ޕްރިންސިޕް ނާހިދު ހަނިމާދޫ ސްކޫލަށް

ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ކަމުގައި ހުންނެވި އަބްދުﷲ ނާހިދު ހަނިމާދޫ ސްކޫލްގެ ޕްރިންސިޕަލްކަމާ ހަވާލުވެ ވަޑައިގެންފިއެވެ.

ނާހިދު ވަނީ ތިން އަހަރާއި ހަ މަސްދުވަހު ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޕްރިންސިޕަލެއްގެ ގޮތުން މަސައްކަތް ކުރައްވާފައެވެ.

ދަރިވަރު ނޫހަށް ނާހިދު ވިދާޅުވީ ހއ. އޭއީސީގައި ހޭދަ ކުރެއްވި ތިން އަހަރު ދުވަހުގެ ތެރޭގައި ހުރިހާ މުވައްޒަފުންނާއެކު ރަނގަޅު މަސައްކަތްތަކެއް ކުރެއްވުނު ކަމަށާއި ދަރިވަރުންގެ ނަތީޖާއިން ވެސް އެކަން ފާހަގަކުރެއްވޭނެ ކަމަށެވެ. އޯލެވެލްއާއި އޭލެވެލްގެ ނަތީޖާއަށް ބަލާއިރު ވެސް އެކަށީގެންވާ މސައްކަތެއް ކުރެއްވުނު ކަމުގެ ހިތްހަމަޖެހުން އޮތް ކަމަށް ވެސް ނާހިދު ވިދާޅުވިއެވެ.

" މިދިޔަ އަހަރަކީ އޭލެވެލްގެ ޓޮޕް ޓެންގައި ހއ. އޭއީސީގެ ދަރިވަރުން ހިމެނުނު ފުރަތަމަ އަހަރު. ރަށުގައި ތިބެގެން އޭލެވެލްއަށް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުކުރެވުމަކީ ވެސް އެއީ ހޯދުނު ވަރަށް ބޮޑު ކުރިއެރުމެއް" ހއ. ދިއްދޫގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒާ ގުޅޭ ގޮތުން ނާހިދު ވިދާޅުވިއެވެ.

ނާހިދު ވަނީ އޭނައަށް، ދިއްދޫއިން ލިބުނު މެހުމާންދާރީއާއި ރައްޔިތުންގެ ހިތްހެޔޮކަމާއި އެކުވެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. ޚާއްޞަކޮށް އޭނާ ހުންނެވި ގޭގެ ދެމަފިރިންނަށެވެ.

ހއ. އޭއީސީގައި ނުވަސަތޭކަ އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ނާހިދު ވިދާޅުވީ، ހަނިމާދޫ ސްކޫލުގައި ވެސް ރަނގަޅު މަސައްކަތްތަކެއް ކުރެވި، ނަތީޖާ ނެރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

ގދ. ތިނަދޫއަށް އުފަން ނާހިދު، ތަޢުލީމީ ދާއިރާގައި ހޭދަކުރެއްވި 30 އަހަރުގެ ތެރެއިން 20 އަހަރު ހޭދަކުރެއްވީ ޕްރިންސިޕަލެއްގެ ގޮތުގައެވެ. ތ. އޭއީސީއާއި ތ. އަތޮޅު މަދަރުސާއާއި އއ. ރަސްދޫގައި ހުންނަ އއ. އަތޮޅު ތަޢުލީމީމަރުކަޒާއި ލ. އަތޮޅު ތަޢުލީމީ މަރުކަޒާއި ތ. ވިލުފުށީ ސްކޫލާއި ށ. އޭއިސީގައި ވަނީ ޕްރިންސިޕަލެއްގެ ގޮތުން މަސައްކަތް ކުރައްވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *