ހަޔަރ އެޑިޔުކޭޝަން މިނިސްޓަރުގެ މަރުޙަބާ، ސްކޮލަރސް ކަޕްގައި ރަންވަނަ ހޯދި ވިލާ ހައި ސަކޫލްގެ ދަރިވަރުންނަށް

ތައުލީމީ ގޮތުން ދުނިޔޭގެ އެކި ގައުމުތަކުގެ ދަރިވަރުންގެ މެދުގައި ބާއްވާ އެންމެ ބޮޑު މުބާރާތް، ދަ ވަރލްޑް ސްކޮލަރސް ކަޕްގެ ގްލޯބަލް ރައުންޑް ސީނިއަރ ޑިވިޝަންގެ ޗެމްޕިއަންކަން ވިލާ އިންޓަރނޭޝަނަލް ހައިސްކޫލަށް ލިބުމާއި ގުޅިގެން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން މަރުޙަބާ ދަންނަވައިފި އެވެ.

މިއަދު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގައި އެ ދަރިވަރުންނާއި ބައްދަލުކުރައްވާ މަރުޙަބާ ދަންނަވަމުން މިނިސްޓަރ ވިދާޅުވީ ދަރިވަރުން ހޯއްދެވި ޝަރަފަށް ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި ދަރިވަރުން ހޯއްދެވި ކާމިޔާބީއަށް ހިތްވަރު ދެއްވިއެވެ.

" ދަ ވަރލްޑް ސްކޮލަރސް ކަޕްގައި ވިލާ އިންޓަނޭޝަލްއިން ހޯއްދެވި ކާމިޔާބީއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން." މިނިސްޓަރ ވިދާޅުވި އެވެ.

ރާއްޖޭގައި ސާނަވީ ތަޢުލީމު ފުރިހަމަކުރާ ޒުވާނުންގެ އަދަދު ވަރަށްބޮޑަށް އިތުރުވެފައިވާ ކަމަށާއި މަތީ ތައުލީމާއި ތަމްރީނު ހޯދަން ބޭނުންވާ ޒުވާނުންގެ އަދަދު ވެސް މައްޗަށް ގޮސްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މޮޅު ދަރިވަރަކަށް ވުމަށްޓަކައި އޭލެވެލް ފުރިހަމަ ކުރުމަކީ މުހިއްމު ކަމެއް ކަމަށާއި ހަރުދަނާ ޒުވާނަކަށް ވުމަށްޓަކައި މަދަރަސީ ތައުލީމުގެ 12 އަހަރު މުހިއްމު ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.  މިނިސްޓަރ ވިދާޅުވީ ކޮންމެ ދާއިރާއަކުން ކުރިއަށްދާން ބޭނުންކަމުގައި ވިއަސް އެ ދެ އަހަރު ސްކޫލު މާހައުލުގައި ދަރިވަރު ހޭދަކުރުން ވަރަށް މުހިއްމު ކަމަށެވެ.

މިއަދުގެ އެ ބައްދަލުކުރެއްވުމުގައި ދަރިވަރުން ވަނީ މިނިސްޓަރަށް އެދަރިވަރުންގެ ތަޖުރިބާތައް ހިއްސާ ކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ އިސްވެރިން ބައިވެރިވެވެޑައިގެންނެވި އެވެ. އަދި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލް ބައިވެރިވެވަޑައިގެންނެވިއެވެ.

އޭޝިއާ، އެފްރިކާ، ޔޫރަޕް އަދި ގަލްފުގެ ގައުމުތައް ހިމެނޭގޮތުން  ގައުމަކުން ޖުމްލަ 1800އަށް ވުރެ ގިނަ ކިޔަވާކުދިން މި ސްކޮލަރސް ކަޕްގައި ބައިވެރިވި އެވެ. އޭގެތެރެއިން ވިލާ އިންޓަނޭޝަނަލް ހައިސްކޫލުން ބައިވެރިވީ 12 ދަރިވަރުންނެވެ.

 

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ދަރިވަރުން ހޯދާފައިވާ ވަނަތަކަށް ބަލާއިރު އިންޑިވިޖުއަލް އޯވަރއޯލް 13ވަނަ ވަނައެއް އެސްކޫލުގެ ދަރިވަރު ނާއިފް މުހައްމަދު ހޯދިއެވެ. ސްކޮލަރސް ބޮވްލް ޓީމު އިވެންޓް ދެ ވަނަ ހޯދީ އައިޝަތު ރާޔާ ނިމާދު،  އައިޝާ ކާޔާ ރިފާއީ އަދި ފާތިމަތު ރައުމް މުހުތާރެވެ. އެ ތިން ދަރިވަރުން ވަނީ ޗެލެންޖް ޓީމް އިވެންޓުން 5 ވަނަ ވެސް ހޯދާފަ އެވެ.

ދަ ވަރލްޑް ސްކޮލަރސް ކަޕްގެ ގްލޯބަލް ރައުންޑް 2023 އޮތީ ގަތަރުގެ ދޯހާގައި ހުންނަ ނޭޝަނަލް ކޮންވެންޝަން ސެންޓަރގައި 2023 ޖޫން 22 އިން 27 އަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *