ވަޒީފާގެ ބާޒާރުގައި ކާމިޔާބުގެ މަގު ހުރަސްކުރުމަށްޓަކައި، މަންތީޤީ ވިސްނުމުގެ ނަޒަރުން ތިމާގެ ލެންސް ސީދާ ކުރަންޖެހޭ ކަމަށް ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޝިފާޒު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ފާއިތުވި އަހަރުގެ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވީ، ހަތަރު ވަނަ އިންޑަސްޓްރިއަލް ރެވެލިއުޝަނަށް ފައްކާވެފައިވާ ކުދިންނަށް ވުމަށްޓަކައި މަސަކަތް ކުރަން އެބަޖެހޭ ކަމަށެވެ.
" ތިޔަ ކުދިން މި ޢިލްމީ ހިޔަލުގެ އޮޅި ގިރާކޮށް ނުކުންނަ އިރު، ވަޒީފާގެ ބާޒާރަށް އޮންނަ ޑިމާންޑް މިހާރަށްވުރެ އެތައް ގުނައެއް އިތުރުވާނެ. އެހެންކަމުން ވަޒީފާގެ ބާޒާރުގައި، ކާމިޔާބުގެ މަގު ހުރަސްކުރުމަށްޓަކައި މަންތީޤީ ވިސްނުމުން ނުވަތަ ކްރިޓީކަލީ ވިސްނުމުގެ ނަޒަރުން ތިމާގެ ލެންސް ސީދާ ކުރަންޖެހޭ" ޝިފާޒު ވިދާޅުވިއެވެ.
ދަރިވަރުންނާ މުޙާޠަބުކުރައްވައި ޕްރިންސިޕަލް ޝިފާޒު ވިދާޅުވި ގޮތުގައި، އެހެންމީހުންގެ ވާހަކަ އަޑުއެހުމުގެ ޤާބިލުކަން ހުރުމާއެކު މައްސަލަ ހައްލުކުރާނެ އުކުޅުތަކާއި ކަންކަމުގައި ރަނގަޅު ޖަޖްމެންޓެއް ނެރެ ޑިޒިޝަން ނަގަން އެނގުން މުހިންމެވެ. އަދި އުފެއްދުންތެރިކަމުގެ ނަޒަރިއްޔާގެ ބޭނުން ހިފުމާއެކު އެހެންމީހުންނާއެކު އުޅެވޭނެ ހުނަރާއި މި ނޫންވެސް ކިތަންމެ ޤާބިލުކަމެއް ތަޢުލީމީ ހިޔާވަހިން ނުކުންނައިރު ދަސްކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ޝިފާޒު ވިދާޅުވީ 21 ވަނަ ޤަރުނުގެ މައިގަނޑު ހުނަރުތައް ދަރިވަރުންނަށް ހޯދާދިނުމަށްޓަކައި މިހާރު ސްޓެމް އެޑިއެކޭޝަން ފަށާފައިވާ ކަމަށާއި، އެ ޕްރޮގުރާމްގައި 200 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުދާ ކަމަށެވެ.
ސްޓެމް އެޑިއުކޭޝަނަކީ ސައިންސާއި ޓެކްނޮލަޖީ އިންޖިނޭރިން އަދި ހިސާބުގެ މާއްދާތައް އެއްކޮށްލައިގެން ކިޔަވައިދޭ ޓީޗިންގ އެޕްރޯޗަކަށް ކިޔާނަމެކެވެ.
" ވޮކޭޝަނަލް ޕްރޮގުރާމްތައް އިންޓަރގުރޭޑް ކުރެވިފައި ވުމަކީ ވެސް އަޅުގަނޑުމެން މިކުރާ ދަތުރުގައި ހާސިލު ކުރެވުނު ބޮޑު ކާމިޔާބީއެއް. އިރާދާ ކުރެއްވިޔާ މި ފަދަ ހަރަކާތްތަކުގެ މޮޅު ތާސީރާއި ރާހަތު މި ކުދިންނަށް ފޮނިމީރު ގޮތެއްގައި ލިބޭނެ" ޝިފާޒު ވިދާޅުވިއެވެ.
މުދައްރިސުންނަށް ޝިފާޒު ގޮވާލެއްވީ، ދަރިވަރުންނަށް އުނގަންނައި ދެއްވުމުގައި ޒަމާނާ ފައި ހަމަކޮށް ދިރާސާތަކުގެ ބޭނުން ހިފައިގެން މިހާރެކޭ އެއްފަދައިން ތަޢުލީމީ މަންހަޖުގެ ތަޞައްވުރާ އެއްގޮތަށް މަސައްކަތް ކުރުމަށެވެ.
" މުދައްރިސުންގެ ގިޔަރު މިހާރަށްވުރެ މައްޗަށް ޖައްސަވައި، ބިނާކުރުވަނިވި ފަހި ވެށްޓަކަށް ހޭނިފައިވާ ދަރީންތަކެއް އުފެއްދުގެ މަސައްކަތްޕުޅު އިތުރަށް ހަރުދާނާ ކުރެއްވުމަށް ހުރިހާ ބޭފުޅުން އަތާ އަތްގުޅައިގެން މަސަކަތް ކުރެއްވުމަކީ އަޅުގަނޑުގެ އުންމީދު" 500 އެންހާ ދަރިވަރުން ކިޔަވުންދާ ސްކޫލުގެ ޕްރިންސިޕަލް ޝިފާޒު ވިދާޅުވިއެވެ.
advertisment
ހިޔާލު