ނ. ލަންދޫ ސްކޫލުން އޯލެވެލްގައި ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ގުރޭޑް ދިހައެއް ނިންމި ދަރިވަރުންނަށް އެ ރަށުގައި ތިބޭ ފުލުހުން ޕިކްނިކް ދަތުރެއް ދީފިއެވެ. މި ދަތުރު ދިޔައީ ނ. އުއިވަންޏަށެވެ. އަދި ލަންދޫގެ މުވައްސަސާތައް ބައިވެރިވެގެން ބޭއްވި ރޭނގަނޑުގެ ފަރިއްކޮޅުގައި ވެސް އިސްދައުރެއް އަދާކުރީ ފުލުހުންނެވެ.

ލަންދޫ ސްކޫލްގެ ޕްރިންސިޕަލް ޔުސުފު އަބްދުއް ރަހީމް ވިދާޅުވީ ފުލުހުންގެ ފަރާތުން ދިން ޕިކްނިކް ދަތުރަކީ ގުރޭޑް ދިހައެއް ނިންމި ދަރިވަރުން ބޭނުންވެގެން ދިން ދަތުރެއް ކަމަށެވެ.
" އެ ދަރިވަރުން ބޭނުންވީ ފަޅުރަށަކަށް ޕިކްނިކް ގެންގޮސްދޭން. އެއީ ދަރިވަރުން ހޯދައި ދިން ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން އެ ދަރިވަރުންނަށާއި މިހާރު ގުރޭޑް ދިހައެއްގައި ކިޔަވަމުންދާ ދަރިވަރުންނަށް ވެސް ހިތްވަރު ދިނުމުގެ ގޮތުން ފުލުހުންގެ ފަރާތުން ދިން ހަދިޔާއެއް" ޔޫސުފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި އަހަރަކީ އެ ސްކޫލުގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު އަހަރު ކަމަށާއި، އެކަން ރަށުގެ ރައްޔިތުންނާއި ހުރިހާ މުއައްސަސާތަކުން ބަލައިގަތުމަކީ އެއީ ސްކޫލާއި ދަރިވަރުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
" އަޅުގަނޑުމެންގެ މި ކާމިޔާބީގައި އެ ފަރާތްތަކުން ބައިވެރިވެ ހިތްވަރު ދިނުމަކީ އެއީ ކުރިއަށް ދިއުމަށް ލިބޭ ހިތްވަރެއް" ޔޫސުފު ވިދާޅުވިއެވެ.

ގުރޭޑް 10 ނިންމާ އިންތިޙާނުގައި ލަންދޫ ސްކޫލްގެ ދިހަ ދަރިވަރުން މި އަހަރު ބައިވެރިވިއެވެ. ހުރިހާ ދަރިވަރުން ހުރިހާ މާއްދާއަކުން ފާސްވިއެވެ. ހަތަރު ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނެވެ. ފާއިތުވި ހަތަރު އަހަރުގެ ތެރެއިން ސައްތައިން ސައްތަ ދަރިވަރުން ފާސް ނުވަނީ 2019-2020 ގައެވެ. އެ އަހަރު ފާސްވި އިންސައްތަ 79ގައި ހުރިއިރު ޤައުމީ ގަދަ ދިހައެއްގައި ދެ ދަރިވަރުން ހިމެނުނެވެ.
ލަންދޫ ސްކޫލްގައި ދުވިސައްތައަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު