މަތީ ސާނަވީގެ ކިޔެވުން މިއަދު ސްކޫލްތަކުގައި ފަށައިފިއެވެ. ދިރާސީ ކަލަންޑަރުގައިވާ ގޮތުން މަތީ ސާނަވީގެ ކިޔެވުން ފަށަން އޮތީ މި މަހުގެ ތިން ވަނަ ދުވަހުއެވެ. އަތޮޅުތެރޭގެ ބައެއް ސްކޫލްތަކުގައި އެ ދުވަހު ކިޔަވައިދޭން ފެށި ނަމަވެސް މާލެ ހިމެނޭ ސަރަހައްދާއި އައްޑޫ ސިޓީގައި ކިޔެވުން ފެށީ މިއަދުއެވެ.
މަތީ ސާނަވިއަށް ކިޔަވައިދޭ ސްކޫލެއްގެ ޕްރިންސިޕަލް ވިދާޅުވީ، އޯލެވެލްގެ ނަތީޖާ ލިބުމާއި މަތީ ސާނަވީ ފެށުމާ ދޭތެރޭގައި އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި އިދާރީ ގޮތުންނާއި ދަރިވަރުންގެ އެޕްލިކޭޝަން ހުށަހަޅުމަށް ވަގުތު ބޭނުންވާތީ މަތީ ސާނަވީގެ ކިޔެވުން މިއަދު ފަށަން އެޑިޔުކޭޝަނުން މިނިސްޓްރީން ހަމަޖައްސައިދިން ކަމަށެވެ.

މާލޭގެ ސަރަޙައްދުގައި އޭލެވެލްއަށް ކިޔަވައި ދެމުން ގެންދަނީ ސީއެޗްއެސްއީގެ އިތުރުން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާއި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގައެވެ.
ސީއެޗްއެސްއީން ބުނީ އެ ސްކޫލުން މަތީ ސާނަވީގެ ގުރޭޑް 11ގެ ކިޔެވުން މި އަހަރު ފެށީ 530 ދަރިވަރުންނާއެކުގައި ކަމަށެވެ. މަތީ ސާނަވީގެ އިމްތިޙާން އަންނަ މަހު ފަށާތީ، ގުރޭޑް 12ގައި ދެ ބެޗްގެ ކިޔެވުން ވެސް އެ ސްކޫލުގައި ކުރިއަށް ދާނެއެވެ.
ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން ބުނެފައި ވަނީ އެ ސްކޫލަށް ގިނަ އަދަދެއްގެ ދަރިވަރުން މި އަހަރު ކިޔަވާނެ ކަމަށެވެ.

އަޙްމަދިއްޔާއިން ބުނެފައި ވަނީ އެ ސްކޫލަށް ވަންނަން ބޭނުންވި ހުރިހާ ދަރިވަރުންނަށް ފުރުޞަތު ނުދެވުނު ކަމަށާއި ޖާގައޮތް ނިސްބަތުން ފުރުޞަތު ދެވުނީ 400 އެއްހާ ދަރިވަރުންނަށް ކަމަށެވެ.
ދިވެއްސާއި އިސްލާމާއެކު ފަސް މާއްދާއިން ފާސްވާ ދަރިވަރުން، މަތީ ސާނަވީއަށް ކިޔެވުމުގެ ފީ ދައްކަމުން އަންނަނީ ސަރުކާރުންނެވެ.
އަތޮޅުތެރޭގެ ތިން ސްކޫލެއްގައި މި އަހަރު މަތީ ސާނަވީއަށް ކިޔަވައިދޭން ވަނީ ފަށާފައެވެ. އެއީ ގދ. އަތޮޅު މަދަރުސާއާއި ލ. މާވަށު ސްކޫލާއި މ. މުލަކު ސްކޫލެވެ.
advertisment
ހިޔާލު