އޯލެވެލްގެ ނަތީޖާ ދޫކުރަން ފަށައިފި، ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުންނަށް އުފާވެރިކަން

އޯލެވެލްގެ ނަތީޖާއާއެކު ދަރިވަރުންގެ މޫނުމަތިން ފެނުނީ އުފާވެރި ކަމެވެ. އެ ކާމިޔާބީތައް ސްކޫލްތަކުން ދަނީ އެކަން ފާހަގަ ވެސް ކުރަމުންނެވެ. ކުރީ އަހަރާއި މި އަހަރުގެ ނަތީޖާ އަޅައި ވެސް ކިޔަމުންނެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ, އޯލެއެލް އަދި އެސްއެސްސީގެ ނަތީޖާ ލިބެމުންދާއިރު، ހުރިހާ ދަރިވަރުންނަށާއި، މުދައްރިސުންނާއި، ބެލެނިވެރިންނަށާއި، ސްކޫލްތަކުގެ އިސްވެރިންގެ ބުރަ މަސައްކަތަށްޓަކައި މަރުޙަބާ ދަންނަވާފައެވެ. އަދި އެކަމަނާ ވިދާޅުވީ ގާތްގަނޑަކަށް ހުރިހާ ސްކޫލަކުން ވެސް ވަރަށް ރަނގަޅު ނަތީޖާއެއް ނެރެފައިވާ ކަމަށެވެ.

ދިޔަމިގިލީ ސްކޫލަށް ވެސް މިއަދަކީ އުފާވެރި ދުވަހެކެވެ. އޯލެވެލްގައި އެ ސްކޫލުން ބައިވެރިވީ ނުވަ ދަރިވަރުން ހުރިހާ މާއްދާއަކުން ފާސްވެ، ފަސް ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނެވެ. މިއަދު ލިބުނު ނަތީޖާއަކީ އެ ސްކޫލަށް މިހާތަނަށް ލިބުނު އެންމެ ރަނގަޅު ނަތީޖާއެވެ.

މި ފަހަކަށް އައިސް އާބާދީ މަދު ސްކޫލްތަކުން އޯލެވެލްގައި ހޯދަމުންދާ ކާމިޔާބީތައް އެއް އަހަރުން އަނެއް އަހަރަށް އަންނަނީ ރަނގަޅު ވަމުންނެވެ.

ދ. ހުޅުދެލީ ސްކޫލާއި ފ. ދަަރަނބޫދޫ ސްކޫލްގެ ދަރިވަރަކު ފުރަތަމަ ފަހަރަށް އޯލެވެލްގެ ޤައުމީ ގަދަ ދިހައެއްގައި ހިމެނުނީ ވެސް މި ފަހަރުއެވެ.

ތ. އަތޮޅު މަދަރުސާއިން ވެސް ފާހަގަކުރީ އެ ސްކޫލުގެ ނަތީޖާ ކުރީއަހަރަށްވުރެ ރަނގަޅުވެ މި އަހަރު ދަރިވަރުން ފާސްވި އިންސައްތަ 83 އަށްވުރެ މައްޗައް ގޮސްފައިވާ ކަމަށެވެ.

ހުރާ ސްކޫލުން ވެސް ބުނީ އެ ސްކޫލުން އޯލެވެލް ހެދި ދަރިވަރުންގެ 84.6 އިންސައްތަ ދަރިވަރުން ފާސްވެފައިވާ ކަމަށެވެ.

ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުޙައްމަދު ދީދީ ވެސް ވަނީ މިއަދު ނަތީޖާ ލިބުނު ދަރިވަރުންނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އާސިޔަތު ވިދާޅުވީ، މިއަދުގެ ނަތީޖާ ކޮންމެ ގޮތަކަށް ލިބުނު ކަމުގައި ވިޔަސް މިއީ ކުރިޔަށް އޮތް ދިގު ދަތުރެއްގެ ފެށުންކަން ދަރިވަރުންނަށް ހަނދާންކޮށް ދެއްވާފައެވެ. ނަތީޖާއަކީ މިދަތުރުގެ އެންމެ ބާބަކަށް ވީހިނދު ތިޔަ ދަރިވަރުންގެ ހުނަރާއި ޤާބިލްކަން ކުރިޔަށްއޮތް މަގު އަލިކުރުމަށް ބޭނުން ކުރަން ހަނދާން ކުރުމަށް ވެސް އާސިޔަތު ވަނީ ދަރިވަރުންނަށް އިލްތިމާސް ކުރައްވާފައެވެ.

އިމްތިހާނުގެ ނަތީޖާ ރީޗެކްކުރަން ބޭނުންވާ ދަރިވަރުންނަށް މާދަމާ އިން ފެށިގެން މި މަހުގެ ނިޔަލަށް އެ އިމްތިހާނު ހެދި ސެންޓަރުތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ޑީޕީއީއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޑީޕީއީއިން ފޯރުކޮށްދިން ތަފާސް ހިސާބުތަކަށް ބަލާއިރު، އެސްއެސްސީ އިމްތިޙާނުގައި މި އަހަރު ބައިވެރި ވަނީ އަރަބި މާއްދާ ވެސް ހިމެނޭ ގޮތަށް 6،106 ދަރިވަރުންނެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 444 ކުދިންގެ އިތުރުވުމެކެވެ. ކޭމްބްރިޖް އޯލެވެލް އިމްތިޙާނު 245 ސެންޓަރެއްގައި 6،698 ދަރިވަރުން މިއަހަރު ހަދާނެއެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 759 ދަރިވަރުންގެ އިތުރު ވުމެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *