އަތޮޅު ކައުންސިލުން ވ. އޭއީސީއަށް ދިނީ ސައިންސް ލެބަކާއި މުދައްރިސުން ބޭނުން ކުރަން ލޮކަރުތަކެއް

ވ. އަތޮޅު ކައުންސިލްގެ ފަރާތުން ފެލިދޫގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒުގައި ސައިންސް ލެބެއް ހަދައިދީ، މުދައްރިސުން ބޭނުން ކުރަން ލޮކަރުތަކެއް ބަހައްޓަދީފިއެވެ.

ސައިންސް ލެބާއި ލޮކަރުތައް ބޭނުން ކުރުމުގެ ގޮތުން އެ ޚިދުމަތް އިފްތިތާހް ކޮށްދެއްވީ ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީއެވެ.

މިޚިދުމަތްތަކުގެ ސަބަބުން ދަރިވަރުންނަށް ސައިންސްގެ މާއްދާތައް ކިޔެވުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ލިބި، މުދައްރިސުންނަށް މަސައްކަތްކުރުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވ. އޭއީސީން ބުނެއެވެ.

ދަރިވަރު ނޫހަށް ސުޖާއު ވިދާޅުވީ، އަތޮޅު ކައުންސިލުގެ ބަޖެޓްގެ ބައެއް ކޮންމެ އަހަރަކު ވެސް ތަޢުލީމަށް ޚާއްޞަ ކުރާ ކަމަށާއި، ސްކޫލްތަކުން އެދޭ ކަންތައްތައް އެ ކައުންސިލުން ކޮށްދެމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ ސައިންސް ލެބެއް ހެދުމަށް 200،000 ރުފިޔާ، މުދައްރިސުންނަށް ލޮކަރުތަކެއް ހެދުމަށް 120،000 ރުފިޔާ ކައުންސިލުގެ ބަޖެޓުން ޚަރަދުވި ކަމަށެވެ.

" މި އަތޮޅުގެ އެއްވެސް ސްކޫލެއްގައި ސައިންސް ސްޓްރީމެއް ނެތް. އަޅުގަނޑުމެން ބޭނުން ވަނީ އަތޮޅުގެ ކޮންމެ ވެސް އެއް ސްކޫލެއްގައި ނަމަވެސް ފަށަން. އެކަން ކުރަން އިސްނެގީ އޭއީސީން" ސުޖާއު ވިދާޅުވިއެވެ.

ސުޖާއު ވިދާޅުވީ މިހާރު އޮތް އަތޮޅު ކައުންސިލުގެ އެންމެ ބޮޑު އަމާޒަކީ ވެސް ތަޢުލީމަށް އިންވެސްޓް ކުރަން ކަމަށެވެ.

" ކޮންމެ އަހަރަކު ވެސް ސްކޫލްތަކަށް ބޭނުންވާ ވަޞީލަތްތައް ހަމަކޮށްދީ، ތަޢުލީމަށް ކުރާ ހޭދަ އިތުރުކުރުން އަޅުގަނޑުމެންގެ ވިސްނުމަކީ. އެއީ ކުރަން ޖެހޭ އެންމެ ބޮޑު އިންވެސްޓަކީ ވެސް" ސުޖާއު ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *