12 އަހަރުގެ ރަޔާން މިފަހަރު ހޯދީ، ބައިލޮޖީން އޭ ސްޓަރ، އިނގިރޭސިއާއި ހިސާބު އަދި ފިޒިކްސްއިން އޭ އެއް

އޯލެވެލްގައި އަމިއްލަ ގޮތުން ބައިވެރިވެ ކެމިސްޓްރީން އޭ ސްޓަރ ހޯދި ރަޔާން ރިޔާޒު އަބްދުލް ވާހިދު، މި އަހަރު ބޭއްވި އޯލެވެލް އިމްތިޙާނުގައި ވެސް އާދަޔާ ޚިލާފު ބޮޑު ކާމިޔާބެއް ހޯދައިފިއެވެ. ރަޔާން ވަނީ އޯލެވެލްގައި ބައިވެރިވެ ބައޮލޮޖީން އޭ ސްޓަރއެއް، ހިސާބާއި އިނގިރޭސި އަދި ފިޒިކްސްއިން އޭ އެއް ހޯދާފައެވެ.

އޯޓިޒަމް ހުންނަ 12 އަހަރުގެ ރަޔާން ކިޔަވަމުން ދަނީ ހުރަވީ ސްކޫލްގެ ހަތް ވަނަ ކިލާހުގައެވެ.

ރަޔާންގެ މަންމައާއި ބައްޕަ ވެސް މަސައްކަތް ކުރަނީ ހުރަވީ ސްކޫލުގައެވެ. މަންމަ، އައިޝަތު ޔުމްނާއަކީ ކެމިސްޓްރީގެ އިތުރުން ސައިންސް މާއްދާ ކިޔަވައިދެއްވާ ޓީޗަރެކެވެ. ބައްޕައަކީ އައިޓީ ޓެކްނީޝަނެކެވެ.

ޔުމްނާ ވިދާޅުވީ، ކެމިސްޓްރީން އޭ ސްޓާއެއް ލިބުމުން ދެން ހުރި މާއްދާތަކުގައި ވެސް ބައިވެރިވާން ރަޔާން ބޭނުންވި ކަމަށެވެ. އެހެންވެ ފިޒިކްސްއާއި އިނގިރޭސިއާއި ބައޮލޮޖީއާއި ހިސާބު މާއްދާއިން ވަކިން ޓިއުޝަން ނަގައިގެން އޯލެވެލްއަށް ތައްޔާރުވާން ފެށީއެވެ.

ރަޔާން: ދިހަ އަހަރުގައި އޯލެވެލްގައި ކެމިސްޓްރީން އޭ ސްޓަރ

ކުޑައިރުއްސުރެ ފޮތުގެ ތެރޭގައި އުޅެމުންއައި ޒަޔާނަށް އޯލެވެލްއަށް ތައްޔާރު ވަމުން ދިޔައިރު ވަގުތު ހޭދަކުރީ ކިޔެވުމާއި ޕާސްޓް ޕޭޕަރު ހެދުމުގައެވެ. އޯލެވެލް އިންތިޙާން ހެދުމާ ހަމައަށް އެ ހަތަރު މާއްދާ ކިޔަވަން ރަޔާންއަށް ލިބުނީ އެންމެ އަށް މަސްދުވަހެވެ. އެ ކުރު މުއްދަތުގެ ތެރޭގައި ރަޔާނަށް ލިބުނު ކާމިޔާބީގައި ކިޔަވައި ދެއްވި ޓީޗަރުންގެ ހިއްސާ ބޮޑެވެ. ޓީޗަރުން ބެހެއްޓި ގާތްކަމާއި ކިޔަވައިި ދިނުމުގައި ގެންގުޅުނު ފަރުވާތެރިކަމަށް އާއިލާގެ ފަރާތުން އެ ޓީޗަރުންނަށް ޝުކުރު އަދާކުރެއެވެ.

" ސްކޫލްއިން ދޭ ފިލާވަޅުތައް ހަދަމުން ޓިއުޝަންގައި ދޭ ފިލާވަޅުތައް ހަދަމުން ފާސްޓް ޕޭޕަރުތައް ހަދަންޖެހޭއިރު ވަގުތު އޮންނަނީ މަދުވެފައި" ޔުންނާ ވިދާޅުވިއެވެ.

ރަޔާނަށް އެންމެ އުނދަގޫވީ އަމިއްލަ ގޮތުން ފިޒިކްސްއާއި ބައޮލޮޖީ ފަދަ މާއްދާތައް ކިޔަވަމުން ދިޔައިރު މާއްދާއާ ގުޅުން ހުރި އެކްސްޕެރިމަންޓްތައް ހެދޭނެ ގޮތެއް ނެތުމެވެ. އެހެންވެ ހަދަންޖެހޭ ހުރިހާ އެކްސްޕެރިމެންޓެއް ހަދަން ދަސްކުރީ އިންޓަރނެޓުން ވީޑިއޯ ބަލައިގެންނެވެ.

ޔުމްނާ ވިދާޅުވީ ގޮތުގައި ރަޔާންގެ ކާމިޔާބީއާއި އޭނާއަށް ލިބުނު ނަތީޖާއާ މެދު ފަޚުރުވެރިވާ ކަމަށާއި ވަޞީލަތްތައް ލިބިގެން ކިޔެވުން ކުރިއަށް ގެންދެވުނު ނަމަ އެއަށްވުރެ ނަތީޖާ ރަނގަޅުވީސް ކަމަށެވެ.

އޯޓިޒަމް ކުއްޖަކަށް ވާތީ އެއް ތަނެއްގައި ގިނައިރު އިށީދެގެން އިނުމަކީ ރަޔާނަށް އެހާ ފަސޭހަކަމެއް ނޫނެވެ. އެކަމަކު ވެސް ކިޔެވުމަށް އޭނާގެ ހިތުގައި އޮތް އަޒުމާއި ހިތްވަރު ދޫކޮށްނުލައެވެ.

ރަޔާން މިހާރު ބޭނުން ވަނީ އޭލެވެލްއަށް ކިޔަވާށެވެ. ރަޔާން ބޭނުންވި ގޮތައް އޭލެވެލްއަށް ކިޔަވައިދޭން އާއިލާއިން ބޭނުންވެއެވެ. ސްކޫލަކަށް ޖާގައެއް ނުލިބިއްޖެ ހާލަތެއްގައި އަމިއްލަ ގޮތުން ވެސް އޭލެވެލްގައި ބައިވެރި ކުރުވަން ޔުމްނާ ހުންނެވީ ނިންމައިގެންނެވެ.

ރަޔާންއަކީ ޔުމްނާގެ އެންމެ ދޮށީ ދަރިފުޅެއެވެ. އޭނާއަށްވުރެ ހަގު ދެ ކުދިން އެބަތިއްބެވެ.

ރަޔާންގެ ކާމިޔާބީއާއެކު އޭނާގެ މައިންބަފައިން ކުރައްވާ އުއްމީދު ތަކެއްވެއެވެ. އެއީ " ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖެކޭ ބުނެ އެކަހެރި ނުކުރުމެވެ. ނުކުރެވޭނެއޭ ބުނެ ތަފާތު ނުކުރުމެވެ.
އެކުދިންގެ ހުރި ތަފާތު ތަކާއިއެކު މުޖުތަމަޢުން އެކުދިން ބަލައިގަނެ، ލޯތްބާއި އަޅާލުމާއި އެހީތެރިކަން ދީފިނަމަ، މިއިން ކޮންމެ ކުއްޖަކީވެސް މުޖުތަމަޢަށް ބޭނުންވާ މުހިއްމު ބަޔަކަށް ހެދިދާނެކަން ޔުމްނާގެ އާއިލާއިން ވަނީ ސާބިތުކޮށް ދެއްވާފައެވެ. ދިރިއުޅުމައިގެން ކުރިޔަށް ދިއުމަށް އެންމެންގެ ފަރާތުން ވެސް މި ކުދިން ބޭނުންވަނީ ތަފާތު ތަކާއިއެކު ވެސް އެކުދިން ބަލައިގަތުމެވެ." މީގެ އެއް އަހަރު ކުރިން ވެސް ޔުމްނާ ތަކުރާރު ކުރެއްވީ އެ ވާހަކައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *