ދިވެހި ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމުގެ ދަށުން ހުޅުވާލި ދިހަ ސްކޫލަރޝިޕަށް 35 މީހަކު ކުރިމަތިލައިފިއެވެ.
ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ސްކޮލަރޝިޕްގެ މުއްދަތު ހަމަވީ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ. ކުރިމަތިލި މީހުންގެ ސްކްރީނިންގ މަރުހަލާއަށްފަހު، ޝަރުތު ހަމަވީ ސާދަ މީހުން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން އާންމު ކުރި ނަތިޖާ ޝީޓުން އެނގެއެވެ.
ދިވެހި ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ހިންގާ ޕްރޮގްރާމުގެ ފުރަތަމަ ބުރު ކާމިޔާބު ކަމާއެކު ނިންމާލެއްވި 18 ޕްރިންސިޕަލުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އަތޮޅުތެރޭގެ ސްކޫލްތަކުގައެވެ.
ކަނޑައެޅޭ ސަރުކާރުގެ ސުކޫލެއްގައި ވަކި މުއްދަތަކަށް ޚިދުމަތްކުރުމަށް ބޮންޑުކުރެވޭ ގޮތަށް ދެވޭ މި ސްކޮލަރޝިލްގެ ދަށުން ކިޔެވުމަށްދާ ޚަރަދާއި މުސާރައާއި އެއްވަރުގެ އެލަވަންސަކާއި ދެކޮޅު ޓިކެޓް ދެއެވެ.
ސްކޮލަރޝިޕްގެ ޝަރުޠުތަކެއް ކަމަށް ކަނޑައަޅާފައި ވަނީ، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަ ކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސުކޫލެއްގައި ކިޔަވައިދިނުމުގައި މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 4 އަހަރު ޚިދުމަތްކޮށްފައިވުމެވެ.
އަދި އިތުރަށް ބުނެފައި ވަނީ، ކޯހަށް ކަނޑައަޅާފައިވާ ދާއިރާއިން މާސްޓަރސް ޑިގްރީ (ލެވެލް 9) ފެންވަރުގެ ކޯހެއް ނިންމާފައިވާ ފަރާތެއްކަމުގައި ނުވުމެވެ.
advertisment
ހިޔާލު