ޤައުމީ ވާހަކަ ދެއްކުމުގެ މުބާރާތް ރާއްޖޭގެ ތިން ސަރަހެއްދެއްގައި އެއް ވަގުތެއްގައި ބާއްވަނީ

އަންނަ އަހަރު ބާއްވާ ޤައުމީ ވާހަކަ ދެއްކުމުގެ މުބާރާތް ރާއްޖޭގެ ތިން ސަރަހެއްދެއްގައި އެއް ވަގުތެއްގައި ބޭއްވުމުގެ ވިސްނުން ގެންގުޅޭ ކަމަށް ދިވެހިބަހުގެ އެކެޑަމީން ބުނެފިއެވެ.

ދިވެހިބަހުގެ އެކެޑަމީން އިސްކޫލު ދަރިވަރުންނަށް އަމާޒުކޮށް ބާއްވާ ވާހަކަދެއްކުމުގެ ހުނަރު ދަސްކޮށްދިނުމުގެ 20 ގަޑިއިރުގެ މަސައްކަތުބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފު ޢަބްދުއްރަޙީމް ވިދާޅުވީ، ވާހަކަދެއްކުމުގެ މުބާރާތަކީ ވީހާ ވެސް ގިނަ ދަރިވަރުންނަށް ބައިވެރިވެވޭނެ މުބާރާތަކަށް ހެދުމުގެ ގޮތުން 2024ގައި ބާއްވާ ވާހަކަދެއްކުމުގެ 37ވަނަ ޤައުމީ މުބާރާތުގައި މާލެ ހިމެނޭ ގޮތަށް ރާއްޖޭގެ ތިން ސަރަހެއްދެއްގައި އެއް ވަގުތެއްގައި މި މުބާރާތް ބޭއްވުމުގެ ވިސްނުން ހުރިކަމަށެވެ.

އެ ގޮތުން ކުޅުދުއްފުށީ ސިޓީއާއި އައްޑޫ ސިޓީގައި ވެސް އޮންލައިންކޮށް މި މުބާރާތުގައި އެ ސަރަހައްދުގެ ދަރިވަރުންނަށް ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސައިދެވޭތޯ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. މި ގޮތަށްކުރިޔަށް ގެންދިއުމުގެ މައިގަނޑު ބޭނުމަކީ އަތޮޅުތަކުގެ ދަރިވަރުންނަށް ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށް ދިނުން ކަމަށް ވެސް ޑރ. އަޝްރަފުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އެހެންކަމުން މިއަދު މި ފެށޭ ވާހަކަދެއްކުމުގެ ހުނަރު ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމަކީ މި މުބާރާތުގައި ބައިވެރިވާ ދަރިވަރުންނަށާއި ދަރިވަރުން ތަމްރީންކޮށްދެއްވާ މުދައްރިސުންނަށް ވެސް ވަރަށް މުހިންމު މައުލޫމާތުތަކެއް ލިބޭނެ ކާމިޔާބު ކުލާސްތަކެއް ކަމުގައި އެކެޑަމީން ދެކެއެވެ.

ވާހަކަދެއްކުމުގެ ހުނަރު ދަސްކޮށްދިނުމުގެ މަސައްކަތުބައްދަލުވުން ކުރިއަށްދާނީ މި ހިނގާ ސެޕްޓެންބަރު މަހުގެ 2ން 16އަށެވެ. އިސްކޫލުތަކަށް ހުޅުވައިލައިގެން ބާއްވާ މި ތަމްރީން ޕްރޮގްރާމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 90 އަށް ވުރެ ގިނަ އިސްކޫލުން ގާތްގަނޑަކަށް ދެހާހެއްހާ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި  ޕްރޮގްރާމުގައި  ކިޔަވައިދެއްވަނީ މި ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހާސިލުކުރައްވައިފައިވާ ދެ ބޭފުޅުން ކަމުގައިވާ އަލްފާޟިލް މުޙައްމަދު ނަޞީރާއި އަލްއުސްތާޛު ޢަލީ އަމީރެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *