ހޮސްޕިޓަރލިޓީ މެނޭޖްމަންޓް ޔުނިވަރސިޓީ ތަކުގެ ދުނިޔޭގެ އެއްވަނައިގައި އޮތް ސުވިޒަލެންޑްގެ އިކޯލް ހޮޓެލިއާ ޑި ލޮޒާން (އީއެޗްއެލް)ގެ އެސޯސިއޭޓެޑް މެމްބަރުކަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަރލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒަށް ލިބިއްޖެއެވެ.
ކިއުއެސް ވޯލްޑް ޔުނިވާސިޓީ ރޭންކަށް ބަލާއިރު ފާއިތުވި ފަސް އަހަރު ދުނިޔޭގެ ހޮސްޕިޓަރލިޓީ މެނޭޖްމަންޓް ޔުނިވާސިޓީތަކުގެ އެއް ވަނައިގަ އޮތީ އީއެޗްއެލްއެވެ. އެ ޔުނިވަރސިޓީން އަންނަނީ 2019 އަހަރުން ފެށިގެން އެއްވަނަ ޔުނިވަރސިޓީގެ މަޤާމް ދަމަހައްޓަމުންނެވެ.
އެ ޔުނިވާސިޓީގެ އެސޯސިއޭޓެޑް މެމްބަރުކަން އެފްއެޗްޓީއެސްއަށް ދީފައި ވަނީ 2027 ވަނަ އަހަރުގެ ޖުލައި މަހުގެ އަށްވަނަ ދުވަހާ ހަމައަށެވެ.
އެސޯސިއޭޓެޑް މެމްބަރުކަން އެފްއެޗްޓީއެސްއަށް ދިނުމާއެކު ބެޗްލަރ އޮފް އިންޓަރނޭޝަނަލް ހޮސްޕިޓާލިޓީ މެނޭޖްމަންޓް ޕްރޮގްރާމްގެ ދަށުން އެ ފެކަލްޓީއިން ހިންގާ ކޯސްތަކަށް ދޭ ސެޓްފިކެޓް އީއެޗްއެލްއިން ޤަބޫލު ކުރާނެއެވެ. އެ ސެޓްފިކެޓްގައި އެފްއެޗްޓީއެސް އަކީ އީއެޗްއެލްގެ އެސޯސިއޭޓް މެމްބަރެއްކަން އެނގެން ވެސް އޮންނާނެއެވެ.
އެފްއެޗްޓީއެސްގެ ޑީން ޒީނަތު ސޯލިހު ވިދާޅުވީ އީއެޗްއެލްގެ އެސޯސިއޭޓެޑް މެމްބަރުކަށް ވުމާއެކު އެ ފެކަލްޓީން ހިންގާ ކޯސްތައް ބައިނަލްއަޤުވާމީ ގޮތުން ޤަބޫލުކުރާ ކޯސްތަކަކަށް ވާނެ ކަމަށެވެ.
" އަޅުގަނޑުމެން ހިންގާ ކޯސްތައް ޔޫރަޕުން ވެސް ޤަބޫލުކުރާ ކަމުގެ އެޕްރޫވަލް ސްޓޭމްޕެއް މި ލިބުނީ" ޒީނަތު ވިދާޅުވިއެވެ.
އީއެޗްއެލްގެ އެސޯސިއޭޓެޑް މެމްބަރުކަން އެފްއެޗްޓީއެސްއަށް ދިނީ މީގެ ދެ އަހަރު ކުރިން ހެދި އޮޑިޓުން ފާހަގަވި ކަންތައްތަކަށް ރިޔާއަތްކޮށް، މީގެ އަހަރެއްހާ ދުވަސް ކުރިން އީއެޗްއެލްގެ ކޮމިޝަނަށް ހުށަހެޅި އެޕްލިކޭޝަނަށް ބަލައި، ހެދި އޮޑިޓަށްފަހުއެވެ.

" އީއެޗްއެލްއިން އައިސް ފުރަތަމަ އޮޑިޓެއް ހެދީ. ހަދާފައި ރިވިއު ރިޕޯޓެއް އަޅުގަނޑުމެންނަށް ވެސް ފޮނުވީ އެއް އަހަރު ދުވަހުގެ ތެރޭގައި އެޕްލިކޭޝަން އީއެފްއެލްގެ ކޮމިޝަނަށް ހުށަހަޅަން. އެޕްލިކޭޝަން ހުށަހެޅީމާ އެ ކޮމިޝަނުން ބޭނުންވާ ލެވެލް ހުރިތޯ ބަލަން އިތުރު އޮޑިޓެއް ހެދީ. އެ އޮޑިޓްގެ ރިޕޯޓަށް ބަލާފައި އެސޯސިއޭޓް މެމްބަރުކަން ދިނީ" ޒީނަތު ވިދާޅުވިއެވެ.
އެސޯސިއޭޓް މެމްބަރުކަން ދިނުމުގައި ވަރަށް ގިނަ ކަންތައްތަކަށް ބަލައެވެ. އޭގެ ތެރޭގައި ކަރިކިއުލަމާއި، އެކްސްޕަރޓީއާއި، އިންފްރާސްޓްރަކްޗަރއާއި ސްޓޫޑެންޓް ސަޕޯޓް ސަރވިސަސް، ހިމެނެއެވެ.
އޭނާ ވިދާޅުވީ އީއެޗްއެލްގެ އެސޯސިއޭޓް މެމްބަރަކަށް ވުމުން ގިނަ ފައިދާތަކެއް އެ ފެކަލްޓީއަށާއި އެ ފެކަލްޓީގައި ކިޔަވާ ދަރިވަރުންގެ އިތުރުން މުވައްޒަފުންނަށް ވެސް ކުރާނެ ކަމަށެވެ.
އަދި ވިދާޅުވީ ރިސާޗް ޕްރޮޖެކްޓްތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކާއި ބައިނަލްއަޤްވާމީ ކޮންފަރެންސްތަކާއި މަހާސިންތާތަކުގައި ބައިވެރިވުމުގެ ފުރުޞަތު އެސޯސިއޭޓް މެމްބަރުކަން ވުމުން އެފްއެޗްޓީއެސްއަށް ލިބިގެންދާނެ ކަމައެވެ. އަދި އެފްއެޗްޓީއެސްގައި ކިޔަވާ ދަރިވަރުންނަށް ބައިނަލްއަޤްވާމީ އިންޓާންޝިޕްތަކާއި، ޕްލޭސްމަންޓްތަކަށް ވެސް ދޮރު ހުޅިވިގެންދާނެ ކަމަށެވެ.
" މިހާރު މި ލިބުނު މެމްބަރޝިޕާއެކު މާކެޓިންގައި ވެސް އެބޭފުޅުންގެ އެހީތެރިކަން އަޅުގަނޑުމެންނަށް ލިބޭނެ. އަދި އަޅުގަނޑުމެންގެ ޕްރޮގްރާމްތައް އެކުލަވާލުމުގައި އެހީވާނެ. ސްޓޭންޑް މެއިންޓެއިން ކުރުމުގައި ބައިވެރިވާނެ. އަދި ފެކަލްޓީގެ ސްޓާފުންގެ ކޮލިޓީ މައްޗައް ގެންދިއުމުގެ ގޮތުން ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގައި ދޭނެ"
އެފްއެޗްޓީއެސްގައި ކިޔަވާ ދަރިވަރުންނަށް، ދެ އަހަރު ދުވަހު ރާއްޖޭގައި ކިޔަވާފައި ތިން ވަނަ އަހަރު އީއެޗްއެލްގެ ކެމްޕަހެއްގައި ކިޔަވުމުގެ ފުރުޞަތު ތަނަވަސް ވެގެންދާނެއެވެ. އީއެޗްއެލްގެ ކެމްޕަސް ހުންނަނީ ސްވިޒަލެންޑްގެ އިތުރުން ސިންގަޕޫރުގައެވެ.
" މީގެ ސަބަބުން ދަރިވަރުންނަށާއި މުވައްޒަފުންނަށް ކުރިން އެކްސްޕީރިއަންސް ކޮށްލަން ނުލިބޭ އެތައް ފުރުޞަތު ތަކެއް ހުޅުވިގެންދާނެ" ޒީނަތު ވިދާޅުވިއެވެ.
ޒީނަތު ބުނީ އެ ފެކަލްޓީން މަސައްކަތް ކުރަނީ ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި އީއެޗްއެލްގެ ފުރިހަމަ މެމްބަރަކަށް ވުމަށެވެ. އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުރި ކަމަށާއި ފަތުރުވެރިކަމުގެ ދާއިރާގައި އެއްވަނައިގައި ހިމެނޭ ޤައުމެއްގައި އީއެޗްއެލްގެ ކެމްޕަހެއްގެ ގޮތުގައި އެފެކަލްޓީ މަސައްކަތް ކުރުމަކީ އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް ކުރެވޭ ބޮޑު އިންވެސްޓްމަންޓެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
" އެ ހިސާބަށް ދާން މަސައްކަތްތަކެއް ކުރަންޖެހޭ. ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެއީ ކުރެވޭނެ ކަމެއް. އެމްއެންޔޫ ވެސް އެ ދަނީ އެ ދިމާލަށް. އިންޓަރނޭޝަނަލް ރިކޮގޮނައިޒް ޔުނިވަރސިޓީއަކަށް ވާން. "
އީއެޗްއެލް ގުރޫޕަކީ ހޮސްޕިޓާލިޓީ އަދި ސާވިސް ދާއިރާގައި 130 އަހަރުގެ ޔަޖުރިބާ ހުރި ބައެކެވެ. 1893 ވަނަ އަހަރު އުފަންވި އީއެޗްއެލް ގްރޫޕުން މިހާރު ވަނީ ސްވިޒަލޭންޑާއި ސިންގަޕޫރުގެ ތިން ކެމްޕަހެއްގައި އެޕްރެންޓިސްޝިޕްތަކުން ފެށިގެން މާސްޓާސް ޑިގްރީއާއި ޕްރޮފެޝަނަލް އަދި އެގްޒެކެޓިވް އެޑިއުކޭޝަނާ ހަމައަށް ތައުލީމީ ގިނަ ޕްރޮގްރާމް ތަކެއް ހިންގަމުންނެވެ. އީއެޗްއެލް ގްރޫޕުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ކުންފުނިތަކާއި ލާނިން ސެންޓަރުތަކަށް ކޮންސަލްޓިން އާއި ސެޓްފިކޭޝަންގެ ހިދުމަތް ވެސް ދެ އެވެ.
advertisment
ހިޔާލު