ހަތް ޑޮކްޓަރުންނަށް ސްޕެޝަލައިޒް ވުމުގެ ފުރުޞަތު ދީފި

މެޑިކަލް ޑޮކްޓަރސް ސްޕެޝަލައިޒޭޝަން ސްކޮލަރޝިޕްގެ ދަށުން ހަތް ޑޮކްޓަރުންނަށް ސްޕެޝަލައިޒް ވުމުގެ ފުރުޞަތު ދީފިއެވެ. މި ޕްރޮގްރާމުގެ ދަށުން ސްޕެޝަލައިޒް ވުމަށް ހުޅުވި ފުރުޞަތުގައި 49 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

ޤައުމުގެ ތަރައްޤީއަށް ބޭނުންވާ މީހުން ބިނާކުރުމަށް ސްކޮލަރޝިޕް ދިނުމުގެ ސިޔާސަތުގެ ދަށުން މެޑިކަލް ޑޮކްޓަރުން އެކި ދާއިރާތަކުން ސްޕެޝަލައިޒްވުމަށް ހުޅުވާލީ މި އަހަރުގެ އެޕްރީލް 20 ވަނަ ދުވަހު ހުޅުވާލީ ހަތް ފުރުޞަތަށެވެ. ކޮންމެ ދާއިރާއަކުން ވެސް އެއް ޑޮކްޓަރަކު ސްޕެޝަލައިޒް ވުމަށް ހުޅުވާލި ފުރުސަތުތަކުގެ ތެރޭގައި ހިމެނެނީ އެނެސްތީސިއޮލޮޖީ، އިންޓަރނަލް މެޑިސިން، ސްޕައިން ސާރޖަރީ، ޕީޑިއޭޓްރިކް ޕަލްމޮނޮލޮޖީ، ގައިނެކޮލޮޖީ، ޖެނެރަލް ސާރޖަރީ އަދި ޕީޑިއޭޓްރިކްސް އެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، މި ސްކޮލަރޝިޕްތަކަށް ހޮވޭ ކެންޑިޑޭޓުން ސްޕެޝަލައިޒްވުމަށް އިޚްތިޔާރުކޮށްފައިވާ ދާއިރާއިން ސްޕެޝަލައިޒްވުމުގެ ޕްރޮގްރާމް ފުރިހަމަކުރުމަށް ހިނގާ ހުރިހާ ޚަރަދެއް (ދެކޮޅު ޓިކެޓް، ސްޓައިޕެންޑް، ބުކް އެލަވަންސް، ކޯސް ފީ،  އެސްޓަބްލިޝްމަންޓް އެލަވަންސް، ޑިޕާޗަރ އެލަވަންސް، އިންޝުއަރެންސް އަދި ވިސާ ޚަރަދު) ހަމަޖައްސާނީ ދިވެހި ސަރުކާރުގެ ފަރާތުން ކަމަށެވެ.

ސްކޮލަރޝިޕްގައި ކެންޑިޑޭޓުން ފުރިހަމަކުރާ ޕްރޮގްރާމްގެ ދިގުމިނަށް ބިނާކޮށް، ކަނޑައެޅޭ ވަކި މުއްދަތަކަށް މިނިސްޓްރީ އޮފް ހެލްތަށް ޚިދުމަތް ކުރުމަށް ޝަރުތު ކުރެވޭނެއެވެ. އެހެންކަމުން، ޕްރޮގްރާމް ނިންމުމަށްފަހު، އެ މިނިސްޓްރީން ކަނޑައަޅާގޮތެއްގެ މަތީން ދިވެހިރާއްޖެއަށް ޚިދުމަތްކުރުން ލާޒިމުވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މިއަދު ވަގުތީ ނަތީޖާ މި އިޢުލާނުކުރެވުނު 7 ސްކޮލަރޝިޕްގެ ދާއިމީ ނަތީޖާ އިޢުލާނުކުރަން ހަމަޖެހިފައިވަނީ 10 އޯގަސްޓް 2023ގަ އެވެ. ދާއިމީ ނަތީޖާއަށް ބިނާކޮށް ސްކޮލަރޝިޕްތަކަށް ހޮވޭ ކެންޑިޑޭޓުން ހޮވިއްޖެކަން އަންގާ ތާރީޚުން ފެށިގެން ގިނަވެގެން 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި އަން-ކޮންޑިޝަނަލް ޕްލޭސްމަންޓް ހުށަހަޅަންވާނެއެވެ. އަދި ހޮވުނުކަން އަންގާ ތާރީޚުން ފެށިގެން 10 (ދިހަ) މަސް ދުވަހުގެ ތެރޭގައި ކިޔެވުން ފަށަން ވާނެ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

ޑޮކްޓަރުން ސްޕެޝަލައިޒް ވުމަށް ސްކޮލަޝިޕްތައް މިސަރުކާރުން ތައާރަފްކޮށްފައި ވަނީ މިދިޔަ އަހަރުން ފެށިގެންނެވެ. މިދިޔަ އަހަރު އަށް ސްކޮލަރޝިޕްގެ ފުރުސަތު ދީފައި ވެއެވެ.

މި ސްކޮލަޝިޕްތަކުގެ ވަގުތީ ނަތީޖާ އިއުލާން ކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަންއެވެ.

ވަގުތީ ނަތީޖާ އިއުލާން ކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މީހުން ބިނާ ކުރުމުގެ ދާއިރާއަކީ މިސަރުކާރުން އަބަދުވެސް އެންމެ އިސްކަމެއްދީގެން ކުރާ އެއް މަސައްކަތް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިއަދު ސްކޮލަޝިޕް ލިބުނު ޑޮކްޓަރުން ސްޕެޝަލައިޒްވުމަށްފަހު ގައުމަށް އެނބުރި އައިސް ރައްޔިތުންނަށް އެޑޮކްޓަރެއް މަސައްކަތް ކުރާ ސަރަހައްދުތަކުން ބޭނުންވާ ސިއްހީ ޚިދުމަތްތައް ފަސޭހައިން ލުއި ފަސޭހަކޮށް ލިބިގެން ދިއުމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ސިއްހީ ދާއިރާއަށް ބޭނުންވާ ފަންނީ ހުނަރުވެރިން ތައްޔާރު ކުރުމަކީ މިސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރާ އެއް މަސައްކަތް. މިގޮތުން އަޅުގަނޑުމެންވާނީ ތަފާތު ސްކޮލަޝިޕް ސްކީމްތައް މިހާރުވެސް ވާނީ އިއުލާންކޮށްފައި. މިއަދު އަޅުގަނޑު އުފަލާއެކު މި ފާހަގަ ކޮށްލަނީ ޑޮކްޓަރުންނަށް ސްޕެޝަލައިޒްވުމަށްޓަކައި ސްކޮލަޝިޕްތަކެއް ދެވުނުކަން. އަޅުގަނޑުމެން ސްކޮލަޝިޕްތަކެއް މިދެނީ ޑޮކްޓަރުން ސްޕެޝަލައިޒްވެގެން އެނބުރި އައިސް މިނިސްޓްރީ އޮފް ހެލްތަށް ބޮންޑް ކުރެވޭގޮތަށް ކޮންޓްރެކްޗުއަލް އެގްރިމެންޓެއްގައި ސޮއި ކުރެވޭގޮތަށް ސްކޮލަޝިޕް ކިޔަވަންދާގޮތަށް." މިނިސްޓަރ ވިދާޅުވި އެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *