ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑުގެ މެންބަރުންގެ މުއްދަތަކީ ތިން އަހަރު

މުދައްރިސުންނަށް ލައިސަންސް ދިނުމަށް އުފެއްދި ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑުގެ މެމްބަރުންގެ ދައުރުގެ މުއްދަތަކީ ތިން އަހަރު ކަމަށް ކަނޑައަޅައިފިއެވެ.

އިއްޔެ ގެޒެޓްކުރި ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑު ހިންގުމުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑު އެކުލެވިގެންވަނީ އެޑިޔުކޭޝަން މިނިސްޓަރު އައްޔަނުކުރާ ފަސް މެމްބަރުންގެ މައްޗަށެވެ. ރަޖިސްޓްރާރާއެއްގެ ގޮތުގައި އައްޔަކަން ކުރަން ޖެހެނީ އެޑިޔުކޭޝަން މިނިސްޓްރީގައި މަސައްކަތްކުރާ މިނިސްޓަރުގެ ނައިބުންގެ ފެންވަރު ނުވަތަ އެއަށްވުރެ މަތީ މަޤާމެއް އަދާކުރާ ފަރާތެކެވެ. ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑުގެ ރަޖިސްޓްރާއަކަށް މިހާރު ކަނޑައަޅުއްވާފައި ވަނީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރެވެ.

ރަޖިސްޓްރާރގެ ޒިންމާތަކުގެ ތެރޭގައި ހިމެނެނީ ބޯޑުގެ ބައްދަލުވުންތައް އިންތިޒާމު ކުރުމާއި ބައްދަލުވުންތައް ބޭއްވުމުގެ އިތުރުން ބޯޑުގެ ބައްދަލުވުންތަކުގައި ނިންމާ ނިންމުންތައް ތަންފީޛު ކުރެވެމުންދާކަން ކަށަވަރު ކުރުމެވެ.

އޭގެ އިތުރުން ދެން ބޯޑްގައި ހިމެނެނީ އެޑިޔުކޭޝަނަލް މެނޭޖްމަންޓުގެ ދާއިރާ ނުވަތަ ތަޢުލީމީ ސިޔާސަތުގެ ދާއިރާގެ ފަރާތަކާއި، ކިޔަވައިދިނުމުގެ ދާއިރާގެ ފަރާތަކާއި ތަޢުލީމީ މަންހަޖު އެކުލަވައިލުމުގެ ދާއިރާގެ ފަރާތަކާއި ޗައިލްޑް ސައިކޮލޮޖީ ނުވަތަ އެޑިޔުކޭޝަނަލް ސައިކޮލޮޖީގެ ދާއިރާގެ ފަރާތެކެވެ.

ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑުގެ މަސްއޫލިއްޔަތުގެ ތެރޭގައި، މުދައްރިސުން ރަޖިސްޓަރީކުރުމާއި ލައިސަންސް ދިނުމުގެ އެންމެހައި ކަންކަން ކުރުމަށް ޓަކައި މަޝްވަރާކޮށް ބޭނުންވާ ގަވާއިދުތަކާއި އުސޫލުތަކާއި އިޖުރާއަތުތަކާއި ގައިޑްލައިންތަކާއި މެނުއަލްތައް އެކުލަވައިލުން ހިމެނެއެވެ.

މުދައްރިސުންނަކީ މުޖުތަމަޢު ގަބޫލުކުރާ އަޚުލާޤީ ސިފަތައް އަށަގަނެފައިވާ ބައެއްކަން ކަށަވަރުކުރުމަށް ޓަކައި މުދައްރިސުންގެ ސުލޫކީ މިންގަނޑެއް އެކުލަވައިލައި ސްކޫލްތަކާއި ކިޔަވައިދޭ އެހެނިހެން ތަންތަނުގައި އެ ތަކެތި ތަންފީޒު ކުރުމާއި ކިޔަވައިދިނުމަށް ބޭނުންވާ ފަންނީ ހުނަރާއި މަޢުލޫމާތު ލިބިފައިވާ ބައެއްކަން ކަށަވަރުކުރުރުން ހިމެނެއެވެ. އަދި  ) މުދައްރިސުންގެ ޢިލްމީ ފެންވަރާއި ލިބިފައިވާ ތަޖުރިބާއާއި ގުޅުންހުރި އެހެނިހެން މަޢުލޫމާތު އެއްކޮށް ރަޖިސްޓްރޭޝަން ދަފުތަރެއް އެކުލަވައިލައި އެ ދަފުތަރު ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމާއި  ލައިސަންސަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ލައިސަންސް ދޫކުރާނެ ފަރާތްތަކާއި އެ ފަރާތްތަކަށް ދޫކުރާނެ ލައިސަންސުގެ ގިންތި ކަނޑައަޅައި ލައިސަންސް ދިނުމާއި ރަޖިސްޓަރީކުރުމުގެ އިތުރުން ޓީޗަރސް ރަޖިސްޓްރޭޝަން ދަފުތަރު އެކުލަވައިލައި ބެލެހެއްޓުން ވެސް މަސްއޫލިއްޔަތުގެ ތެރޭގައި ހމެނެއެވެ.

މެންބަރަކު ބޯޑުގައި މަސައްކަތް ކުރުމަށް އުޒުރުވެރިވާނަމަ ބޯޑުން ވަކިވުމަށް އެދި  އެޑިޔުކޭޝަން މިނިސްޓަރަށް ލިޔުމުން ހުށަހަޅަންޖެހެއެވެ. މެންބަރަކު ބޯޑުން ވަކިވުމަށް އެދި ހުށަހެޅި ކަމުގައި ވިޔަސް އެ މެންބަރަކު ބޯޑުން ވަކިވާނީ މިނިސްޓަރު އެ މެންބަރަކު ބޯޑުން ވަކިކުރުމުންނެވެ. މެންބަރުން ބޯޑުން ވަކިކުރުމުގެ އިޚްތިޔާރު މި ޤަވާއިދުގެ ދަށުން މިނިސްޓަރަށް ލިބިވަޑައިގަންނަވައެވެ.

ޓީޗަރސް ލައިސަންސަށް މިހާރު ވަނީ ހުޅުވާލާފައެވެ. އެ ބޯޑުން އުއްމީދު ކުރަނީ މި ހިނގާ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކުރިން މިހާރު ޚިދުމަތުގައި ތިއްބެވި ހުރިހާ މުދައްރިސުންނަށް ލައިސަންސް ދޫކޮށް ނިންމޭނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *