އެމްއެންޔޫގެ ބުކް ގްރާންޓްގެ އެހީގެ ދަށުން ތޭރަ ފޮތެއް ނެރެފި

އެމްއެންޔޫގެ ބުކް ގްރާންޓްގެ އެހީގެ ދަށުން ތޭރަ ފޮތެއް މިއަދު ނެރެފިއެވެ.

ތިން ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ އެމްއެންޔޫ ފޮތް މައުރަޒުގެ ތެރެއިން މި ފޮތްތައް ނެރެދެއްވީ ރައީސުލްޖުމްޙޫރިއްޔާގެ ނާއިބް ފައިސަލް ނަސީމެވެ.

މިއަދު ނެރުނު ތޭރަ ފޮތް ލިޔުއްވާފައި ވަނީ ތިން ބޭފުޅުންނެވެ. އެއީ ޔުނިވަރސިޓީގެ ޑީން އޮފް ސްޓޫޑެންޓް ލީލާ އަޙްމަދު ލިޔުއްވީ " ލޯބިވާ ކާފަ" އާއި "ފެންނަ ފެނުން" އެވެ. އަދި އެ ޔުނިވަރސިޓީގެ ލެކްޗަރަރ އަޙްމަދު ޝަރީފު ލިޔުއްވި "ވެބްސައިޓް ފަރުމާކުރުން- ފިޔަވަޅަކަށްފަހު ފިޔަވަޅެއް" ފޮތާއި ސެންޓަރ ފޮރޯ އެޑިޔުކޭޝަން ޓެކްނޮލޮޖީ އެންޑް އެކްސަލެންސްގެ ކުރީގެ ހެޑް ޝިމްނާ ޝަކީބް، ދިހަ ފޮތުގެ މައްޗައް ސިލްސިލާ ވާހަކައެއްގެ ގޮތުގައި ލިޔުއްވި " މާމަގެ ވާހަކަގޯނި" އެވެ.

ލީލާ ވިދާޅުވީ، އޭނާ ލިޔުއްވި ލޯބިވާ "ކާފަގެ ވާހަކަ" އިން ދަސްކޮށްދޭނީ ދުވަސްވީ މީހުންނަށް ކަމޭ ހިތުމެވެ. އެކަން ކުރަން ބޭނުންނަމަ ގޭތެރެއިން އެކަން ފެންނަންޖެހޭ ކަމަށް ވެސް އެ ފޮތުގައި އޭނާ ތަފްޞީލުކޮށްދީފައިވެއެވެ. ދެން އޭނާ ލިޔުއްވި "ފެންނަ ފެނުން" ވާހަކަ ފޮތަކީ ކަންތައްތަކާ ދޭތެރޭ ދެކޭގޮތާއި ބަލާގޮތް ތަފާތު ވުމުން، މުޅި މުޖްތަމައުގެ މަންޒަރު ބަދަލުވާކަން ދަސްކޮށްދޭން ލިޔެފައިވާ ކުރު ވާހަކައެކެވެ.

ޝަރީފު ލިޔުއްވި "ވެބްސައިޓް ފަރުމާކުރުން- ފިޔަވަޅަކަށްފަހު ފިޔަވަޅެއް" މި ފޮތަކީ ވެބްސައިޓް ހެދުމަށް ބޭނުންވާ އެންމެ މީހަކަށް ބޭނުންވާ އެންމެ މުހިންމު މައުލޫމާތު ގެނެސްދީފައިވާ ފޮތެކެވެ. އެ ފަންނު ނޭނގޭ ބަޔަކު ވެބްސައިޓް ހަދަން ފެށުމުން ނުކުންނާނެ މައްސަލަތައް ވެސް މި ފޮތުގައި އޭނާ ގެނެސްދީފައިވެއެވެ.

ޝިމްނާ ލިޔުއްވި ސިލްސިލާ ވާހަކަ ބިނާކޮށްފައި ވަނީ އާއިލާގެ ހުރިހާ މެމްބަރުން ހަފްތާ ބަންދުގައި މާމަގެ ގެއިން ދިމާވެގެން ކިޔައިދޭ ކުރީގެ ދިވެހިންގެ ދިރިއުޅުމުގެ ވާހަކަތަކުގެ މައްޗަށެވެ. އެ ވާހަކަތަކުން އިބްރަތްތެރި އެތައް މެސެޖްތަކެއް ލިބޭނެ ކަމަށް ޝިމްނާ ވިދާޅުވިއެވެ. މިއީ ދުނިޔެގެ އެކި ތަންތަނުގެ ފޯކްލޯރ ތަކަށް ވެސް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ.

" ފޯކަސްކޮށްފައި ހުންނާނީ ނެތެމުންދާ އާދަތަކާއި ދިރިއުޅުމާއި ތިމާވެއްޓަށް. އަދި މުސްކުޅިވުމަކީ އެމީހެއްގެ ބޭނުން ކެނޑޭކަމެއް ނޫންކަން ވެސް މި ސިރީޒްގެ ވާހަކަތަކުގައި ގެނެސްދީފައިވާނެ" ކޮވިޑްގެ ތެރޭގައި ކުރި މަސައްކަތާއި އަދި އޭނާ ލިޔުއްވި ދިވެހި ފުރަތަމަ ވާހަކައާ ގުޅޭ ގޮތުން ޝިމްނާ ވިދާޅުވިއެވެ.

ފޮތްތެރި މުޖްތަމައެއް ބިނާކުރުމާއި ފޮތް ލިޔާ މީހުންނާއި ފޮތް ޕްރިންޓްކުރަން ބޭނުންވާ މީހުންނަށް އެމްއެންޔޫގެ ބުކް ގްރާންޓް ވަނީ ހުޅުވާލާފައެވެ. 2021 ވަނަ އަހަރު ތަޢާރަފު ކުރި އެމްއެންޔޫ ބުކް ގުރާންޓުގެ ދަށުން މިހާތަނަށް އަށާރަ ފަތާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *