެ އިތުރުން ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލުހޯދުމަށް އިޖާދީ ވިސްނުންތަކެއް ވެސް މި މުބާރާތުގައި ބައިވެރިވާ ދަރިވަރުން ހުށަހަޅަންޖެހެއެވެ.

މި މުބާރާތުގައި ރާއްޖޭގެ ޓީމުން ހުށަހަޅާ "ޕްރޮޖެކްޓް ކަޅުއޮއްފުއްމި" ން ދައްކުވައިދެނީ އީޖާދީ ވިސްނުން ބޭނުންކޮށްގެން ދުނިޔެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރާނެ ވިސްނުންތަކެކެވެ. މި ޗެލެންޖުގެ މައިގަނޑު އަސާސަކީ، ކަޅުއޮހްފުއްމީގެ ރޮބޮޓް، ހައިޑްރޮޖަން އާއި އޮކްސިޖަން ބޯޅަތައް އެކްކިއުމިއުލޭޓަރެއްގެ ދަށުގައި އެލައިންކޮށް، ކަނޑައެޅިފައިވާ ޓޭންކްތަކަށް އެކަހެރިކޮށް، އެބޯޅަތައް މޮޅުވާނެ ގޮތަކަށް 30 ސިކުންތުގެ ތެރޭގައި އަތުރާލުމެވެ. ކަޅުއޮއްފުއްމީގައި "އިނޮވޭޓިން ފޯ އަ ސަސްޓެއިނަބަލް ފިއުޗަރ" ގެ އަސްލަކީ، ބައިނަލްއަޤްވާމީ ގޮންޖެހުންތަކުން އަރައިގަތުމަށް ޓީމް މޯލްޑިވްސްއިން ކުރާ މަސައްކަތުގެ މިސާލެކެވެ.

ހިރާ ސްކޫލުން ބުނީ ލިބުނު ވަގުތަށް ބަލާއިރު ދަރިވަރުންގެ މަސައްކަތާ މެދު ހިތްގަމަޖެހޭ ކަމަށާއި މުބާރާތުން ރަނގަޅު ހިސާބަކަށް ދެވޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ.

ހިރާ ސްކޫލަކީ އައްޑޫ ސިޓީގައި އަމިއްލަ ފަރާތްތަކުން ހިންގާ، ގުރޭޑް 10އާ ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *