ތެވެލި ކޮންފަރެންސަށް ރެކޯޑް އަދަދަކަށް ދިރާސާ ކަރުދާސް ހުށަހަޅައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ ތެވެލި ބައިނަލް އަޤްވާމީ ކޮންފަރެންސަށް ރެކޯޑް އަދަދަކަށް ދިރާސާ ކަރުދާސް ހުށަހަޅައިފިއެވެ.

ޤައުމީ ޔުނިވަރސިޓީން ބުނީ ޖޫންމަހަށް މުއްދަތު ހަމަވިއިރު 160 ދިރާސާ ކަރުދާސް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ބާރަ ޤައުމެއްގެ 60 ބޭފުޅުން ހުށަހެޅި ދިރާސާ ކަރުދާސް ހިމެނޭ ކަމަށެވެ. މިއީ ރާއްޖޭގައި ބާއްވާ ކޮންފަރެންސަކަށް އެންމެ ގިނަ ދިރާސާ ކަރުދާސް ހުށަހެޅި ފަހަރެވެ.

ތެވެލި ކޮންފަރެންސަކީ ދިރާސާ ކުރުމާއި އެ ފަންނު ދިރުވައި އާލާކުރުމުގެ ގޮތުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކޮންފަރެންސެވެ.

މި ކޮންފަރެންސް ބައިވެރިވާން ހުޅުވާލި މުއްދަތު ހަމަވީ ބުރާސްފަތި ދުވަހުއެވެ.

ޤައުމީ ޔުނިވަރސިޓީގެ ޑީން އޮފް ރިސަރޗް ޑރ. ރަހީމާ އަބްދުއްރަހީމް ވިދާޅުވީ މި ކޮންފަރެންސްގެ ތެރެއިން އިތުރު ސިންޕޯޒިއަމެއް ޔޫއެން 4ޑީއާރުއާރު އާއެކު ކުރިއަށް ގެންދާ ޑިޒާސްޓަރ ރިސްކް މެނޭޖްމަންޓް ޕްރޮޖެކްޓާ ގުޅޭ ގޮތުން ބާއްވާނެ ކަމަށެވެ. މި ސިންޕޯޒިމްގައި އެ ޕްރޮޖެކްޓްގެ އެންމެ ފަހުގެ މައުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނެއް ވެސް ހުށަހަޅާނެއެވެ. އޭގެ އިތުރުން ޔޫއެންއެފްޕީއޭއާއި އެމްބީއެސްއާ އެމްއެންޔޫއާ ގުޅިގެން ރާއްޖޭގެ އާބާދީ ދަށްވަމުންދާ މައްސަލައަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެ ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެންދާނެ ކަމަށް ރަހީމާ ވިދާޅުވިއެވެ.

ރަހީމާ ވިދާޅުވީ ތެވެލި ކޮންފަރެންސަށް މިފަހަރު ހުށަހަޅާ ދިރާސާ ކަރުދާސް ތަކުގެ ތެރެއިން އެންމެ ރަނގަޅު ދިހަ ކަރުދާސް ހޮވައި އެވޯޑް ދޭނެ ކަމަށެވެ. އަދި އާލީ ކެރިއަރ އެވޯޑްގެ ނަމުގައި ދިރާސާ ކުރަން އަލަށް ފަށާ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން އެ ދަރިވަރުން ހުށަހަޅާ ކަރުދާސްތަކުގެ ތެރެއިން ވެސް އެންމެ ރަނގަޅު ދިހަ ކަރުދާސް ހޮވައި އެވޯޑްދޭން ވަނީ ނިންމާފައެވެ.

އެނާ ވިދާޅުވި ގޮތުގައި ތެވެލި ކޮންފަރެންސް ފެށުމުގެ ކުރިން އެމްއެންޔޫގެ ޓީޗަރުންނާއި މުވައްޒަފުންނާއި ދަރިވަރުންގެ ރިސާރޗް ކުރުމުގެ ހުނަރު ތަރައްޤީ ކުރުމުގެ ގޮތުން ވޯކްޝޮޕްތަކެއް ބާއްވާފައެވެ. އެ ވޯކްޝޮޕްތައް ކުރިއަށް ގެންދިޔައީ ރާއްޖެއިން ބޭރުގައި ވެސް ރިސަރޗްކުރާ މީހުން އެކަން ކުރާ ފެންވަރަށް، ބޭރުގެ ޖާނަލްތަކުގައި ޝާއިއު ކުރަން ބަލަންޖެހޭ ކަންތައްތަކާއި މިންގަނޑުތަކަށް ފައްތައިގެން ކަމަށް ރަހީމާ ވިދާޅުވިއެވެ.

ތެވެލި ކޮންފަރެންސްގެ މި އަހަރުގެ ޝިއާރަކީ ރިސާޗް ފޯ އިންފޮމޭޑް ޕޮލިސީ ޑިސިޝަންސްއެވެ.

2022 ވަނަ އަހަރު ބޭއްވި ތެވެލި ކޮންފަރެންސްގެ ތެރެއިން:

އެމްއެންޔޫއިން ބުނީ، ތެވެލި ކޮންފަރެންސްގެ ޕްރީ އަދި ޕޯސްޓް ކޮންފަރެންސް ވޯކްޝޮޕް ސެޝަންތައް އޮންނާނީ 20 އޮގަސްޓް 23 އޮގަސްޓް 2023 އަށް އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގައެވެ.

20 ވަނަ ދުވަހުގެ މެންދުރުފަހުގެ ފުރަތަމަ ސެޝަން ޚާއްޞަ ކުރަނީ "ނައިޓްރޮޖަންއަށް ފަރުވާތެރިވަނީ ކީއްވެ؟" މައުޟޫއަށެވެ. މި ސެޝަން ނަންގަވައި ދެއްވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އެޑިންބަރާގެ ޕްރޮފެސަރ މާކް ސަޓަންއެވެ.

ދެވަނަ ސެޝަން ކުރިއަށް ގެންދާނީ، ދުނިޔެއަށް ނުރައްކާވާ ކާރިސާތަކުގައި ދެމެހެއްޓެނިވި ގޮތުގައި ސިޓީތައް ތަރައްޤީކުރުމާ ގުޅޭ ގޮތުން ކްރޮއޭޝިއާގައި ހުންނަ ޔުނިވާސިޓީ އޮފް ޒަގްރެބް ޕްރޮފެސަރު ޜައިކޯ ބަޗިޗްއެވެ.

23 ވަނަ ދުވަހު ހެނދުނު، އިމްޕީރިކަލް ލެންގުއޭޖް ޑިސްކްރިޕްޝަންގެ ފައިދާއާއި ގޮތްތަކާ ބެހޭ ގޮތުން ބާއްވާ ސެޝަން ނަންގަވައި ދެއްވާނީ ޖާމަނީގެ ޖަސްޓަސް ލައިބިގް ޔުނިވާސިޓީ ގިސެންގެ ޑރ ޓޮބިއަސް ބާނައިޝްއެވެ.

އޭގެ ފަހުން، މަސައްކަތުގެ އުފަލުގައި އުޅުމުގެ މަގު: އެޓިޓިއުޑް ފިޓްނަސް އަދި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން ސެޝަން ނަންގަވާ ދެއްވަނީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި ޗައިލްޑް ނިއުޓްރިޝަނިސްޓް ޑރ. ރުކްސާނާ އަޙްމަދެވެ.

ފަހު ސެޝަންގައި ކުރިއަށް ގެންދާނީ އެލްނީނޯ: ކުރީގެ އެންސޯއިން ރާއްޖެއަށް ކުރާނެ ނޭދެވޭ އަސަރުތަކާ ބެހޭ ގޮތުންނެވެ. މި ސެޝަން ނަންގަވާދެއްވަނީ އެމެރިކާގެ ރައިސް ޔުނިވަރސިޓީގެ ޕްރޮފެސަރ އަންދްރޭ ޑްރޮކްސްލަރއެވެ.

އެމްއެންޔޫއިން ބުނީ މި ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *