ބެޗްލަރސް ޑިގްރީ ފުރިހަމަ ކުރާ މުދައްރިސުންގެ މަގާމުގެ ރޭންކު ބަދަލުކުރަން ދެ އަހަރު މަޑުކުރާކަށް މިހާރަކު ނުޖެހޭނެ

ޑިޕްލޮމާ ލެވެލްގެ މުދައްރިސުން ބެޗްލަރސް ޑިގްރީ ފުރިހަމަ ކުރުމުން، މަގާމުގެ ރޭންކު ބަދަލުކުރަން ދެ އަހަރު މަޑުކުރަން ނުޖެހޭ ގޮތަށް ސިވިލްސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

އެ ކޮމިޝަނުން އެޑިޔުކޭޝަން މިނިސްޓަރަށް އެޑްރެސްކޮށް ފޮނުއްވި ސިޓީގައި ބުނެފައި ވަނީ މުދައްރިސުންގެ ޖޮބް މެޓްރިކްސްގެ ޕަބްލިކް ސަރވިސް ރޭންކު 5 (ޑިޕްލޮމާ ލެވެލް) ގެ މުދައްރިސުންގެ މަޤާމުތައް ސްކޫލް ސްޓާފް ރިކުޔަމަންޓްގައި ހިމެނުމުގައްޔާއި، އަދި އެފަދަ ޓީޗަރުން ޑިގްރީ ޙާޞިލްކުރުމުން ޕަބްލިކް ސަރވިސް ރޭންކު 7 ( ބެޗްލަރސް ޑިގްރީ ލެވެލް) ގެ މަޤާމަކަށް ހަމަޖެއްސުމުގެ ގޮތުން އެ ކޮމިޝަނުން މިންގަނޑެއް އެކުލަވާލާފައިވާ ކަމަށެވެ. އެއީ " ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ ޕަބްލިކް ސަރވިސް ރޭންކު 5 ގައިވާ ޓީޗަރުން ޑިގްރީ ޙާޞިލް ކުރުމުން ޕަބްލިކް ސަރވިސް ރޭންކު 7އަށް ބަދަލުކުރުމުގެ މިންގަނޑު" އެވެ.

އަދި އެ ސިޓީގައި ބުނެފައި ވަނީ އެ މިންގަނޑާ އެއްގޮތަށް ސްކޫލްތަކުގެ ސްޓާފް ރިކުއަރމަންޓަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ފާސްކުރުމަށް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެ ރިކްއަރމަންޓް ފާސްވުމުން، އެ މިންގަނޑުގެ ތެރެއިން އުފައްދަންޖެހޭ މަޤާމުތައް އުފެއްދުމަށް އެ ކޮމިޝަނަށް ހުށަހަޅައި މަޤާމްތައް އުފެއްދުމުން، މި ހިނގާ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިންޓަރނަލީ އިއުލާންކޮށް ޓީޗަރުންގެ މަޤާމް އިއުލާންކޮށް ޓީޗަރުންގެ މަޤާމް ބަދަލު ކުރުމުގެ މަސައްކަތް ސްކޫލްތަކާ ގުޅިގެން ކުރިއަށް ގެންދިއުމަށެވެ.

ސިވިލްސާވިސް ކޮމިޝަނުން ކުރިން އަމަލުކުރަމުންދާ އުޞޫލަށް ބަލާއިރު، އެއް ރޭންކުން އަނެއް ރޭންކަށް ބަދަލުވުމަށް ދެ އަހަރު ދުވަހުގެ މުއްދަތެއް ނަގައެވެ. އެހެންވެ ޑިޕްލޮމާ ލެވެލްގެ މުދައްރިސުން ޑިގްރީ ނިންމި ނަމަވެސް ކުރިން އަމަލު ކުރަމުން ދިޔަ އުޞޫލުގެ ދަށުން މަޤާމުގެ ރޭންކަށް ބަދަލެއް ގެންނަން ދެ އަހަރު ދުވަހު މަޑުކުރަން ޖެހެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ އަޙްމަދު އަލީ ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، ޑިގްރީ ނިންމާފައި ތިބި އެތަކެއް ޓީޗަރުންގެ ވަޒީފާގެ ރޭންކް ބަދަލު ނުވުމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބެމުންދާތާ އެތަކެއް ދުވަހެއް ވެއްޖެކަމަށާއި މިއަދުން ފެށިގެން އެ ޝަކުވާތަކަށް ނިމުމެއް އަންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޑީގްރީ ނިންމާ ޓީޗަރުންނަށް މަޤާމުގެ ރޭންކު ބަދަލުކުރަން މިހާރު އެއްވެސް ހުރައެއް ނެތް ކަމަށާއި ސެޓްފިކެޓާއެކު ހުށަހެޅުއްވުމުން މަޤާމުގެ ރޭންކް ބަދަލު ކުރައްވާނެ ކަމަށެވެ.

" ކުރިން ޢަމަލު ކުރަމުންއައި އުޞޫލަށް ބަލާއިރު، ޑިޕްލޮމާ ރޭންކުގައި ހުރި މީހަކު ޑިގްރީ ނިންމިއަސް ދެ އަހަރު މަޑުކުރަންޖެހޭ މަތީ ރޭންކަށް ބަދަލުވާން. ތަޢުލީމީ ދާއިރާގެ ވަރަށްގިނަ ޓީޗަރުންނަކީ މިހާރު ވެސް ޑިގްރީއަށް ކިޔަވަމުންދާ، ކިޔަވާ ނިންމާފައިވާ ޓީޗަރުން. އެމީހުންނަށް ކުރިއެރުން ނުލިބޭތީ އެ ޝަކުވާ ލިބެމުން އަންނަތާ ދުވަސްތަކެއްވެއްޖެ. އެ މައްސަލައަށް ދާއިމީ ހައްލެއް މިއައީ" އަޙްމަދު އަލީ ވިދާޅުވިއެވެ.

" މީގެ މާނައަކީ އޮންނަ އުޞޫލުގެ ތެރެއިން އޭނައަށް އެ ސްކޫލެއްގައި އެ ވަޒީފާގައި ހުރެ ޖެހިގެން އޮތް ރޭންކަށް ބަދަލުވުމުގެ ފުރުޞަތު ލިބިގެންދާނެއޭ"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *