ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިއިރު، ކިހާދޫ ސްކޫލްގެ ދަރިވަރުން ސްކޫލަށް ދިޔައީ ޗުއްޓީތެރޭގައި އެކުދިން އިންދާ ހެއްދި ގަސްތައް ހިފައިގެންނެވެ.
އެ ސްކޫލްގައި ކިޔަވާ 124 ދަރިވަރުން މިއަދު ސްކޫލުގައި ބޭއްވި އެސަމްބްލީގައި ބައިވެރިވިއިރު ކޮންމެ ކުއްޖެއްގެ ކައިރީގައި ގަސް މުށިގަނޑެއް ހުއްޓެވެ.
ކިހާދޫ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ޒުބައިރު ވިދާޅުވީ، ފާއިތުވި އަހަރުގެ ކިޔެވުން ނިންމި ދުވަހު ކޮންމެ ދަރިވަރަކަށް ވެސް ޗުއްޓީ ތެރޭގައި ކުރާނެ މަސައްކަތެއްގެ ގޮތުގައި ގަހެއް އިންދައި ހައްދަން ހަވާލު ކުރި ކަމަށެވެ. އާ އަހަރުގެ ކިޔެވުން މިއަދު ފެށިއިރު، ދަރިވަރުން ސްކޫލަށް އައީ އެކުދިން ހެއްދި ގަސް ހިފައިގެންނެވެ.

އޭނާ ވިދާޅުވީ ހުރިހާ ކުދިންހެން ގެނައީ މާއަޅާ ގަސްތަކާއި ބަގީޗާގެ ގޮތުގައި އާންމުކޮށް ހައްދާ ގަސްތައް ކަމަށެވެ. އެ މަސައްކަތް ދަރިވަރުންނާ ހަވާލު ކުރުމުގެ ބޭނުމަކީ ސްކޫލްގެ މާހައުލަކީ ފެހި މާހައުލަކަށް ހެދުމުގައި ކުދިންގެ ބައިވެރިވުން އިތުރު ކުރުން ކަމަށް ޒުބައިރު ވިދާޅުވިއެވެ.
" ހަވާލު ކުރި މަސައްކަތް ފަރުވާތެރިކަމާއެކު ދަރިވަރުން ފުރިހަމަ ކުރީ" ޒުބައިރު ވިދާޅުވިއެވެ.

ޒުބައިރު ވިދާޅުވީ ދަނޑުވެރި ކަމުގެ މަސައްކަތް ތަކެއް އެ ސްކޫލުގެ ފާމާސް ކުލަބުން ކުރިއަށް ގެންދާ ކަމަށާއި، ދިރާސީ އާ އަހަރާއެކު ކުރީ އަހަރަށްވުރެ ރަނގަޅަށް އެ މަސައްކަތް ވެސް މި އަހަރު ކުރިއަށް ގެންދާނެ ކަމަށެވެ.
ކިހާދޫ ސްކޫލްގެ ދަރިވަރުން ވަނީ ފާއިތުވި ރޯދަމަހަށް ޚާއްޞަކޮށް ކިއުކަމްބާއާއި ބައްޓާއި ކޮޕީފަތް ހައްދާފައެވެ.
advertisment
ހިޔާލު