ކަންކަމުގައި އިސްނަގައި އަމިއްލައަށް ޒިންމާދާރު ވުމުގެ ފުރުޞަތު ކުދިންނަށް ފަހި ކޮށްދޭންޖެހޭ

ކަންކަމުގައި އިސްނަގައި އަމިއްލައަށް ޒިންމާދާރު ވުމުގެ ފުރުޞަތު ކުދިންނަށް ފަހި ކޮށްދޭންޖެހޭ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، މުޖްތަމައުގައާއި ގޭތެރެއިންނާއި ސްކޫލް މާހައުލުގައި ވެސް މިހާރަށްވުރެ ބޮޑަށް ޒިންމާދާރު ވުމުގެ ފުރުޞަތު ކުދިންނަށް ފަހި ކޮށްދޭންޖެހޭ ކަމަށެވެ.

ޑރ. އިބްރާހިމް ހަސަން ވިދާޅުވީ އިސްނެގުމާއި ޒިންމާދާރު ނުވަނީ ދަރިންގެ ކަންތައްތަކުގައި އަޅުގަނޑުމެންނަށް މާ ބޮޑަށް ޝާމިލުވެގެން އުޅެވޭތީކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ފާހަގަކުރެވޭ ކަމަކީ ކުދިންނަށް ލިބެންޖެހޭ ފުރުޞަތު ތަކާއި ދަސްވާންޖެހޭ ހުނަރުތައް، އިސްނެގުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް އެންމެ ރަނގަޅަށް އެންމެ ފުރިހަމައަށް ތަޖުރިބާ ކުރުމުގެ ފުރުޞަތު ގެއްލިގެންދާކަމެވެ.

" ދަރިވަރުންނަށް އިސްނަގަން ފުރުޞަތު ލިބެންޖެހޭނެ. ޒިންމާދާރު ކަމާއެކު ކަންކަމުގައި އުޅުމަށް ފުރުޞަތު ދެވެންޖެހޭނެ. ސްކޫލު މާހައުލާއި ގޭތެރޭގެ މާހައުލަކީ އެކަން ފަރިތަކުރަން ލިބޭނެ އެންމެ ރަނގަޅު މާހައުލު. އެ ފުރުޞަތު އެކުދިންނަށް ދެވިއްޖިއްޔާ އެކުދިން ދެން ދާ މަރުޙަލާތަކުގައި، ކޮލެޖް ޔުނިވަރސިޓީތަކުގައި ތަޢުލީމް ޙާޞިލްކުރާއިރު ލިބޭ ފުރުޞަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފަން ނޭނގި ހިނގައިދާނެ" މިނިސްޓަރު ވިދާޅުވިއެވެ.

" ގޭތެރެރޭގައި ވެސް އަތުން ފައިން މަސައްކަތްކުރަން އާދަވާންޖެހޭނެ. ފިރިހެން ކުއްޖަކަށް ވާތީ ކުރަން ނުޖެހޭ ކަންކަން ހުރެގެން ނުވާނެ. އަންހެން ކުއްޖަކަށް ވީތީ ކުރަންޖެހޭ ކަންކަން ހުންނާކަށް ނުޖެހޭނެ. މިކަމުގައި މައިންބަފައިން ނަމޫނާއަކަށް ވާން ވެސް ޖެހޭނެ"

އަމިއްލަ ދިރިއުޅުމުން މިސާލު ނަންގަވައި މިނިސްޓަރު ވިދާޅުވީ ސްކޫލްގައި އުޅުނުއިރު، ބަދިގޭގައި ކުރަންޖެހޭ މަސައްކަތް ކުރާކަށް މައިންބަފައިން ނުޖައްސާ ކަމަށެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ޔުނިވަރސިޓީއަށް ކިޔަވަން ވަޑައިގެންނެވިއިރު ސައިތައްޓެއް ހަދާލަން ވެސް އެނގިވަޑައިނުގެންނެވުމެވެ.

މިނިސްޓަރު ވިދާޅުވީ އެ ކަންތައްތަކުގެ އަލީގައި ދަރިން މިހާރު ބޮޑުކުރަނީ އަންހެން ކުއްޖަކަށް ވީތީ ވަކިކަމެއް މަނާކޮށް، ފިރިހެން ކުއްޖަކަށް ވީތީ ވަކިކަމެއް ހުއްދަކޮށްގެން ނޫން ކަމަށެވެ.

" އަޅުގަނޑުމެންނަށް ދުވަހީ ދިރިއުޅުމުގައި ބޭނުންވާ ހުރިހާ ހުނަރެއް ހުރިހާ އެންމެންނަށް އެނގެން އެބަޖެހޭ" ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *