ސިންގަޕޫރުގައި ބާއްވާ ފަސްޓް ރޮބޮޓިކް ޗެލަންޖްގައި ހިރާ ސްކޫލުން ވާދަކުރަނީ

ސިންގަޕޫރުގައި ބާއްވާ ފަސްޓް ރޮބޮޓިކް ޗެލަންޖްގައި އައްޑޫ ސިޓީގެ ހިރާ ސްކޫލުން ބައިވެރިވާން ނިންމައި، އެ މުބާރާތައް ތައްޔާރު ވުމުގެ މަސައްކަތް ފަށައިފިއެވެ.

އަންނަ އޮކްޓޯބަރު މަހުގެ 7- 10 އަށް ބާއްވާ މި މުބާރާތައް ހިރާ ސްކޫލް ހޮވުނީ ރޮބޮޓިކް ޗެލަންޖްގައި ބައިވެރިވާން ވުމެން އިން ޓެކްގެ ފަރާތުން ހުޅުވާލި ފުރުޞަތުގައި ކުރިމަތިލައިގެންނެވެ.

ހިރާ ސްކޫލުން ބުނީ ރޮބޮޓިކް ޗެލަންޖްގައި ރާއްޖެ ތަމްސީލުކުރާއިރު އެ މުބާރާތުގައި ދުނިޔޭގެ 120 އަށްވުރެ ގިނަ ޤައުމުން ވާދަ ކުރާކަމަށެވެ.

ހިރާ ސްކޫލްގެ ޕްރިންސިޕަލް މަރިޔަމް ޝިތާރާ ދަރިވަރު ނޫހަށް ވިދާޅުވީ ރޮބޮޓިކްގެ މަސައްކަތަށް ބޭނުންވާ ސާމާނު މިހާރު ލިބި، ރޮބޮޓިކްގެ ތަޖުރިބާ ކާރެއް ކަމުގައިވާ ނައުރާ ނަސީމްގެ އެހީތެރިކަމާއެކު ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށް ދެނީ ވުމެން އިން ޓެކްގެ ފަރާތުންނެވެ. އެކަމަށްޓަކައި އެ ޖަމިއްޔާއަށް ހިރާ ސްކޫލުން ޚާއްޞަ ޝުކުރެއް ދަންނަވައެވެ.

" އައްޑޫއިން އެކްސްޕާޓެއް ލިބެން ނެތިގެން އޮންލައިންކޮށް މިހާރު ދަރިވަރުން އެކްސްޕާޓެއްގެ އެހީ ހޯދަމުން ދަނީ" ސިތާރާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ދަރިވަރުންގެ މަސައްކަތްތަކަށް ކުރިއެރުމެއް ލިބެމުން އަންނަ ކަމަށާއި ދުވާލަކު މަދުވެގެން ފަސް ގަޑިއިރު އެކަމުގައި ދަރިވަރުން ވަގުތު ހޭދަކުރާ ކަމަށެވެ.

ފަސްޓް ރޮބޮޓިކް ޗެލަންޖްގެ ހޯމް ތީމުގައި ނުވަ ދަރިވަރުން ބައިވެރިވި ނަމަވެސް، މުބާރާތައް ސިންގަޕޫރަށް ދަނީ ފަސް ދަރިވަރުންނެވެ.

ސިތާރާ ވިދާޅުވީ، ފަސްޓް ރޮބޮޓިކް ޗެލަންޖްގައި ސޯޝަލް ޗެލަންޖްތަކެއް ވެސް ހިމަނާފައިވާ ކަމަށާއި އެބައިގައި ހުށަހަޅަން ޖެހެނީ އެ އައުމެއްގެ ތިމާވެއްޓާ ގުޅުން ހުރި މައްސަލަތައް ހައްލުކުރުމަށް ދަރިވަރުން ކުރާ ދިރާސާ ތަކުގެ މައްޗައް ބިނާކޮށް ހުށަހަޅާ ހައްލުތަކެވެ.

ސިތާރާ ބުނީ އެ ސްކޫލުން ބައިވެރިވާ އެފަދަ ފުރަތަމަ މުބާރާތާ މެދު އުއްމީދު އެބައޮތް ކަމަށާއި ކުދިންގެ މަސައްކަތާ މެދުވެސް ހިތްހަމަޖެހޭ ކަމަށެވެ.

" ދަރިވަރުންނަށް ވެސް ތަފާތު ތަޖުރިބާއަކަށްވާނެ. މިފަދަ މުބާރާތެއްގައި ވާދަކުރުމަކީ ވެސް އެއީ ދަރިވަރުންނަށް ލިބޭ ހިތްވަރަކަށް ވާނީ" ސިތާރާ ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *