ދިރާސީ އާ އަހަރާއެކު ގުރޭޑް 11ގެ ދަރިވަރުންނަށް ކޭމްބްރިޖްގެ އޭ ލެވެލްގެ ސިލަބަހަށް ކިޔަވައިދޭ ގޮތަށް ނިންމި ނިންމުން ބަދަލުކޮށް، މިހާރު ވެސް ކިޔަވައި ދެމުން އަންނަ އެޑެކްސެލް ސިލަބަހާއެކު ކުރިއަށްދާން އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އޭލެވެލްގައި މިހާރު ކިޔަވަމުންދާ އެޑެކްސެލް އިންޓަރނޭޝަނަލް އޭ އެސް ލެވެލް އިމްތިޙާނުގެ ބަދަލުގައި ކޭމްބްރިޖް އިންޓަރނޭޝަނަލް އޭ އެސް ލެވެލް އިމްތިޙާން ދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީން ނިންމީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 24 ވަނަ ދުވަހުއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން އެ ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނީ، 2022/2023 ގެ ދިރާސީ އަހަރު ކިޔަވަންފަށާ ދަރިވަރުން ކިޔަވާނީ ކެމްބްރިޖް އޭ އެސް ލެވެލް ސިލަބަހަށް ކަމަށެއެވެ. ކޭމްބްރިޖް އޭ އެސް ލެވެލްގެ އިމްތިޙާން އޮންނާނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު/ ނޮވެމްބަރުގައެވެ. އެ ބަދަލާއެކު ކެމްބްރިޖް އިންޓަރނޭޝަނަލް އޭލެވެލްއަށް ކިޔަވައިދޭން ފަށާނީ 2024/2025 ވަނަ އަހަރު ދިރާސީ އާ އަހަރާއެކުގައި ކަމަށާއި އިމްތިޙާން އޮންނާނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މަތީ ސާނަވީގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށީ މިދިޔަ މަހުގެ 17ގައެވެ.

އޭލެވެލްއަށް ކިޔަވައިދޭން ބައެއް ސްކޫލުތަކުން ބުނީ ކޭމްބްރިޖް ސިލަބަހަށް މި އަހަރު ކިޔަވައިދޭން ނިންމި ނަމަމަވެސް، މިހާރު ކިޔަވައިދެމުން ގެންދާ އެޑެކްސެލް ސިލަބަހާއެކު ކުރިއަށް ގެންދަން ނުރަސްމީކޮށް އަންގާފައިވާ ކަމަށެވެ. އެ ބަދަލު ގެނައި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ބައެއް ސްކޫލްތަކުން މައުލޫމާތު ދިނެވެ.
އެޑެކްސެލް އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ އަހުމަދު އަލީ ވިދާޅުވީ އެ ބަދަލު ގެނައުމާ މެދު އަދިވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ މިހާރު ވެސް އޮތް ގޮތަށް އެޑެކްސެލްއާއެކު ކުރިއަށް ދާން ނިންމީ މި ދަނޑިވަޅުގައި އެފަދަ ބޮޑު ބަދަލެއް ގެންނަން ބޭނުން ނުވާތީ ކަމަށެވެ.
ކޭމްބްރިޖަށް ބަދަލު ކުރުމަށް ނިންމި ނިންމުމާ ގުޅޭ ގޮތުން މީގެ ކުރިން އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ، އޯ ލެވެލްގައި ކޭމްބްރިޖު ސިލަބަސް ކިޔެވުމަށް ފަހު އޭ ލެވެލްގައި އެޑެކްސެލްއަށް ކިޔަވަން ޖެހުމުން ދަރިވަރުންނަށް އުނދަގޫތައް ދިމާވާ ކަމަށާއި ދެ ސިލަބަހުގެ ތަފާތު ބޮޑުވުމުން އޭ ލެވެލްގެ މެދު ތެރެއިން ކިޔެވުން ހުއްޓާލާ ދަރިވަރުން ގިނަ ކަމަށެވެ.
އެ ބަދަލު އޭރު ގެންނަން ނިންމީ އެ ހުރިހާ ކަމެއް ހައްލުކޮށް ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް ކަމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީން އޭރު ބުނެފައިވެއެވެ.
advertisment
ހިޔާލު