ވިލާ ހައި ސްކޫލަށް ވަން ދަރިވަރުންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ

މަތީ ސާނަވީއަށް ކިޔަވަން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލަށް ވަން ދަރިވަރުންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެއެވެ. އެ ސްކޫލުގެ ގުރޭޑް 11އަށް ވަން ހަ ސަތޭކައެއްހާ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުންތައް، އިއްޔެ ހަވީރާއި ރޭގައި ވަނީ ބާއްވާފައެވެ.

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ޕްރިންސިޕަލް ސައީދު އަޙްމަދު ދަރިވަރު ނޫހަށް ވިދާޅުވީ އެ ސްކޫލާ އަލަށް ގުޅުނު ދަރިވަރުން ބޮޑުތަނުން އިތުރު ވުމުން މައުލޫމާތު ދިނުމުގެ ބައްދަލުވުން މިފަހަރު ބާއްވަން ޖެހުނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ކަމަށެވެ.

" މިހާތަނަށް އެންމެ ގިނަ ދަރިވަރުން ކިޔަވަން ފަށާނެ އަހަރަކަށް މި އަަހަރު ވާނެ" ސައީދު ވިދާޅުވިއެވެ.

މަތީ ސާނަވީގެ ކިޔެވުން މާލޭގެ ސަރައްދުގެ އިތުރުން އައްޑޫ ހައި ސްކޫލްގައި ފަށާނީ މާދަމާއެވެ.

ވީއައިއެޗްއެސްގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ފުރަތަމަ ދަންފަޅި ޚާއްޞަ ކުރީ ސައިންސް ސްޓްރީމް ދަރިވަރުންނަށެވެ. ދެ ވަނަ ދަންފަޅި ޚާއްޞަ ކުރީ ބިޒްނަސް ސްޓްރީމްގެ ދަރިވަރުންނަށެވެ.

ސައީދު ވިދާޅުވީ އެހެން އަހަރުތަކާ ޚިލާފަށް އެ ސްކޫލުގައި ކިޔަވަން ފަށާ ދަރިވަރުންގެ އަދަދު ބޮޑުތަނުން އިތުރުވީ އެ ސްކޫލުން ކިޔަވައިދޭ ފެންވަރާމެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ބޮޑުވުމުން ކަމަށެވެ.

ވީއައިއެޗްއެސް އަށް ވަން ދަރިވަރުންގެ އަދަދު އިތުރުވިއިރު، ދިރާސީ އާ އަހަރާއެކު ސީއެޗްއެސްއީގެ ކިޔެވުން ހުޅުމާލެއަށް ބަދަލުކުރިތާ މާ ގިނަ ދުވަހެއް ނުވެއެވެ. އެހެންވެ މާލޭގައި ދިރިއުޅޭ ގިނަ ދަރިވަރުން ވީއައިއެޗްއެސްއާ ގުޅުމަކީ އެއީ އެކަށީގެންވާ ކަމެކެވެ.

އެކަމަކު ސައީދު ވިދާޅުވީ އެ ސްކޫލާ ގުޅުނު ދަރިވަރުންގެ ތެރޭގައި ހުޅުމާލޭގައި ދިރިއުޅެމުންދާ ދަރިވަރުން ހިމެނޭތީ އެއީ ސަބަބެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

" އަލަށް ކިޔަވަން ފަށާ ދަރިވަރުންގެ ތެރޭގައި ހުޅުމާލޭގައި، ސީއެޗްއެސްއީއާ ކައިރީގައި ދިރިއުޅެމުންދާ ދަރިވަރުން ވެސް ހިމެނޭ. " ސަޢީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ވީއައިއެޗްއެސްގެ ކާމިޔާބަކީ ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުން ކަމަށާއި އެ ސްކޫލުން ނުކުންނަ ކޮންމެ ދަރިވަރަކީ ޒަމާނީ ވެއްޓަށް ލޯ ހުޅުވިފައިވާ، ކިޔަވަންދަންނަ އަޚްލާގު ރަނގަޅު ދަރިވަރުން ކަމަށެވެ.

ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލްގައި ކިޔަވައި ދަރިވަރުންގެ ފީ ދައްކައި ދެނީ ސަރުކާރުންނެވެ. ސަރުކާރުން ފީ ދައްކަނީ ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭ ދަރިވަރުންގެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *