ތަޢުލީމީ ނިޒާމުގެ އެންމެ މަތީ އަރުތަ މިންކުރެވޭ އަސާސަކީ ޤައުމީ މަންހަޖު ކަމަށާއި އޭގެ ތަސައްވުރަކީ ދިރިއުޅުމަށް ތައްޔާރުވެފައިވާ ކުއްޖަކަށް ހެދުން ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޢަލީ މިއަދު ވިދާޅުވެއްޖެއެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުމުން ފެށުމާ ގުޅިގެން މިއަދު ދެއްވި ޚިޠާބުގައި އެކަމަނާ ވިދާޅުވި ގޮތުގައި، ސްކޫލެއްގެ ކާމިޔާބީ ވަޒަން ކުރުމުގައި ސާނަވީ މަރުޙަލާ ތަކުގެ ނަތީޖާއަކީ އަޅުގަނޑުމެންގެ މުޖްތަމަޢުގައި އިހުއްސުރެ ގެންގުޅެމުން އަންނަ މިންގަނޑެވެ. ނަމަވެސް އަޅުގަނޑުމެން ޤަބޫލު ކުރާންޖެހޭ ހަޤީގަތަކީ، ސްކޫލުގެ ވެސް އަދި ތަޢުލީމީ ނިޒާމުގައި ވެސް އެންމެ މަތީ އަރުތަ މިންކުރެވޭ މައިގަނޑު އަސާސަކީ މި ރާއްޖޭގެ ޤައުމީ މަންހަޖުކަމަށާއި އެ މަންހަޖުގެ ތަޞައްވުރާއި އޭގެ މުހިންމު ކަމެވެ.
މިނިސްޓަރު ވިދާޅުވީ، ޤައުމީ މަންހަޖުގެ ތަސައްވުރަކީ ކޮންމެ ދަރިވަރަކީވެސް ދިރިއުޅުމަށް ތައްޔާރުވެފައިވާ ކުއްޖަކަށް ހެދުމެވެ. ހަރުދަނާ ރައްޔިތެއް ބިނާކުރުމެވެ. ޒިންމާދާރު މުވާތިނެއް އުފެއްދުމެވެ. އެކަން ޙާޞިލް ކުރުމަށްޓަކައި މި ރާއްޖޭގެ ތަޢުލީމީ ބިނާރު ހަރުދަނާކޮށް، އިތުރަށް ބިނާ ކުރާންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ޑރ. އާއިޝަތު ޢަލީ ވިދާޅުވީ، އެކަން ކުރުމަށް ކިލާސްރޫމްތައް އިތުރުކުރާންޖެހޭ ކަމަށާއި ވަޞީލަތްތައް ވެސް ޤާއިމް ކުރާންޖެހޭ ކަމަށެވެ. އަދި ސްކޫލްތަކުގެ އެތެރެވެއްޓާއި ބޭރުވެށީގައި ތަފާތު ކުޅިވަރު ކުޅެވޭނެ އިންތިޒާމްތައް އެކަށައަޅާން ޖެހޭ ކަމަށެވެ.
" މެދުކެނޑުމެއްނެތި އަޅުގަނޑުމެން ކުރަމުން އަންނަނީ އެ މަސައްކަތް. ނަތީޖާއަކީ ފަސް އަހަރު ދުވަހުގެ ތެރޭގައި އެތައް ސްކޫލެއް އެއް ދަންފަޅިއަށް ބަދަލުވެގެން ދިއުން. ތަޢުލީމީ ފަސްފަހަތުން ގޮސް މޯހިރުން ދަތުރުކޮށް، ތަފާތު ވެށިތަކަށް، އެކިއެކި ރަށްރަށަށް، ބީރައްޓެހި ކަރަކަރައަށް، ހިޖުރަ ކުރާން ޖެހުނު ކިތަންމެ ރަށެއްގައި، އެރަށުގެ އަހުލުން ޤާއިމުވެ ތިބެ، އުނގެނެވޭ ގޮތް ވެގެން ދިޔުން. ދަރިވަރުންގެ ވަށާޖެހޭ ދުޅަހެޔޮކަމަށް ކޮންމެހެން މުހިންމު ވަޞީލަތްތައް ސްކޫލްތަކުން ލިބިގެން ދިއުން" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ސްކޫލްތަކުގައި ވަޞީލަތްތައް ޤާއިމް ކުރެވޭނީ ހުރިހާ ކުދިން ޝާމިލުކޮށްގެން ތަޢުލީމު ފޯރުކޮށްދެވޭ ގޮތައް ކަމަށާއި އުނގެނުމުގެ އެހީތެރިކަން ބޭނުންވާ ވަރަށް ގިނަ ކުދިބަޔަކު އަޅުގަނޑުމެންގެ ތެރޭގައިވާކަން އެއީ އަޅުގަނޑުމެންގެ ހަނދާނުގައި އަބަދުވެސް ހުންނަ ހަޤީގަތެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ޝާމިލު ވެށި ބިނާކުރެވި ދަރިވަރުންނަށް އެކަމުގެ ފައިދާ ކުރަމުންދާ ކަމަށާއި ކުރިއަށް އޮތް ތާގައިވެސް އެކަމުގެ ތާސީރު ޖީލުތަކަށް ލިބިގެންދާނެ ކަމަށާއި އެކަމުގެ ރާހަތު ދަރިދަރިކޮޅަށް ފޯރާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޒިންމާދާރު ހަރުދަނާ ރައްޔިތެއް ބިނާކުރެވޭނީ ދެވޭ ތަޢުލީމު ވަށާ ޖެހިގެން، ދަރިވަރުންގެ ކިބައިގައި ތަފާތު ހުނަރު އަށަގަންނުވައިގެންނެވެ. މަސައްކަތުގެ މާހައުލާ ރައްޓެހި ބަޔަކަށް އެކުދިން ހެދިގެންނެވެ. ކރަސްމީ ތަޢުލީމުގެ ނިޒާމުގެ ތެރެއިން ސްކޫލްތަކުގައި މަސައްކަތުގެ ތަޢުލީމު އުނގަންނައިދޭން ފެށުމަށް ތައްޔާރުވަމުން ދާ ކަމަށާއި، 21 ވަނަ ޤަރުނުގެ މައިގަނޑު ހުނަރުތައް ދަރިވަރުންނަށް ލިބިދިނުމަށްޓަކައި ސްޓެމް އެޑިޔުކޭޝަން ސްކޫލްތަކުގައި ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
ދަރިވަރުންނަށް މިނިސްޓަރު ވިދާޅުވީ، ކޮންމެ ކުއްޖަކުވެސް ކާމިޔާބު ކުއްޖަކަށް ވުމަށް ހިންމަތް ކުރާންވާނެ ކަމަށާއި އެކި ކުދިންނަށް ކުރިއެރުން ލިބޭނީ އެކި ރޮނގުން ކަމަށެވެ.
" ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެއް. ތިޔަކުދީންގެ ކިބައިގައި ހުންނަ ހުނަރުވެސް ތަފާތުވާނެ. ތަޢުލީމު ޙާޞިލުކުރާ ދާއިރާވެސް ތަފާތުވާނެ. ވިސްނާ ވިސްނުންވެސް ތަފާތުވާނެ. ޖަމާއަތެއް މުޖްތަމަޢަކަށް ވަނީ މިދެންނެވި ސިންދަފާތުކަމުގެ ސަބަބުން. ކާމިޔާބަކީ އެކުއްޖަކު ޝަޢުޤުވެރިވާ، އެކުއްޖަކާ ގުޅޭ، އެކުއްޖަކު ގަޔާވާ ރޮނގަކުން ކުރިޔަށް ގޮސްގެން ލިބޭނޭ އެއްޗެއްކަން ޤަބޫލުކުރުން" 84،000 ދަރިވަރުންނާ މުޚާޠަބުކޮށް މިނިސްޓަރު ވިދާޅުވިއެވެ.

މުދައްރިސުންނަށް މިނިސްޓަރު ވިދާޅުވީ، ކިޔަވާކުދިންގެ ކުރިމަގަކީ 21 ވަނ ޤަރުނުގައި، ފުންމިން ނޭނގޭ ކަނޑެއް ފަދަ އެއްޗެއް ކަމަށާއި އެ ކަނޑުން އިންތިޚާއަށް ބޭނުންތެރި ވަޞީލަތްތަކާއި ތަފާތު ފުރުޞަތުތައް ލިބޭއިރު، ދިރިއުޅުން ބަނގުރޫޓު ވާފަދަ ހުރަސްވެސް އެހާމެ ގިނަ ކަމަށެވެ.
" އަޅުގަނޑުމެންގެ ދަރިން ޖެހިލުމެއްނެތި، ފަސޭހަކަމާއި ކުޅަދާނަ ކަމާއެކު، މިފަދަ ކަނޑެއްގައި ފަތަން އެނގޭނޭ ވިސްނުމާއި ހުނަރާއި ޢިލްމް ލިބިފައިވާ ބަޔަކަށް ހެދުމަކީ ތިޔަ ލޮބުވެތި މުދައްރިސުންގެ މަސްއޫލިއްޔަތެއް. ތިޔަ ބޭފުޅުންގެ މސައްކަތުގެ އަމާޒެއް" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ" ޤައުމީ މަންހަޖުގެ ތަސައްވުރާއި އޭގެ އަރައިހުރި ސިފަތައް ދަރިވަރުންގެ ކިބައިގައި އަށަގެންނުވޭނީ، އެ އެމަންހަޖު ރަނގަޅަށް ސުކޫލުތަކުގައި ތަންފީޒު ކުރެވިގެން. އެކަން ކުރެވޭނީ މުރާލި
މުދއްރިސުންނަށް، އެކަށީގެންވާ ފަހި އުފާވެރި މަސައްކަތުގެ މާޙައުލެއް ޤާއިމްކޮށްދެވިގެން" ކަމަށެވެ. ދުރުނޫން ކުރިމަގެއްގައި އެކަމުގެ އުފާވެރި ޚަބަރު ލިބިގެންދާނެ ކަމުގެ އުއްމީދު މިނިސްޓަރު ވަނީ ހުރިހާ މުދައްރިސުންނަށް ދެއްވާފައެވެ.
މިނިސްޓަރު ވިދާޅުވީ، މުޖުތަމަޢު ޤަބޫލުކުރާ ރިވެތި ސިފަތައް އަށަގަނެފައިވާ، ފަންނީގޮތުން ކުރިއަރަމުންދާ ބަޔަކަށް ހެދުމާއެކު މުޖުތަމަޢުގައި ޤަދަރުވެރި، ހައިބަވެތި މުރުއްވަތްތެރި ބަޔަކަށް މުދައްރިސުން ހެދުން މުހިންމު ކަމަށެވެ. އަދި ވިދާޅުވީ އުނގަންނައި ދިނުމުގެ ލައިސަންސެއް ލިބުމަކީ އެއީ މުދައްރިސުންނަށް އެރުވޭ ޝަރަފެއް ކަމަށެވެ.
ބެނެނިވެރިންނަށް މިނިސްޓަރު ވިދާޅުވި ގޮތުގައި، ޒންމާދާރު، މަސްއޫލިއްޔަތު އަދާކުރާ، ދުނިޔެއަށް ލޯ ހުޅުވިފައވާ ބަޔަކަށް އަޅުގަނޑުމެންގެ ލޮލުގެ ކޮއެ ފަދަ ދަރީން ވާނީ، އެކުދިންނަށް ޒިންމާ އުފުލާން ދަސްކޮށްދީގެންނެވެ.
" މަސްޢޫލިއްޔަތު ޙަވާލުކޮށް، ގޭތެރޭގެ މާޙައުލާއި ދިރިއުޅުމުގެ ހާލަތްތަކުގައި ކުރިމަތިވާ ކަންކަމުން އިބުރަތް ޙާސިލުކުރުމުގެ ފުރުޞަތު، އެކުދިންނަށް ދީ، އެކުދިންގެ ޢަމަލު ތަކުގެ ޒިންމާ ނަގަންޖެހޭނެކަން އެކުދިންނަށް ވިސްނައިދޭންޖެހޭ. އެއްވެސް ކުއްޖަކު ކުރާ ކަމަކަށް، ބުނާ ބަހަކަށް، އުޅޭ އުޅުމަކަށް، ޒިންމާވާން ޖެހޭ އެހެން މީހަކު ނުހުންނާނެކަން އެކުދިންނަށް ބުނެދެއްވަންވާނެ" ދަރިންގެ ކަންތައްތަކުގައި ބެލެނިވެރިންނަށް މިނިސްޓަރު ނަޞޭހަތެއްގެ ގޮތުގައި ވިދާޅުވިއެވެ.
advertisment
ހިޔާލު