މުދައްރިސުން ރަޖިސްޓަރީކޮށް ލައިސަންސް ދިނުމާބެހޭ ގަވާއިދު މިއަދު ގެޒެޓްކޮށްފިއެވެ.
ތަޢުލީމީ ޤާނޫނުގައި ބުނެފައިވާ ގޮތުން ސްކޫލްތަކުގެ އިތުރުން ކިޔަވައިދޭ އެނޫން ތަންތަނުގައި މަސައްކަތްކުރާ ހުރިހާ މުދައްރިސުން ރަޖިސްޓަރީވެ ލައިސަންސް ހޯދަން ޖެހެއެވެ. ލައިސަންސަށް އެދި ހުށަހެޅުމާއި ލައިންސަންސް ހޯދުމަކީ އެއީ ޚިދުމަތުގައި ތިބި ހުރިހާ މުދައްރިސުންގެ ޒިންމާއެއް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.
މިއަދު ގެޒެޓް ކުރި މުދައްރިސުން ރަޖިސްޓްރީކުރުމާއި މުދައްރިސުންނަށް ލައިސަންސް ދިނުމުގެ ގަވާއިދަކީ ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑަށް ލިބިދީފައިވާ ބާރުގެ ދަށުން އެކުލަވާލި ޤަވައިދެކެވެ.
އެޑީޔުކޭޝަން މިނިސްޓްރީން ބުނީ، މުދައްރިސްކަމުގެ ލައިސަންސް ތަޢާރަފުކުރުމުގެ މައިގަނޑު ބޭނުމަކީ ދިވެހިރާއްޖޭގައި ހިންގާ ސްކޫލްތަކާއ، ސްކޫލްތައް ފިޔަވައި ކިޔަވައިދޭ އެނޫން ތަންތަނުގައި މަސައްކަތްކުރާ މުދައްރިސުންނަކީ އުނގެނުމާއި އުނގަންނައިދިނުމަށް ބޭނުންވާ ތަޢުލީމީ ފެންވަރާއި ފަންނީ ހުނަރާއި ޤާބިލުކަން ލިބިފައިވާ ބަޔަކަށް ހެދުމާއި މުދައްރިސުންނަކީ ޤަދަރުވެރި އަދި މުޖުތަމަޢު ގަބޫލުކުރާ އަޚްލާޤީ ސިފަތައް އަށަގަނެފައިވާ ބައެއް ކަމު ގައި ހެދުމަށް މަގުފަހި ކުރުމެވެ.
އަދި ވަޒީފާގައި ދެމިތިބޭ މުދައްރިސުންނަކީ ފަންނީގޮތުން ކުރިއަރަމުންދާ ބަޔަކަށް ހެދުމާއި ތަޢުލީމުގެ ޤާނޫނުގައި މުދައްރިސުންގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަ ނޑައަޅައިފައިވާ ޒިންމާތަ ކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލުކަމާއި ހުނަރާއި މަސައްކަތުގެ އަޚްލާޤު ލިބިފައިވާ ބައެއްކަން ކަށަވަރުކުރުމެވެ.
މުދައްރިސުންގެ ގޮތުގައި ހިމެނެނީ:
- މުދައްރިސުން ( ބިދޭސީ މުދައްރިސުން ވެސް ހިމެނެނޭހެން)
- ލީޑިންގ ޓީޗަރުންނާއި ސުޕަރވައިޒަރުންނާއި ޑިޕާޓްމަންޓްތަކުގެ ހެޑުންނާއި ހެޑް ޓީޗަރުންނާއި އެ ފެންވަރުގެ މަޤާމުތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުން
- ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނާއި އެކްޓިންގ ޕްރިންސިޕަލުންނާއި އެ ފެންވަރުގެ މަޤާމުތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުން
- ސުޕްރިންޓެންޑެންޓުން
- ޓިއުޓަރުން
- ސްކޫލް ޕްރޮފެޝަންތަކުގައި މަސައްކަތްކުރާ ފަރާތްތައް )ތެރަޕިސްޓުންނާއި ކައުންސެލަރުންނާއި ސްކޫލް ހެލްތް އޮފިސަރުންނާއި ސްޕޯޓްސް ސުޕަރވައިޒަރުންނާއި ވޮކޭޝަނަލް އިންސްޓްރަކްޓަރުންނާއި ލައިބްރޭރިއަނުން ފަދަ މުވައްޒަފުން(
- ވަގުތީ ޓީޗަރުން
- ސްކޫލްތައް ފިޔަވައި މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ ތަޢުލީމާއި ތަމްރީނާއި ހުނަރު ފޯރުކޮށްދޭ ތަންތަނާއި ޕްރޮގްރާމްތަކުގައި އުނގަންނައިދޭ މުދައްރިސުން
ލައިސަންސް ހޯދުމުން އިސްތިސްނާވާ ފަރާތްތަކެއްގެ ގޮތުގައި މި ޤަވައިދުގައި ބުނެފައިވާ ފަރާތްތަކަކީ ކިޔަވައިދިނުމުގެ ތަޖުރިބާހޯދުމުގެ ގޮތުން ސްކޫލްތަކުގައި މަސައްކަތްކުރާ ދަސްކުރާ މުދައްރިސުންނާއި މުދައްރިސެއްގެ ސީދާ ބެލުމުގެދަށުން މުދައްރިސެއްގެ ހާޒިރުގައި ދަރިވަރުންނަށް މަޢުލޫމާތާއި ތަމްރީނާއި ހުނަރު ފޯރުކޮށްދޭ ފަރާތްތަކެވެ. މީގެ އިތުރުން އިދާރީ މުވައްޒަފުންނާއި ސަޕޯޓް ސްޓާފުން ވެސް އިސްތިސްނާވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އެ ޤަވައިދުގައި ބުނެފައިވާ ގޮތުގައި މުދައްރިސުން ރަޖިސްޓަރީކޮށް ލައިސަންސް ދޫ ކުރުމުގައި 2029 ޖަނަވަރީ 1 ވަ ނަ ދުވަހު ން ފެށިގެން ޙާޞިލުކުރާ ކިޔަވައި ދިނުމުގެ ދާއިރާގެ ސަނަދުތައް ޤަބޫލުކުރެވޭނީ އެ ސަނަދަކީ މިނިސްޓްރީން ޢާންމުކުރާ "ޕްރީ ސަރވިސް ޓީޗަރ އެޑިޔުކޭޝަން ސްޓޭންޑަ ރޑްސް"ގައި ބަޔާންކުރާ މިންގަ ނޑަށް ފެތޭ ކޯހަކުން ޙާޞިލުކޮށްފައިވާ ސަނަދެއް ކަމުގައި ވާނަމަ އެވެ. 2024 ވަނަ އަހަރަކީ މުދައްރިސުން ތަމްރީނުކުރާ މުއައްސަސާތަކަށް ކޯސްތަކާއި މޮޑިއުލްތައް "ޕްރީ ސަރވިސް ޓީޗަރ އެޑިޔުކޭޝަން ސްޓޭންޑަ ރޑްސް"އާ އެއްގޮތަށް ބަދަލުކުރުމަށް ދެވޭ މުއްދަ ތެކެވެ. އެހެންކަމުން 2025 ޖަނަވަރީ 1 އިން ފެށިގެން ކޯސްތައް ކުރިއަށްގެންދަން ވާނީ މި ބަދަލުތަކާ އެއްގޮތަށް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.
ލައިސަންސް ދުކުރުމުގެ ޤަވައިދު ބުނާ ގޮތުން ދިވެހިރާއްޖޭގެ ސްކޫލްތަކާއި ސްކޫލްތައް ފިޔަވައި ކިޔަވައިދޭ އެނޫން ތަންތަނުގައި މަސައްކަތްކުރާ މުދައްރިސުންނަށް ދޫކުރާނީ ތިން ބާވަތެއްގެ ލައިސަންސެކެވެ. އެއީ:
- ޓީޗިންގ ލައިސަންސް –
ޓީޗަރުންނާއި، ޓިއުޓަރުންނާއި ލީޑިންގ ޓީޗަރުންނާއި ސުޕަވައިޒަރުންނާއި ޑިޕާޓްމަންޓުތަކުގެ ހެޑުންނާއި ހެޑް ޓީޗަރުންނާއި އެ ފެންވަރުގެ ފަންނީ މަސައްކަތްކުރުމަށް ދެވޭ ލައިސަންސްއެވެ. ޓީޗަރުންގެ ލައިސަންސްގެ ފަސް ރޭންކެއް ހިމެނެއެވެ.
- ސްކޫލް ލީޑަރޝިޕް ލައިސަންސް –
މިއީ ސްކޫލްތަކާއި ޕްރީސްކޫލްތަކުގެ ލީޑަރޝިޕްގައި މަސައްކަތްކުރުމަށް ދޫކުރާ ލައިސަންސްއެކެވެ. ސްކޫލް ލީޑަރޝިޕް ލައިސަންސްގެ ތެރޭގައި ހިމެނެނީ ޕްރިންސިޕަލުންގެ ރޭންކް އެކަކުން ތިނަކަށާއި ޑެޕިއުޓީ ޕްރިންސިޕަލުންގެ ރޭންކް އެކަކުން ތިނެއްގެ އިތުރުން ސުޕްރިންޓެންޑެންޓް ރޭންކު 1ން 2 އެވެ.
- ސްކޫލް ޕްރޮފެޝަންސް ލައިސަންސް-
މިއީ ޓީޗިންގ ލައިސަންސެއް ނުވަތަ ސްކޫލް ލީޑަރޝިޕް ލައިސަންސެއް ލިބިފައިވާ ފަރާތެއްގެ ބެލުމުގެ ދަށުން ނޫން ގޮތަކަށް ސްކޫލްތަކާއި ސްކޫލްތައް ފިޔަވައި ކިޔަވައިދޭ އެނޫން ތަންތަނުގައި ދަރިވަރުންނާއެކު މަސައްކަތްކުރާ ޕްރޮފެޝަނަލް ފަރާތްތަކަށް ދޫކުރާ ލައިސަންސްއެކެވެ. މީގެ ތެރޭގައި ހިމެނެނީ ތެރަޕިސްޓުންނާއި ، ކައުންސެލަރުންނާއި ، ސްކޫލް ހެލްތް އޮފިސަރުންނާއި ސްޕޯޓްސް ސުޕަވައިޒަރުންނާއި ، ވޮކޭޝަނަލް އިންސްޓްރަކްޓަރުންނާއި ލައިބްރޭރިއަނުންފަދަ މުވައްޒަފުންނެވެ.
ޓީޗަރުން ރަޖިސްޓްރީ ކުރުމާއި ލައިސަންސް ދޫކުރުމާބެހޭ ޤަވާއިދުގައި ބުނެފައިވާ ގޮތުގައި ބިދޭސީ ޓީޗަރުންނަށް ކިޔަވައިދެވޭނެ ގޮތް ފަހިކުރުމަށް ޓަކައި ދޫކުރާނީ އެއް އަހަރުދުވަހުގެ ޕްރޮވިޝަނަލް ޓީޗިންގ ލައިސަންސެކެވެ. ބިދޭސީ ޓީޗަރުންނަށް ދޫކުރާ ލައިސަންސުގެ އެންމެ މަތީ ރޭންކަކީ ގްރެޖުއޭޓް ޓީޗަރ – ޓީޗިންގ ލައިސަންސް ރޭންކް 2 އެވެ . ބިދޭސީ ޕްރިންސިޕަލުންނަށް ދޫކުރާ ލައިސަންސުގެ އެންމެ މަތީ ރޭންކަކީ ޕްރިންސިޕަލް – ރޭންކް 1 އެވެ.
ޕޮރޮވިޝަނަލް ޓީޗިންގ ލައިސަންސްއާއި ކިޔަވައިދިނުމުގެ ވަގުތީ ލައިސަންސް ފިޔަވައި ދޭނީ ހަތަރު އަހަރު ދުވަހުގެ ލައިސަންސެކެވެ. ޕޮރޮވިޝަނަލް ޓީޗިންގ ލައިސަންސް ދެނީ އެއް އަހަރު ދުވަހަށެވެ. ކިޔަވައިދިނުމަށް ވަގުތީ ލައިސަންސް ދޭނީ ދެ އަހަރު ދުވަހަށެވެ.
advertisment
ހިޔާލު