ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް 50 އަހަރު ފުރޭ ރަންޔޫބީލްގެ ހަރަކާތްތަކުގައި ބޭނުންކުރުމަށް ލޯގޯއެއް ފަރުމާކުރަން ހުޅުވާލައިފިއެވެ.
ޤައުމީ ޔުނިވަރސިޓީން ބުނީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 50 ވަނަ އަހަރީ ދުވަސް ރަމްޒުކޮށްދޭ އަދި ވިޝުއަލް ގޮތުން ތަފާތު އަދި ޔުނިކް ލޯގޯއަކަށް އެ ލޯގޯ ވާންވާނެ ކަމަށާއި ފަރުމާކުރެވިފައި ހުންނަންވާނީ މުދާ (ލެޓަރހެޑް، ޓީޝާޓް ފަދަ ތަކެތި) ގައި ބޭނުންކުރެވޭ ގޮތަށް ކަމަށެވެ. އޭގެ އިތުރުން ޕްރިންޓް އަދި ވެބް ބޭސްޑް ފޯމެޓާއި ސްޓޭމްޕާއި އެމްބްރޮއިޑަރީ އާއި އެމްބޮސް ބޭނުންތަކުގައި ވެސް ބޭނުންކުރެވޭ ގޮތަށް ކަމަށެވެ.
އެމްއެންޔޫއިން ބުނީ، ލޯގޯ އަކީ ޔުނިކް ލޯގޯއަކަށް ވާންޖެހޭނެ ކަމަށާއި އެއީ ޑުޕްލިކޭޓެއް ނުވަތަ އެފަދަ އެހެން އެއްޗެއްގެ ކޮޕީއަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި އެއީ އެހެން މީހަކު ނުވަތަ ޖަމާއަތެއް ރަމްޒުކޮށްދޭ ލޯގޯއަކަށް ވެގެން ނުވާނެ ކަމަށެވެ. ހުށަހަޅާ ލޯގޯގެ މިލްކުވެރިކަން ލޯގޯ ހުށަހަޅާ ޑިޒައިނަރު އިއުލާނު ކުރަން ޖެހޭނެ ކަމަށް ވެސް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ.
ލޯގޯ ޑިޒައިންކުރުމުގައި ބޭނުންކުރާނެ މައިގަނޑު ކުލައަކީ ރާއްޖެ ރަމްޒުކޮށްދޭ ކުލަތަކާއި އެމްއެންޔޫގެ ނޫކުލައިގެ އިތުރުން ޤައުމީ ދިދަ ރަމްޒުކޮށްދޭ ކުލަތަކާއި ފެހިކުލަ ކަމަށް އެމްއެންޔޫއިން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ. އަދި ބުނީ ރަން ޔޫބީލް ލޯގޯއަކަށްވާއިރު ރަންކުލަ ބޭނުން ކުރެވިދާނެ ކަމަށެވެ.
ލޯގޯގެ ފަރުމާގެ ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ 13:00 އަށެވެ. އީމެއިލް މެދުވެރިކޮށް، އަދި ޕްރިންޓް ކޮޕީ ވެސް ހުށަހަޅޭނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.
މި ލޯގޯ ކުރިއަށް އޮތް އަހަރުގެ ތެރޭގައި އެކި މުނާސަބަތުތަކުގައާއި އެކި އައިޓަމްތަކުގައި ބޭނުންކުރާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.
އެމްއެންޔޫއަކީ ރާއްޖޭގެ އެންމެ ގިނަ މީހުންނަށް ޚިދުމަތް ދޭ ސަރުކާރުގެ ޚަރަދުގައި ހިންގާ އެންމެ ބޮޑު ޔުނިވަރސިޓީއެކެވެ.
advertisment
ހިޔާލު