15 ދަރިވަރުންނާއެކު ގދ. އަތޮޅު މަދަރުސާގައި އޭލެވެލް ފަށަން ތައްޔާރު ވެއްޖެއެވެ.
ފްރިންސިޕަލް ފާތިމަތު ނާހިދާ ވިދާޅުވީ އެ މަދަރުސާގައި އޭލެވެލް ފަށަން ބޭނުންވާ މިންވަރަށް ދަރިވަރުން މިހާރު ހަމަވެއްޖެ ކަމަށާއި އަންނަ މަހުގެ ތިން ވަނަ ދުވަހު މަތީ ސާނަވީގެ ކިޔެވުން ފަށާއިރު އެ ސްކޫލްގައި ވެސް މަތީ ސާނަވީއަށް ކިޔަވައިދޭން ފަށާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ދެ ސްޓްރީމަށް، މަތީ ސާނަވީއަށް ކިޔަވައިދޭނެ މުދައްރިސުން މިހާރު ހަމަވެފައިވާ ކަމަށެވެ.
" އަށް ޓީޗަރުންގެ ތެރެއިން ހަ ޓީޗަރުން މި ވަގުތު އެބަތިބި. އިތުރު ދެ ޓީޗަރުން ލިބޭނެ" ނާހިދާ ވިދާޅުވިއެވެ.

ނާހިދާ ވިދާޅުވީ ރަށުގައި ތިބިގެން އޭލެވެލްއަށް ކިޔެވުމަކީ އެއީ އެ ސްކޫލަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށާއި، އެއީ ބެލެނިވެރިންނަށް ވެސް ލިބުނު ބޮޑު އުފަލަކާއި އުފުލަންޖެހޭ ތަކުލީފުތަކަށް ލިބުނު ލުޔެއް ކަމަށެވެ.
ނާހިދާ ވިދާޅުވީ މަތީ ސާނަވީއަށް ކިޔަވަން ފަށަނީ އެ ސްކޫލުން އޯލެވެލް ނިންމި 22 ދަރިވަރުންގެ ތެރެއިން 12 ދަރިވަރުންނާއި ކުރީ އަހަރު އޯލެވެލް ނިންމި ދަރިވަރުންގެ ތެރެއިން ތިން ދަރިވަރުންނާއެކުގައި ކަމަށެވެ. އިތުރު ދަރިވަރުން ހޯދަން ކައިރި ރަށްރަށަށް ދަތުރުކޮށް މަސައްކަތް ތަކެއް ވެސް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވި ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.
ނާހިދާ ވިދާޅުވީ އަންނަ އަހަރު އޯލެވެލްގައި އިށީންނަ ދަރިވަރުންނާ މެދު އުއްމީދު ތަކެއް ކުރާ ކަމަށާއި، ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.
" އޯލެވެލްގެ ނަތީޖާއަށް ބަލައިގެން ދެމެހެއްޓެނެވި ގޮތަކަށް އޭލެވެލް ކުރިއަށް ގެންދެވޭނީ. އުއްމީދު ކުރެވޭ ރަނގަޅުވާނެ ކަމަށް. އެކަމަށް މަސައްކަތްވެސް އެބަކުރެވޭ" ނާހިދާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މަތީ ސާނަވީއާ ހަމައަށް ދިއުމުގައި އެޑިޔުކޭޝަން މިނިސްޓަރާއި ފިނޭންސް މިނިސްޓަރުގެ އިތުރުން އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކޮށްދެއްވި މަސައްކަތަށް ޝުކުރު ދަންނަވާ ކަމަށެވެ.
" ގިނަ ފަރާތްތަކެއްގެ މަސައްކަތުން އަޅުގަނޑުމެންނަށް މި ހިސާބަށް އާދެވުނީ. އެފަރާތްތަކަށް ސްކޫލްގެ ފަރާތުން ޚާއްޞަ ޝުކުރެއް ދަންނަވަން" ނާހިދާ ވިދާޅުވިއެވެ.
ގައްދޫގައި ހުންނަ ގދ. އަތޮޅު މަދަރުސާގައި 300އަށްވުރެ ގިނަ ދަރިވަރުން މިހާރު ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު