އިހަވަންދޫ ސްކޫލަށް ޒަމާނީ މަލްޓިޕާޕަސް ހޯލެއް

ހޯލެއްގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ އިހަވަންދޫ ސްކޫލުގައި އިމާރާތް ކުރި މަލްޓިޕާޕަސް ހޯލް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިރޭ ހުޅުއްވައި ދެއްވައިފިއެވެ.

މި ހޯލުގެ މަސައްކަތް ނިންމީ އެމްޓީސީސީންނެވެ. 240 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ހަވާލުކޮށް އެ ކުންފުންޏާ ހަވާލުކުރީ 7.7 މިލިއަން ރުފިޔާއަށް، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 23 ވަނަ ދުވަހުއެވެ.

އިހަވަންދޫ ސްކޫލްގެ ޕްރިންސިޕަލް އަޙްމަދު ރަޝީދު ވިދާޅުވީ، މީގެ ކުރިން ހޯލުގައި ކުރިއަށް ގެންދަންޖެހޭ ހަރަކާތްތައް ގެންދިޔައީ ދެ ކުލާސްރޫމެއްގައި ކަމަށާއި ހޯލެއް ނެތުމުގެ ދަތިކަން އެ ސްކޫލަށް އިންތިހާއަށް އޮތް ކަމަށެވެ. މަލްޓިޕާޕާސް ހޯލާއެކު ގިނަ ހަރަކާތްތައް ފަސޭހަ ކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އަހުމަދު ރަޝީދު ވިދާޅުވިއެވެ.

" ޖަލްސާތައް ބޭއްވުމާއި އިންޑޯ ތަފާތު ކުޅިވަރުތައް މިހާރު އެއްވެސް ދައްޗެއް ނެތި ގެންދެވޭނެ. އެއީ ދަރިވަރުންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް. އަދި އެހާމެ ބޮޑު ފަސޭހައެއް" އަހުމަދު ރަޝީދު ވިދާޅުވިއެވެ.

އަށް ސަތޭކައެއްހާ ދަރިވަރުން ކިޔަވަމުންދާ ސްކޫލްގައި 16 ކުލާސްރޫމް ހިމެނޭ ހަތަރު ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތް މި އަހަރުގެ ބަޖެޓްގައި ވަނީ ހިމަނާފައެވެ. އެކަމަކު އަދި އެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައެއް ނުވެއެވެ. މި އަހަރުގެ ބަޖެޓްގައި އެ އިމާރާތުގެ މަސައްކަތައް ނުވަ ލައްކަ ރުފިޔާ ހިމަނާފައިވެއެވެ.

ޕްރިންސިޕަލް ވިދާޅުވީ ކުލާސްރޫމުގެ ދަތިކަން ވެސް އެ ސްކޫލަށް އޮތް ކަމަށާއި، ހަތަރުބުރީގެ އިމާރާތް ލިބުމުން އެއް ދަންފަޅިއަށް ކިޔެވުން ބަދަލުކުރެވޭނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *