ސ. ފޭދޫ ސްކޫލްގެ ދަރިވަރުން ރާއްޖޭގެ އެންމެ އުތުރުގެ ހިމެނޭ ނުވަ ރަށަކަށް ޒިޔާރަތްކޮށް ތަޖުރިބާ ހޯދައިފިއެވެ.
މިއީ ކޮންމެ އަހަރަކު ވެސް ގުރޭޑް 10ގައި ކިޔަވާ އެ ސްކޫލްގެ ދަރިވަރުންނަށް ޢަމަލީ ތަޖުރިބާ ހޯދައިދިނުމަށް ބާއްވާ ދަތުރެކެވެ.
ތަޖުރިބާ ހޯދަން ފޭދޫ ސްކޫލްގެ ދަރިވަރުން މި ފަހަރު ދިޔައީ، ހދ. ހަނިމާދޫއާއި ކުޅުދުއްފުއްޓާއި ހއ. ބާރަށާއި ދިއްދޫއާއި ތުރާކުނާއި އިހަވަންދޫއާއި އުތީމާއި ކެލާގެ އިތުރުން ހޯރަފުއްޓަށެވެ. މި ދަތުރުގައި ފޭދޫ ސްކޫލްގެ 24 ދަރިވަރެއްގެ އިތުރުން ތިން ޓީޗަރުންނާއި ހަތަރު ބެލެނިވެރިން ބައިވެރިވިއެވެ.

ލީޑިންގ ޓީޗަރު އަހުމީމާ ލުތުފީ ވިދާޅުވި ގޮތުގައި މި ދަތުރުގެ އެންމެ މުހިންމު ބޭނުމަކީ ކުލާސްރޫމުން ބޭރުން، އާއިލާއާ ވެސް ދުރުން ދަރިވަރުންނަށް ތަފާތު ތަޖުރިބާތަކެއް ހޯދައިދިނުމެވެ.
" ތާރީޚީ ތަންތަނާއި މަސައްކަތްތަކާއި މީހުން އުޅޭ ނޫޅޭގޮތް ގާތުން ތަޖުރިބާކޮށް ބެލުމުގެ ފުރުޞަތު މި ދަތުރުން ހޯދައި މި ދިނީ" އަހުމީމާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ނުވަ ދުވަހުގެ ދަތުރުގެ ސަބަބުން ދަރިވަރުން ކުރިން އުފުލަންނުޖެހޭ އެތަކެއް ޒިންމާތަކާއި މަސްއޫލިއްޔަތު ތަކެއް އަދާކުރުމުގެ ފުރުޞަތު ދިނުމުން ދަރިވަރުންގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރާއި ޔަޤީންކަން ބޮޑުވި ކަމަށެވެ.
" އަމިއްލައަށް ހުރިހާ ކަމެއް ވަކި ތާވަލެއްގެ ތެރެއިން ކުރަން ޖެހުމަކީ ދިރިއުޅުމަށް ތައްޔާރުވެ އެކަމަށް ހޭނުމަށް ދަރިވަރުންނަށް ލިބުނު ދިރިއުޅުމުގެ ތަމްރީނެއް. އެންމެ މުހިންމު ކަމަކީ ކުދިންނަށް ކުދިންނާ އެކީގައި އުޅެން ދަސްވުން" އަހުމީމާ ވިދާޅުވިއެވެ.

އަހުމީމާ ވިދާޅުވި ގޮތުގައި ހުރިހާ ރަށެއްގެ ސްކޫލްތަކުން ވެސް އެ ސްކޫލްގެ ދަރިވަރުންނަށް ހޫނު މަރުޙަބާއެއް ދެންނެވި ކަމަށާއި ދަރިވަރުން ކިޔަވަމުންދާ ފިލާވަޅުތަކާ ގުޅޭގޮތުންނާއި އެ ރަށްރަށުގެ ތާރީޚާ ގުޅޭ މުހިންމު މައުލުމާތު ދިނުމަށް ސެޝަންތަކެއް ކުރިއަށް ގެންދިޔަ ކަމަށެވެ. އޭގެ ތެރޭގައި ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ބޭއްވި ޚާއްޞަ ސެޝަންތައް ހިމެނެއެވެ.
" މި ހުރިހާ ހަރަކާތަކުން ވެސް ދަރިވަރުންނަށް ލިބުނީ އާ މައުލޫމާތު ތަކެއް. އެކުދިންނަށް ފެނުނީ ކުރިއަށްދާނެ މަގެއް"

އޭނާ ވިދާޅުވީ މި ދަތުރުގައި ދިޔަ ރަށްރަށާ ގުޅޭ ގޮތުން އެއްކުރި މައުލުމާތުގެ އަލީގައި ކޮންމެ ރަށަކަށް ވަކިން ފޮތެއް ދަރިވަރުން ތައްޔާރުކުރާނެ ކަމަށާއި ކޮންމެ ސްކޫލަކަށް ވެސް އެ ރަށަކާ ގުޅޭ މައުލޫމާތު ހިމެނޭ ފޮތެއް ހަދިޔާ ކުރާނެ ކަމަށެވެ.
ފޭދޫ ސްކޫލުން ވަނީ މީގެ ކުރިން ބ. ލ. ގއ. އަދި ގދ އަތޮޅަށް ވެސް މިފަދަ ތަޖުރިބާ ދަތުރު ތަކެއް ބާއްވާފައެވެ. ދ. އަތޮޅަށް ރޭވި ދަތުރު ކެންސަލް ކުރަންޖެހުނީ ކޮވީޑް 19އާ ގުޅިގެން ކަމަށް އެ ސްކޫލުން ބުނެއެވެ.
އަހުމީމާ ވިދާޅުވީ ބެލެނިވެރިންނާއި ސްކޫލާއި އަދި ސްޕޮންސަރުންގެ އެހީތެރިކަމާއެކު ކޮންމެ އަހަރަކު ބާއްވާ ދަތުރަށް އެ ސްކޫލްގެ ދަރިވަރުންގެ ތަރުހީބު ބޮޑު ކަމަށެވެ.

އޭނާ ވިދާޅުވީ ބެލެނިވެރިއެއްގެ ގޮތުން މި ފަހަރުގެ ދަތުރުގެ ދަތުރުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ހއ. އަތޮޅު ކައުންސިލުން ކަމަށާއި ނުވަ ރަށުގެ ކައުންސިލާއި ސްކޫލްތަކުން ވެސް ލިބުނީ އުއްމީދު ކުރިވަރަށްވުރެވެސް ރަނގަޅު މެހުމާންދާރީއެއް ކަމަށެވެ. އަދި އެމްޓީސީސީގެ އާރުޓީއެލްގެ ނިޒާމުގެ ތެރެއިން ދަތުރުފަތުރުގެ ކަންތައްތައް އިންތިޒާމް ކޮށްފައިވާތީ އެ ކުންފުންޏަ ފޭދޫ ސްކޫލުން ޚާއްޞަ ޝުކުރެއް އަދާކުރެއެވެ.
" ރަށްރަށުގެ ކައުންސިލްތަކުންނާއި ސްކޫލްތަކުން ދިނީ އެންމެ ފުރިހަމަ މެހުމާންދާރީ. ބެހެއްޓީ ގާތްގަން. އެއީ ދަރިވަރުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް"

އަހުމީމާ ވިދާޅުވީ، ރާއްޖޭގެ އާބާދީ ބެހިފައިވާ ގޮތަށް ބަލާއިރު، އުތުރުގެ ރަށްތަކަށް ޚާއްޞަ ކާނާއާއި ދިރިއުޅުމުގެ އާދައާއި ވާހަކަ ދެއްކުމުގައި ގެންގުޅޭ ރާގަށް ދަރިވަރުން ޝަޢުޤުވެރިވި ކަމަށެވެ.
" ފޮތުން ކިޔަވައިދޭ އެއްޗަކަށްވުރެ ބޮޑަށް، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު ހަމަލޮލުލުން ފެނުމުން ދަރިވަރުންނަށް ކުރި އަސަރު މާބޮޑަށް ވެސް ތަފާތު " އޭނާ ވިދާޅުވިއެވެ.
ފޭދޫ ސްކޫލްގައި ހަ ސަތޭކައަށްވުރެ ގިނަ ދަރިވަރުން މިހާރު ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު