އޭލެވެލް އިމްތިޙާން މާދަމާ ފަށާނެއެވެ.
އޭލެވެލް އިމްތިހާން މާދަމާ ފަށަނީ އެސްއެސްސީ އިމްތިހާނުންނެވެ. އެޑެކްސެލްސް އިމްތިހާން ކުރިއަށް ދާނީ މި މަހު ނުވަ ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ބުނީ، ރާއްޖޭގެ 45 ސެންޓަރެއްގައި އޭލެވެލް އިމްތިޙާނު ކުރިއަށް ދާނެ ކަމަށާއި، 3،268 ދަރިވަރުން އިމްތިޙާނުގައި ބައިވެރިވާ ކަމަށެވެ. އިމްތިޙާނު ކުރިއަށް ގެންދަނީ، މާލޭގެ 3 ސެންޓަރެއްގެ އިތުރުން، އަތޮޅު ތެރޭގެ 42 ސެންޓަރެއްގައެވެ.
އެޗްއެސްސީ އިމްތިޙާނުގައި މި އަހަރު ރާއްޖެއިން 1363 ދަރިވަރުން ބައިވެރިވެއެވެ.
މި އަހަރު އޭލެވެލް ހަދާ ދަރިވަރުންގެ އަދަދު ކުރީ އަހަރަށްވުރެ 483 ދަރިވަރުން އިތުރެވެ. މިދިޔަ އޭލެވެލްގައި ބައިވެރިވީ 2785 ދަރިވަރުންނެވެ. އެޗްއެސްސީ އިމްތިޙާނު ހެދީ 1299 ދަރިވަރުންނެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ބުނީ، ކޭމްބްރިޖްގެ އޭލެވެލްގައި 130 ކެނޑިޑޭޓުން ހަތަރު މާއްދާއެއްގައި ބައިވެރިވެފައިވާ ކަމަށެވެ. އެއީ އަރަބި، ޓްރެވަލް އެންޑް ޓޫރިޒަމް، ފިޒިޔަކޮލޮޖީއާއި ލޯ އެވެ. މި އިމްތިހާން މަހުގެ 16 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ ކަމަށް ޑީޕީއީއިން ބުނެއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ވަނީ އިމްތިހާނަށް ތައްޔާރު ވުމަށާއި ސަމާލުކަން ދޭންޖެހޭ ކަންތައްތައް ފާހަގަކޮށް، އެކަމަށް ސަމާލުވުމަށް ދަރިވަރުންގެ ކިބައިން އެދިފައެވެ. އެއީ:
* އިމްތިހާނަށް ދިޔުމުގެ ކުރިން އިމްތިހާނު އޮތް ދުވަސް، ތަން، ގަޑި ޔަގީން ކުރުން.
* އިމްތިހާނަށް ދިޔުމުގެ ކުރިން އައިޑީ ކާރޑުގެ މުއްދަތު ހަމަވެފަ ތޯ ނުވަތަ ނޫން ތޯ ޔާގީން ކުރައްވާ، މުއްދަތު ހަމަވެފައި ވާނަމަ އިމްތިހާނަށް ދިޔުމުގެ ކުރިން ކާރޑު އާކުރުން.
* އިމްތިހާނަށް ދިޔުމަށް ގެއިން ނިކުތުމުގެ ކުރިން އިމްތިހާނު ހެދުމަށް ބޭނުންވާ ސްޓޭޝަނަރީޒް، އައިޑީ ކާރޑް، ސްޓޭޓްމަންޓް އޮފް އެންޓްރީޒް، އަދި ކަލްކިޔުލޭޓަރ ފަދަ ތަކެތި ހަމަތޯ ޔަގީންކުރުން.
މީގެ އިތުރުން އެ ޑީޕީއީއިން ބުނީ، އިމްތިހާނު ހޯލަށް ވަދެވޭނީ އައިޑީ ކާރޑު އަދި ސްޓޭޓްމަންޓް އޮފް އެންޓްރީ ދެއްކުމަށް ފަހު ކަމަށާއި އިމްތިހާނު ހޯލަށް އެއްވެސް އަތުކުރި ގަޑި އެއް ނުވެއްދޭނެ ކަމަށެވެ.
advertisment
ހިޔާލު