11 އަހަރުގެ ރައްޔާން މި ހޯދީ ކެމިސްޓްރީން އޭއެއް، ބޭނުންވީ ދައްތަ ހޯދި ފަދަ ކާމިޔާބެއް ހޯދަން

ކުޅުދުއްފުށީގައި ހުންނަ ޖަލާލުއްދީނުގެ ގުރޭޑް ފަހެއްގައި ކިޔަވަމުން އަންނަ 11 އަހަރުގެ ރައްޔާން މުޙައްމަދު ފައިސަލް އަމިއްލަ ގޮތުން އޯލެވެލްގެ ކެމިސްޓްރީގައި މި އަހަރު ބައިވެރިވެ އޭ އެއް ހޯދުމަކީ އެއީ އެ އާއިލާއަށް ލިބުނު ސަޕްރައިޒެކެވެ.

އޯލެވެލްގެ ކެމިސްޓްރީގައި އޭނާ ބައިވެރިވީ ދައްތަ ރިހާމް މުޙައްމަދު ފައިސަލް ހޯދި ފަދަ ނަތީޖާއެއް އޭނާއަށް ވެސް ހޯދިދާނެކަން ސާބިތުކޮށްދޭށެވެ.

ދައްތަ އޯލެވެލް އިމްތިޙާނަށް ކިޔަވަމުން ދިޔައިރު ރައްޔާން އިންނަނީ ކައިރީގައި، ބަލާ އަޑުއަހާށެވެ. އޭރުވެސް ސައިންސްގެ މާއްދާތަކަށް އޭނާގެ ޝަޢުޤު ބޮޑެވެ. ދައްތަ ކިޔަވަމުން ދިޔަ ގޮތް އޭނާ ބަލަމުން ދިޔައީ ވެސް އެހެންވެއެވެ.

ރައްޔާން ބޭނުންވީ އޯލެވެލްގައި ބައިވެރިވާށެވެ. އެވާހަކަ ކުޅުދުއްފުށީ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ރައްޔާންގެ މަންމައާއި ބައްޕައަށް ނެންގެވުނީ އެހާ ސީރިއަސްކޮށެއް ނޫނެވެ. ރައްޔާންގެ ބައްޕަ މުޙައްމަދު ފައިސަލްއަކީ ކުޑަކުދިންގެ ޑޮކްޓަރެކެވެ. މަންމަ ލީނާ އަބްދުލް ވާހިދަކީ ސްޕެޝަލިސްޓް ޖެނެރަލް ޕްރެކްޓިޝަނެކެވެ.

" އޯލެވެލް ހަދަން ބޭނުމޭ ބުނީމާ އެހާ ސީރިއަސްކޮށް ނުނެގުނީ ޢުމުރަށް ބަލާއިރު، އަދި އެކަން ކުރަން ނުފެންނާތީ. އެކަމަކު ދުލެއް ނުކުރި. ބޭނުންވީ ދައްތަ ހޯދި ފަދަ ކާމިޔާބެއް ހޯދިދާނެކަން ދައްކަން" ދަރިވަރު ނޫހަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ރައްޔާން ފުރަތަމަ ބޭނުންވީ ބައިލޮޖީ ކިޔަވަން ކަމަށާއި އެ ޢުމުރުގެ ކުއްޖަކަށް ބައިލޮޖީ ކިޔެވުން އެއީ އެންމެ ރަނގަޅު ގޮތަކަށް ނުވެދާނެތީ ކެމިސްޓްރީއަށް ބަދަލު ކުރެއްވީ ކަމަށެވެ.

އިމްތިޙާނަށް ތައްޔާރު ކުރުމުގެ މަސައްކަތް ފެށީ އަހަރެއްހާ ދުވަސް ކުރިން ގެއަށް ޓީޗަރަކު ގެނެސްގެންނެވެ. ލިބޭ ހުސްވަގުތު ތަކުގައި ވެސް ރައްޔާން ކުރާ ކަމަކީ އެ މާއްދާއިން އިތުރަށް އޮޅުން ފިލުވުމެވެ. ފޮތްތައް ބަލައި މުޠާލިޔާ ކުރުމެވެ. ނޭނގޭ އެއްޗެއް، އޮޅުންއަރާ ކަމެއް އޮތް ނަމަ ޓީޗަރު ކައިރިން އަހާ އޮޅުން ފިލުވުމެވެ.

" ވަރަށް ޝަޢުޤުވެރިކަމާއެކީ ކިޔެވީ" ފައިސަލް ވިދާޅުވިއެވެ.

ރައްޔާންއާއި މަންމައާއި ބައްޕަގެ އިތުރުން ދައްތަ: ރައްޔާން ދިނީ އާއިލާއަށް ވެސް ސަޕްރައިޒެއް

ފައިސަލް ވިދާޅުވީ، އިންޓަރނެޓް ކުދިންނަށް އޮންނަނީ ކޮންޓްރޯލް ކޮށްފައެވެ. އިންޓަރނެޓުން ބޭނުންވާ މައުލުމާތު ވެސް ފޯރުކޮށްދެނީ އެ ދެމަފިރިންނެވެ.

" ބޭނުންވާ ފޮތްތައް ގެނެސްފައި ހުންނަނީ. އިތުރު މައުލޫމާތެއް ހޯދަން ބުނީމާ ހޯދައިދެނީ. އެކްސްޕެރިމެންޓަށް ބޭނުންވާ ބައެއް ސާމާނު ވެސް ގޭގައި ބަހައްޓާފައި ހުންނަނީ" ފައިސަލް ވިދާޅުވިއެވެ.

އެކްސްޕެރިމެންޓްތައް ރައްޔާން ހެދީ ގޭގައެވެ. ބައެއް ފަހަރު ކިޔާ ފޮތްތަކުގައި ހުންނަ ކަންތައްތައް ތަޖުރިބާ ކުރުމަކީ އެއީ އޭނާގެ އާދައެކެވެ. ގޭގައި އިތުރު މީހަކު ނޫޅޭ ގަޑިތަކުގައި އެފަދަ ކަމެއް ކޮށްފާނެތީ އެ ދެމަފިރިން ތިބެނީ ޖެހިލުންވެފައެވެ.

ޤުރުއާން ކިޔެވުމުގެ މުބާރާތްތަކުން ވެސް ވަނަތައް ހޯދަމުންދާ ރައްޔާން ބޭނުން ވަނީ މަންމައާއި ބައްޕަ ފަދައިން ޑޮކްޓަރަކަށް ވާށެވެ. އޭނާ ޚާއްޞަ ވާން ބޭނުން ވަނީ ޖަނަވާރުންނަށް ފަރުވާ ދޭ ޚާއްޞަ ޑޮކްޓަރަކަށެވެ.

ރައްޔާނަށް ލިބުނު ކާމިޔާބީ ފާހަގަ ކުރަން އެ އާއިލާއިން އަންނަނީ ތައްޔާރު ވަމުންނެވެ. އޯލެވެލްގެ ނަތީޖާއާއި ޕާޓީ ވެސް އަދި އޮތީ އޭނާއަށް ސަޕްރައިޒެއްގެ ގޮތުގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *