މުދައްރިސުން މަސައްކަތް ކުރަންޖެހޭ މާޙައުލުގެ ސަބަބުން، މިދާއިރާއަށް އޮތް ޒަމާންވީ ޝައުޤުވެރިކަންދަނީ ނެތެމުން ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޙިޠާބުގައި މިނިސްޓަރު ވިދާޅުވީ، މި އަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިޔާރެއްގެ ގޮތުގައި ޔުނެސްކޯއިން ޚިޔާރުކޮށްފައިވަނީ: "އެދޭ ތަޢުލީމު ދިނުމަށް ބޭނުންވާ މުދައްރިސުން ލިބުމުގެ ދަތިކަން ޙައްލުކުރުން: އާލަމީ ޒަރޫރަތެއް." ކަމަށާއި، މި ޢިބާރާތުގެ މާނައަކީ، އަޅުގަނޑުމެން ދަރިވަރުންނަށް ދިނުމަށް ބޭނުންވާ ތަޢުލީމާއި ތަރުބިއްޔަތު، ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް ކޮންމެހެން މުދައްރިސުން ބޭނުންވުން ކަމަށެވެ.
ރަނގަޅު މުދައްރިސުން ލިބުމުގެ ދަތިކަމަކީ ހުރިހާ ޤައުމަކަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަން ފާހަގަކުރައްވައި، މިކަން އިދިކޮޅަށް ޖަހައި ރަނގަޅު މުދައްރިސުން ގިނަކުރުމަކީ ހުރިހާ ޤައުމަކުން އިސްކަންދީ، ޙަރަކާތްތެރިވާންޖެހޭ މަޖުބޫރީ ޙާލަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރި ވިދާޅުވީ، ޔުނެސްކޯއިން ފާހަގަކުރާ ގޮތުގައި، ދިވެހިރާއްޖެ ހިމެނޭ ފަދައިން، ހުރިހާ ޤައުމަކަށް ދިމާވެފައިވާ މައިގަނޑު ދެ މައްސަލައަކީ، ފެންވަރު ރަނގަޅު ދަރިވަރުން މުދައްރިސްކަން ޚިޔާރު ނުކުރާކަމަށާއި މުދައްރިސުން މަސައްކަތް ކުރަންޖެހޭ މާޙައުލުގެ ސަބަބުން، މިދާއިރާއަށް އޮތް ޒަމާންވީ ޝައުޤުވެރިކަންދަނީ ނެތެމުން ކަމަށެވެ. ދެވަނައަށް، ޔުނެސްކޯއިން ފާހަގަ ކުރާ މައްސަލައަކީ، ފިރިހެނުން މި ދާއިރާގައި މަސައްކަތް ކުރާލެއް މަދުކަވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ ތަފާސް ހިސާބުތަކަށް ބަލައިލިއަސް، އަންހެން މުދައްރިސުންގެ ނިސްބަތަކީ، 75 އިންސައްތަ ކަމަށާއި ކޮންމެ ހަތަރު މުދައްރިސުންގެ ތެރެއިން ތިން މީހުންނަކީ އަންހެނުން ކަމަށެވެ. ރާއްޖޭގައި ޚިދުމަތް ކުރާ މުދައްރިސުންގެ ތެރެއިން 22% އަކީ ބިދޭސީންނަށްވާއިރު، މި ހިސާބުތަކުން ދައްކައިދެނީ، ތަޢުލީމީ ދާއިރާ ކުރިއަރުވަން އޮތް ފުޅާ ފުރުޞަތުތައް ކަމަށް ވެސް ޑރ. އާއިޝަތު އަލީ ފާހަގަކުރެއްވިއެވެ.
މުދައްރިސްކަމަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމަށް، ޔުނެސްކޯއިން 7 ފިޔަވަޅެއް ހުށަހަޅާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މީގެ ތެރެއިން އެއްކަމަކީ، ފަށައިގަންނަ މުދައްރިސުންގެ ތަޢުލީމަށް ދެވޭ ސަމާލުކަން އިތުރުކުރުން. ކޯސްތަކުގެ ފީގެ އިތުރަށް، ކިޔަވާ މުއްދަތުގައި ދަސްކުރާ މުދައްރިސުންނަށް އެލަވަންސް އެއް ދިނުން ކަމަށެވެ. މުދައްރިސުންގެ އުޖޫރައާއި ޢިނާޔަތްތައް އިތުރުކުރަންޖެހޭއިރު، އެ ޢިނާޔަތްތައް ވާންޖެހޭނީ، މުދައްރިސަކަށް ވާން ކިޔަވަން ޖެހޭ މުއްދަތާއި މަސައްކަތް ކުރާ ގަޑިއާ އަޅާ ބަލާއިރު، އެހެން ދާއިރާތަކާ އެއްފަދަ އެއްޗަކަމަށް އެކަމަނާ ވެސް ވިދާޅުވިއެވެ.
" ޔުނެސްކޯއިން ދެކޭގޮތުގައި، މުދައްރިސުން ކިޔަވައިދިނުމަށް ހުސްވާގޮތަށް، އިދާރީ މަސައްކަތްތައް މަދުކުރުމާއި، މަސައްކަތު ވަގުތު އެދެވޭ މިންވަރަކަށް ހިފެހެއްޓުމާއި، މަދަރުސާތައް ހިންގާ ފަރާތްތަކުން މުދައްރިސުންގެ މަސައްކަތަށް ވާގިވެރިވުމަކީ ވެސް މުހިންމު ކަންކަން. މިކަންކަމަށް އިސްކަން ދެވިއްޖެނަމަ، ތަޢުލީމީ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަށް ޙައްލެއް ލިބިގެންދާނެ" މިނިސްޓަރު ވިދާޅުވިއެވެ.
މިއަދު އަޅުގަނޑުމެން ކުރިމަތިލާފައި މިވަނީ 21 ވަނަ ގަރުނުގެ އުފެއްދުންތެރި ވިސްނުމަށް ކަމަށާއި އިއްޔެ އަޅުގަނޑުމެން އުގަންނައިދިން ގޮތަށް މިއަދު އުގަންނައިދީގެން ފަރުޖައްސާލެވޭކަށް ނެތް ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.
" ކުރިއަރާފައިވާ ޤައުމުތަކުގެ ތަޢުލީމީ ނިޒާމުގައި ފަހިކޮށްދެވޭފަދަ ފަހި ފުރުޞަތުތަކާއެކު، އަޅުގަނޑުމެންގެ މަންހަޖުގައި ބުނާފަދަ ދިރިއުޅުމަށް ތައްޔާރުވެފައިވާ ދަރިވަރުންތަކެއް ތަމްރީންކުރުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީއާއި ފަންނީ ހުނަރުތަކުގެ ތެރެއަށް ދަރިވަރުންގެ ލޯތައް ހުޅުވާލަދޭން ޖެހޭ" 
ދަރިވަރުންގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކީ އަޅުގަނޑުމެން އެންމެ ބޮޑު ސަމާލުކަމެއް ދެމުންއައި އަދި މިއަދުވެސް ދެމުންގެންދާ މަސައްކަތް ކަމަށާއި ރަސްމީ ތަޢުލީމުގެ ނިޒާމުގެ ތެރެއަށް ސްޓެމް އެޑިޔުކޭޝަން ތަޢާރަފްކުރުމާއި ވޮކޭޝަނަލް ސެންޓަރުތައް ތަޢާރަފުކުރުމުގެ ބޭނުމަކީ މިއީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިހާރު ކުރިއަށް ގެންދާ ލިޓްރަސީ، ނިއުމަރަސީ ޕްރޮގްރާމް [ލޭމްޕް] ގެ އަމާޒަކީ ވެސް އެއީ ކަމަށާއި އަޅުގަނޑުމެން ބޭނުންވަނީ ކޮންމެ ދަރިވަރަކީ ވެސް ޙަޤީޤީ މާނައިގައި ލިޔަންކިޔަން ދަންނަ، ޙަޤީޤީ މާނައިގައި ދިރިއުޅުމަށް ތައްޔާރުވެގެން، ޤައުމަށް ޚިދުމަތްކުރަން ނުކުންނަ ދަރިއަކަށް ހެދުން ކަމަށް އެކަމަނާ ވިދާޅުވިއެވެ.
" ތަޢުލީމީ ދާއިރާގައި އަޅުގަނޑުމެންނަށް ފާއިތުވީ ފަސްވަރަކަށް އަހަރުގެ ތެރޭގައި ގެނެވިފައިވާ ކާމިޔާބުތައް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ވަޤުފްކުރާނީ ތިޔަ ލޮބުވެތި މުދައްރިސުންނަށް. ސްކޫލްތަކުގެ އިސްވެރިންނަށް. މެނޭޖްމަންޓްތަކަށް. އިދާރީ މުވައްޒަފުންނަށް. އަދި އެޑިޔުކޭޝަން މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އެންމެހައި އިދާރާތަކުގެ ހިންގުންތެރި އެންމެހައި ވެރިންނާއި މުވައްޒަފުންނަށް" ނިންމާލައްވަމުން މިނިސްޓަރު ހުރިހާ މުދައްރިސުންނަށް ވިދާޅުވިއެވެ.
advertisment
ހިޔާލު