އޯލެވެލްގައި ހޯދަމުން އައި ކާމިބިޔާބީއާއެކު މ. މުލަކު ސްކޫލުގައި އޭލެވެލްއަށް ކިޔަވައިދޭން ފަށަން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ހުއްދަ އެޑިޔުކޭޝަން މިނިސްޓްރީން ދީފިއެވެ. އެ ހުއްދައާއެކު އޭލެވެލް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އެ ސްކޫލުން ވަނީ ހުޅުވާލާފައެވެ.
މުލަކު ސްކޫލުގެ ޕްރިންސިޕަލް ތޯހާ މުހައްމަދު ވިދާޅުވީ މި އަހަރު އޯލެވެލް ހެދި 28 ދަރިވަރުންގެ ތެރެއިން 25 ދަރިވަރުން އޭލެވެލްއަށް ޝަރުޠު ހަމަވާ ކަމަށާއި، މަތީ ސާނަވީއަށް ކިޔަވަން 25 ދަރިވަރުން އެޕްލިކޭޝަން މިހާރު ވެސް ހުށަހަޅާފައިވާ ކަމަށެވެ.
" އޭލެވެލް ފަށަން ބޭނުންވާ މިންވަރަށް ކުދިން ހަމަކޮށް، އެ ކުދިންގެ މައުލޫމާތާއެކު އެޑިޔުކޭޝަން މިނިސްޓްރީއަށް ހުށަހެޅުމުން ރަސްމީކޮށް ގުރޭޑް އެގާރަ އުފައްދައި ކިޔަވައިދޭން ފަށާން ހުއްދަ ދޭނީ" ތޯހާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާރު ހުށަހަޅާފައިވާ ދަރިވަރުންގެ އަދަދަށް ބަލާއިރު ވެސް އަންނަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ގުރޭޑް 11 އަށް ކިޔަވައިދޭން ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ސައިންސާއި ބިޒްނަސްގެ އިތުރުން ބީޓެކް ސްޓްރީމަށް ކިޔަވައި ދޭން ވަޞީލަތްތައް ހަމަވެފައިވާ ކަމަށާއި އެ ތިން ސްޓްރީމަށް ވެސް ކިޔަވައިދޭން ފެށުމުގެ އުއްމީދު ބޮޑު ކަމަށެވެ.
ތޯހާ ވިދާޅުވީ ރަށުގައި ތިބެގެން ގިނަ ދަރިވަރުންނަށް އޭލެވެލްއަށް ކިޔެވުމުގެ ފުރުޞަތު ފަހިވުމަކީ އެރަށާއި ސްކޫލަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.
އޯލެވެލްގެ ޤައުމީ ގަދަ ދިހައެއްގައި މި އަހަރު މުލަކު ސްކޫލްގެ ދެ ދަރިވަރުން ހިމެނިފައިވެއެވެ. އެއީ ފަސްވަނައިގައި ހިމެނުނު އައިޝަތު ޝިޔާ ހުސައިން އާއި ދިހަ ވަނައިގައި ހިމެނުނު ޔުމްނު ބިންތި ޔޫސުފުއެވެ.
މުލަކު ސްކޫލުގައި 350 އެއްހާ ދަރިވަރުން މިހާރު ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު