އެންމެ ހަގު ޢުމުރުގައި އޭލެވެލްއަށް ކިޔަވަން ފެށި ދަރިވަރަކަށް ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގައި ކިޔަވަން ފެށި ރަޔާން ރިޔާޒް އަބުދުލް ވާހިދު ވެއްޖެއެވެ. އޭލެވެލްއަށް ކިޔަވަން ފެށިއިރު ރަޔާން ޢުމުރުކީ 12 އަހަރެވެ. އާންމުކޮށް އޭލެވެލްއަށް ކިޔަވަން ރާއްޖޭގައި ފަށާ ޢުމުރަކީ 16 އަހަރެވެ.
ކިޔެވުމުގައި ޚާއްޞަ އަހީއަށް ބޭނުންވާ ރަޔާން ހުރަވީ ސްކޫލްގެ ގުރޭޑް 6ގައި ކިޔަވަމުން، އަމިއްލަ ގޮތުން އޯލެވެލްގައި ބައިވެރިވެ ހައިރާން ކުރުވުވަނި ނަތީޖާއެއް ވަނީ ހޯދާފައެވެ.
ރަޔާން ވަނީ ދިހަ އަހަރުގައި އޯލެވެލްގެ ކެމިސްޓްރީގައި ބައިވެރިވެ އޭ ސްޓަރއެއް ހޯދާފައެވެ. އޭގެ ފަހުން މި އަހަރު ބޭއްވި އޯލެވެލް އިމްތިޙާނުގައި، ބައޮލޮޖީން އޭ ސްޓާ، ހިސާބާއި އިނގިރޭސި އަދި ފިޒިކްސްއިން އޭއެއް ހޯދާފައެވެ.
އޭލެވެލްގައި ކިޔަވާ ދަރިވަރުންނަށް ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމަށް ދިޔައިރު ވެސް ހުރީ ވަރަށް އުފަލުން ކަމަށް ރަޔާންގެ އާއިލާގެ މީހަކު ދަރިވަރު ނޫހަށް ބުންޏެވެ.
" އޭލެވެލްއަށް ކިޔަވޭތީ ވަރަށް އުފަލުން ހުރީ. " އޭނާ ބުންޏެވެ.

އެ ބައްދަލުވުން ނިމުމުން، ޕްރިންސިޕަލާއި ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރު ވަނީ ރަޔާންއާ ބައްދަލުކޮށް މަރުޙަބާ ދަންނަވާ، ކިޔެވުމަށް ހިތްވަރު ދެއްވާފައެވެ.
ވިލާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް ސައީދު އަޙްމަދު ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ ނަތީޖާއަށް ބަލާއިރު ރަޔާންއަށް އޭލެވެލް ކިޔަވަން ފުރުޞަތު ނުދޭންވީ ސަބަބެއް ނެތް ކަމަށާއި އެ ދަރިވަރުގެ ކުރިމަގަށް ބަލައި، އާއިލާއިން އެދުމުން އެ ފުރުޞަތު ތަނަވަސްކޮށްދެއްވީ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ފުރުޞަތު ދިނުމުގައި ދިމާވެދާނެ ކަންތައްތަކަށް ވެސް ބެއްލެވި ކަމަށާއި އެންމެ މުހިންމު ކަމަކީ ދަރިވަރެއްގެ ކުރިމަގަށް މަސައްކަތް ކުރެއްވުން ކަމަށެވެ.
" ހުރިހާ ކަމަކަށް ރިޔާއަތް ކުރުމަށްފަހު، ފުރުޞަތު ދިނީ" ސައީދު ވިދާޅުވިއެވެ.
ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގައި މި އަހަރު 630 ދަރިވަރުން އޭލެވެލްއަށް ކިޔަވަން ފެށިއެވެ. މިއީ އެ ސްކޫލުގެ ތާރީޚުގައި ވެސް އެންމެ ގިނަ ކުދިން ކިޔަވާ އަހަރެވެ.
advertisment
ހިޔާލު